މިސްރުގެ ސަލާހަށް މައްކާ އިން ބިމެއް ހަދިޔާކުރަނީ
މިސްރުގެ ސަލާހަށް މައްކާ އިން ބިމެއް ހަދިޔާކުރަނީ

ލަންޑަން (އޭޕްރީލް 26) - ލިވަޕޫލަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ ވިންގް މުހައްމަދު ސަލާހުގެ ސަބަބުން އިސްލާމް ދީނުގެ އަގު އުފުލިގެންދާތީ އޭނާގެ އަގުވަޒަންކުރުމުގެ ގޮތުން މައްކާ އިން އޭނާ އަށް ބިމެއް ހަދިޔާކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް މައްކާގެ ލޯކަލް މުނިސިޕަލްޓީން ބުނެފި އެވެ.

މި ސީޒަނުގައި ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހު ވަނީ ޕީއެފްއޭ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. ސަލާހަށް ގިނަ ބަޔެއް ތައުރީފް ކުރަމުން އަންނައިރު، އޭނާގެ ސަބަބުން އިސްލާމްދީނުގެ އުސޫލުތައް ގިނަ ބަޔެއްގެ މެދުގައި އަންނަނީ މަގުބޫލުވަމުންނެވެ. އެގޮތުން ފަަހަކަށް އައިސް ކޮންމެ މެޗެއް ފެށުމުގެ ކުރިން ސަލާހު ދުއާ ކުރާ ތަން މީޑިއާ ތަކުން ދައްކަމުން އަންނައިރު، ކޮންމެ ގޯލެއް ޖެހުމަށް ފަހު އޭނާ އުފާފާޅުކުރަނީ ޝުކުރުގެ ސަޖިދައަކުންނެވެ.

މައްކާގެ ލޯކަލް މުނިސިޕަލްޓީގެ ނައިބު ރައީސް ފަހުދު އަލް-ރޫކީ ވިދާޅުވީ އޭނާ އަށް ސަލާހު ސިފަވަނީ އިނގިރޭސިވިލާތުގައި މުސްލިމުންގެ އެމްބެސެޑަރެއްގެ ގޮތުގައި ކަމަށެވެ. ފަހުދު ވިދާޅުވީ ސަލާހަށް ބިން ހަދިޔާ ކުރުމަށް ތިން ގޮތެއް މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

"ސައުދީ ސިސްޓަމުން ސަލާހަށް ބިމެއް ދިނުމުގެ ހުއްދަ ދީފިނަމަ އެ ގޮތަށް އެކަން ކުރިއަށް ގެންދިއުމަކީ ފުރަތަމަ ގޮތް. ދެ ވަނަ ގޮތަކީ ސަލާހުގެ ނަމުގައި މައްކާގައި މިސްކިތެއް ބިނާކުރުން. ތިން ވަނަ ގޮތަކީ ސަލާހުގެ އެދުމުގެ މަތިން ބިމެއް ވިއްކައިގެން ލިބޭ ފައިސާ ވަކި ބަޔަކަށް ހަދިޔާ ކުރުން،" ފަހުދު ވިދާޅުވި އެވެ.

ގަލްފްގެ ގައުމުތަކުން މީގެ ކުރިން ވެސް ވަނީ އެކި ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދާ ކުޅުންތެރިންނަށް ބިން ހަދިޔާކޮށްފަ އެވެ. އެގޮތުން އޮމާނުގެ ރައީސް ސުލްތާން ގާބޫސް ބިން ސައީދު ވަނީ އަރަބް ގަލްފް ކަޕްގައި އޮމާނުގެ ގައުމީ ޓީމުން ހޯދި ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން ކުޅުންތެރިންނަށް ފައިސާ އާއި ބިން ހަދިޔާ ކޮށްފަ އެވެ.