ރެކޯޑް މޮޅަކާ އެކު ރެއާލް ފައިނަލާ ގާތަށް
ރެކޯޑް މޮޅަކާ އެކު ރެއާލް ފައިނަލާ ގާތަށް

މިއުނިކް (އޭޕްރީލް 26) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބަޔާން މިއުނިކްގެ މައްޗަށް 2-1 އިން ކުރިހޯދައި މުބާރާތުގައި ހޯދި ރެކޯޑް 150 ވަނަ މޮޅާ އެކު ރެއާލް މެޑްރިޑް ފައިނަލާ ގާތަށް ޖެހިލައިފި އެވެ. ރެއާލަކީ ޗެމްޕިއަންސް ލީގުގައި 150 މޮޅު ހަމަކުރި ފުރަތަމަ ޓީމެވެ.

އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަންކަން ހޯދި ރެއާލްގެ ފަރާތުން ރޭ ވަނީ ރަނގަޅު ކުޅުމެއް ފެނިފަ އެވެ. މި މެޗުގައި ބަޔާނަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މެޗުގައި އެ ޓީމުގެ ވާތު ބެކް ޑޭވިޑް އަލަބާ އަށް ނުކުޅެވުމުގެ އިތުރުން މެޗު ފެށިތާ އަށް މިނިޓް ތެރޭގައި ލިބުނު އަނިޔާއަކާ ގުޅިގެން ތަޖުރިބާކާރު ކުޅުންތެރިޔާ އާރްޔެން ރޮބެން ބަދަލުކުރަން ޖެހުމެވެ.

އުނދަގޫތަކާ އެކު ކުރިއަށްދާން ޖެހުނު ނަމަވެސް ޒުވާން ކުޅުންތެރިޔާ ޖޯޝުއާ ކިމިޗް ޖެހި މޮޅު ގޯލުން މެޗުގެ 28 ވަނަ މިނިޓްގައި ބަޔާނުން ލީޑުނެގި އެވެ. އެކަމު ފުރަތަމަ ހާފު ނިމެންދެން އެ ޓީމަށް ލީޑު ހިފަހައްޓާ ނުލެވުނެވެ. މެޗުގެ 44 ވަނަ މިނިޓްގައި މާސެލޯ ވަނީ ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިތާ 12 މިނިޓް ތެރޭ ރެއާލަށް ލީޑުނަގައިދިނީ ޒުވާން ކުޅުންތެރިޔާ މާކޯ އަސެންސިއޯ އެވެ. އޭނާ މި ލަނޑު ޖެހީ ކައުންޓަ އެޓޭކެއްގައި ލޫކަސް ވަޒްކޭޒް ދިން ބޯޅައަކުންނެވެ.

މި ނަތީޖާއާ އެކު މި ފަހަރު ފައިނަލަށް ދިއުމުގެ ދޮރު ރެއާލަށް ހުޅުވިފައިވާއިރު، ބަޔާނަށް ފައިނަލުގެ ފުރުސަތު އޮތީ ރެއާލް ދަނޑުގައި ކުޅޭ މެޗުން ދެ ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ. ދެން އެ ޓީމަށް ފުރުސަތު ލިބޭނީ 2-1 އަށް ވުރެ މަތީ ސްކޯ އަކުން އެއް ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ކުއާޓާ ފައިނަލުގައި ޔުވެންޓަސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުރިމަތިވި ޕްރެޝަރުގެ ސަބަބުން އެއްވެސް މެޗެއް ފަސޭހަ ނުވާނެކަން ޔަގީންވެފައިވާ ކަމަށެވެ.

"އަހަރެމެން ބަޔާން ދަނޑުގައި މި މެޗުން މޮޅުވިޔަސް އަދި މަސައްކަތް ކުރިއަށް އޮތީ. ޔުވެންޓަސް އަތުން ވެސް އަހަރެމެން ފުރަތަމަ މެޗުން މޮޅުވި. އެކަމު ސެމީގެ ޖާގައެއް ހޯދަން ދެ ވަނަ މެޗުގައި ޖެހުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރަން. އެ ފަދަ ކަމެއް ތަކުރާރުވިޔަ ނުދެން މަސައްކަތް ކުރަންޖެހޭ،" ޒިދާން ބުންޏެވެ.

ބަޔާންގެ ކޯޗު ޔުޕް ހެއިންކެސް ބުނީ ރެއާލުން ޖެހި ގޯލު ތަަކަކީ އޭނާގެ ޓީމުން ހަދިޔާކުރި ގޯލުތަކެއް ކަމަށާއި ދެ ވަނަ ލެގަށް ނުކުންނައިރު މި މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރެވިއްޖެނަމަ އަދި އެ ޓީމަށް ފައިނަލުގެ ފުރުސަތު އެބައޮތް ކަމަށެވެ.