26 އެޕްރީލް 2018 - 18:59

ގދ. ހޯނޑެއްދޫގެ ކަރަންޓު ކޭބަލަކަށް ދިމާވި މައްސަލައަކުން ރޭ ކަރަންޓު ކެނޑި މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒް މިއަދު ވިދާޅުވީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ހޯނޑެއްދޫގެ ހުޅަނގު ސަރަހައްދުން އިއްޔެ ހަ ގަޑިއިރަށް ކަރަންޓު ކެނޑުނު ކަމަށެވެ. އިންޖީނުގޭގެ މައި ޑިސްޓްރިބިއުޝަން ފޮއްޓަށް ވަގުތީ ގޮތުން ކޭބަލެއް ގުޅުމަށް ފަހު، ރޭ 12:30 ހާއިރު ވަނީ އެ ސަރަހައްދަށް ކަރަންޓް ދޭން ފަށައިފަ އެވެ.
އެ ވަގުތު ތެރޭގައި ހުޅަނގު ސަރަހައްދުގެ ގެތަކުގެ ކަރަންޓު ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެ ކައުންސިލުން ބުންޏެވެ.
"ހުޅަނގު ސަރަހައްދުގައި 60 ވަރަކަށް ގެ ހުންނައިރު، ގިނަ ގެތަކުން ކަރަންޓުގެ އަގުބޮޑު ސާމާނު މި ވަނީ ހަލާކުވެފައި. އޭގެ ތެރޭގައި އޭސީއާ އައިސް އަލަމާރިއާ ޓީވީ ފަދަ އަގުބޮޑު އެއްޗެހި ހިމެނޭ. ބައެއް އެއްޗެހި އެބަހުރި އެއްކޮށް ވިރިގެން ހަލާކުވެފައި ވެސް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ހޯނޑެއްދޫ އަށް ކަރަންޓް ފޯރުކޮށްދެމުން އަންނަ ފެނަކައިން ބުނީ، އިއްޔެ އެ ރަށުން ކަރަންޓު ކެނޑުނީ ކޭބަލް އަކަށް ދިމާވި ޓެކްނިކަލް މައްސަލައަކުންނެވެ. އެ މައްސަލަ ދިމާވި ގޮތާއި ކަރަންޓު ސާމާނު ހަލާކުވާން ދިމާވި ގޮތް ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އަޔާޒު ވިދާޅުވީ، ތްރީފޭސް ކޭބަލް އެޅިއިރު، އޭގެ ތެރެއިން އެއް ފޭސް އޮތީ ހަލާކުވެފައި ކަމަށެވެ. އެހެންވެ ކަރަންޓު ދިނުމަށް ހުޅަނގު ސަރަހައްދު ގެތަކަށް ގުޅާފައި ހުރި ކޭބަލްތަކާއި ވަޔަރިންނަށް ވެސް މައްސަލަ ދިމާވެފައިވާ ކަމަށް ވިދާޅުވި އެވެ.
"ގެ ތަކުގައި ހުރި ކަރަންޓް ސާމާނާއި ކޭބަލްތަކަށް ވެސް މައްސަލަ ދިމާވެފައި ހުރީ. އެ އެއްޗިއްސާއެކު މިލިއަނެއްހާ ރުފިޔާގެ ގެއްލުމެއް ލިބޭނެ ކަމަށް މި ލަފާކުރެވެނީ،" އަޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލިބުނު ގެއްލުންތައް ބެލުމަށް ކައުންސިލުން ގެތަކަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ.