28 އެޕްރީލް 2018 - 07:08

މުހިއްމު ހާދިސާއެއް ހިނގާ ވަގުތު އެ ކަމެއް އެހެން މީހުންނާ ހިއްސާކުރުމަކީ ޒަމާނީ ގޮތެކެވެ. ފޮޓޯ ނަގައި ވީޑިއޯކޮށްގެން އެ މަންޒަރު ދައްކާލުމަކީ ލިބޭ އުފަލަކަށް އޮންނަނީ ވެފަ އެވެ. ޓްރާންސްޕޭރެންޓް ކެމް ނުވަތަ ޓީކެމްއަކީ މިކަން އެންމެ ފަސޭހައިން ކޮށްދޭ ވަސީލަތެވެ. އެކަމަކު މި ބާޒާރަށް ނެރެން އަދި ދުވަސްކޮޅެއް ހޭދަވާނެ އެވެ.
ޓީކެމް އަކީ ހެދުމުގައި ހަރުކުރާ ގޮށެއްހައި ކުޑަ ކެމެރާއެކެވެ. އެންމެ ފިތަކަށް އޮބާލައިގެން ލައިވްކޮށް ސްޓްރީމްކޮށްލަންވީއެވެ. ވައިފައިއާ ގުޅާކަށް ނުޖެހެއެވެ. ސްމާޓްފޯނެއް ނުވަތަ ސެޓަޕެއް ވެސް ބޭނުމެއްނޫނެވެ. ޓީކެމް ފަރުމާކޮށްފައި ވަނީ އިތުރު ބާރަކާ ނުލައި ފޭސްބުކާއި ޔޫޓިއުބައަށް ވީޑިއޯ އަޕްލޯޑްކުރެވޭ ގޮތަށެވެ. ނަގާ ވީޑިއޯތައް ވަގުތުން "ކްލައުޑް"ގައި ރައްކާކުރެވެއެވެ. ބޭނުން ނަމަ ފަހުން އެ ވީޑިޔޯ ބަލައިލެވޭނެއެވެ. އަދި އަލުން ޕޯސްޓް ވެސް ކުރެވޭނެއެވެ.
އެޕަލް ކުންފުންޏާއި އީބޭގައި ކުރިން ވަޒީފާ އަދާކުރި މުވައްޒަފުންގެ ޓީމަކުން އުފެއްދި ޓީކެމްއަކީ ހުއްޓުމެއް ނެތި ދެ ގަޑިއިރު ވަންދެން ރިކޯޑްކުރުމުގެ ގާބިލްކަން ލިބިފައިވާ ކެމެރާއެކެވެ. ނަރުތަކާ ނުލައި ޗާޖުކުރެވެއެވެ. ހައި ޑެފިނިޝަން ފެންވަރުގައި މަންޒަރު ނަގައިދީ، އެ މަންޒަރުތައް ސޯޝަލް ހުރިހައި ނެޓްވޯކްތަކާއި އަމިއްލަ ނެޓްވޯކްތަކުގައި ހިއްސާކުރެވެއެވެ. އަދި ލައިވްކޮށް މަންޒަރު ބަލަމުންދަނީ ކިތައް މީހުންކަން މީގައިވާ ކުޑަ ސްކްރީނުން ދެނެގަނެވެއެވެ.