22 ޖުލައި 2016 - 01:08

ރައީސް އަބްދުﷲ ޔާމީނަކީ ފިނޑިއެއް ކަމަށާއި އެމަނިކުފާނަށް ތާއީދު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިދިކޮޅު އިއްތިހާދުގެ ރައީސް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުން ބޭއްވި ފުރަތަމަ ޖަލްސާގައި ވީޑިއޯ ކޮންފަރެންސްކޮށް ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ އިދިކޮޅު ހުރިހާ ލީޑަރު އެއްފަރާތް ކުރަމުންދާ ކަމަށާއި ރައީސް ޔާމީނަކީ ފިނޑިއެއް ކަމަށެވެ. އެމަނިކުފާނަށް ތާއީދުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ އެކުވެރިއަކީ ޚުދު މުޚުތާރު ވެރިކަމެއް ކުރަމުންދާ އުތުރު ކޮރެއާގެ ލީޑަރެވެ. ނޫސްވެރިންނާއި ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ރައީސް ޔާމީން ހިންގަވަނީ "އަންދާ ގާނޫނު" ކަމަށް ޖަމީލް ވިދާޅުވި އެވެ.
"އަޑުގަދަ މީހާގެ ރުއްގިނަވާނެއޭ ބުނާ އުސޫލުން ހުކުމްތައް ނެރެ، ނޫސްތަކާއި ނޫސްވެރިން އަޑު މަރާލަން ހުރި މީހަކަށް ގައުމު ހަވާލުކުރަން ހެޔޮ ނުވާނެ. ސިޔާސީ ވެރިންނަށް އޮތީ އަންދާ ގާނޫނު. ނޫސްވެރިންނަށް އޮތީ އަންދާ ގާނޫނު. ޑީއެންއޭ ދިމާވާ ސިޔާސީ ލީޑަރުންނަށް ވެސް އޮތީ އަންދާ ގާނޫނު،" އިނގިރޭސިވިލާތުގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވި އެވެ.
"އެހާރާއި މިހާރާއި، ފަތިހާއި ހަވީރާއި ކޮންމެ ނޫސްވެރިއަކަށް ވެސް އޮތީ އަންދާ ގާނޫނު." ނޫސްވެރިންގެ އަޑު ކަނޑުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވަމުން ޖަމީލް ވިދާޅުވި އެވެ.
ރައީސް ޔާމީން ކުރައްވަނީ ވިރާސީ ވެރިކަމެއް ކަމަށް ވިދާޅުވެ، ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ފަހަތުގައި ތިބޭނީ އަމިއްލަ ބާރުވެރިކަން ގެއްލިފައިވާ ފިނޑި ބައެއް ކަމަށެވެ. އެފަދަ މީހުންގެ ސަބަބުން ގައުމު ހަލާކުވެ، ރައްޔިތުންގެ ހައްގުތައް ގެއްލެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރުގެ ފުރަތަމަ ހާފު ނިމުނީ އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނުން ކަމަށާއި އޭގެ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދަކީ އަމިއްލަ މަންފާއަށް މަސައްކަތް ކުރާނެ ބައެއް ނޫން ކަމަށް ވިދާޅުވަމުން ޖަމީލް ވިދާޅުވީ އިއްތިހާދުން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބައަށް ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ހުރިހާ ރައްޔިތުން ވެސް ތެދުވާން އެދޭ ކަމަށާއި އެކަމުގައި ވިޔަފާރިވެރިން ނިކުންނަންޖެހޭ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"ވިޔަފާރިވެރިން ވެސް ރައީސް ޔާމީންގެ މި އަނިޔާވެރިކަމުން ގައުމު ސަލާމަތް ކުރުމަށް ސިއްރާއި ފާޅުގައި މަސައްކަތް ނުކޮށްފި ނަމަ ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ހިތިރަހަ އެ ބޭފުޅުން ދެކޭނެ. ކޮރަޕްޝަނުން ލިބޭ ފައިސާއިން ކުރާ ވިޔަފާރިއަކުން ކުރިއެރުމެއް ނުލިބޭނެ، އެ ވިޔަފާރިން ތިމާ އާއި ތިމާގެ އާއިލާ ދަތުރުކުރާނީ އަނދިރި ކަމަކަށް،" ޖަމީލް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ކުރާ މަސައްކަތުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މިހާރު ބައިވެރިވެ ވަޑައިގަންނަވަމުންދާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ޔަގީންކަން އޮތީ ރައީސް ނަޝީދާއި ޝައިހް އިމްރާނާއި ކާނަލް ނާޒިމާއި އަދި ރައީސް މައުމޫނާއި ހުރިހާ ރައްޔިތުން ބައިވެރިވެގެން ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރާނެކަން،" ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެމެދު މައްސަލަތަކެއް ފެންމަތިވެފައިވާ މި ދުވަސްވަރު ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ގާނޫނާއި ޚިލާފަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް ސަރުކާރަށް ނަގައި، ރަނގަޅު ގޮތުގައި އެތަންތަން އަލުން ދޫކޮށް، ބޮޑެތި މަޝްރޫއުތަކުން ހޯދާފައިވާ ކޮރަޕްޝަންގެ ފައިސާ ބޭނުންކުރާ ފަރާތްތަކަށް ގާނޫނު ހިންގާނެ އެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ރަނގަޅުކޮށް، ލޯކަލް ކައުންސިލްތަކަށް ބާރު ދީ، ރައްޔިތުން ބާރުވެރި ކުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެން އުފެދޭ ސަރުކާރެއްގައި ކަމާބެހޭ ހުއްދަތައް ހޯދަން މޭޒު ދަށުން ފައިސާ ދޭކަށް ނުޖެހޭނެ،" ޖަމީލް ވިދާޅުވި އެވެ.
އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިސްވެރިންގެ ވެސް ބައިވެރިވި އެ ޖަލްސާގައި ކުރީގެ ރައީސް ނަޝީދާއި ދެ ޕާޓީގެ އިސްވެރިންނާއި އިދިކޮޅު އިއްތިހާދުން ބައިވެރިން ވާހަކަ ދެއްކެވި އެވެ.
އެ ޖަލްސާ ބާއްވަން ތަނެއް ދޫ ނުކުރުމުން އެ ޖަލްސާ ބާއްވާފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ. ޖަލްސާ ބޭއްވި ވަގުތު ފުލުހުން ދިޔައީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެހެން ނަމަވެސް ޖަލްސާ ނިމިގެން ދިޔައީ ހަމަނުޖެހުމެއް ހިނގުމެއް ނެތި އެވެ.