ޖަލުގައި އެކަނި ބަހައްޓާ ނަމަ، ސިކުނޑި މޮޔަވާނެ: އުއްތަމަ ފަނޑިޔާރު
ޖަލުގައި އެކަނި ބަހައްޓާ ނަމަ، ސިކުނޑި މޮޔަވާނެ: އުއްތަމަ ފަނޑިޔާރު

މާފުށީ ޖަލުގައި ހުންނަވާއިރު، އެއްވެސް މީހަކާ ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނޯންނަ ކަމަށާއި އެގޮތަށް އެކަނި އެމަނިކުފާނު ބާއްވާ ނަމަ "ސިކުނޑި މޮޔަވާނެ" ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވަނީ ގިނަ ޝަކުވާތަކެއް ކުރައްވައިފަ އެވެ.

އެގޮތުން، ވަކީލުންގެ ހައްގުން މަހްރޫމް ކުރަމުން އަންނަ ކަމާއި ޖަލުގައި އެމަނިކުފާނާ މެދު އަމަލު ކުރަމުން ދާ ގޮތް މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފްގެ ސަމާލު ކަމަށް ގެންނެވި އެވެ. ޚާއްސަކޮށް، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާ އަކީ "ކުޅޭ ކުޅޭ" ދައުވާއެއް ކަމަށް ވިދާޅުވެ، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ގާޒީ އާދަމް އާރިފް ވަނީ މި މައްސަލަ ބެލޭނެ ކަމަށް މަދަނީ މިންގަނޑުން ކަނޑައަޅުއްވައިފަ އެވެ. އެއީ ގާޒީ ވިދާޅުވި ގޮތުގައި، ދައުލަތުން މައްސަލަ ސާބިތު ކުރަން ހުށަހަޅާފައި ވާ ހެކިތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު އެވެ. އެކަމަކު، މައްސަލަ ކުރިއަށް ދާ ވަރަކުން، ދިފާއީ ވަކީލުން ހުށަހަޅާ ހުށަހެޅުންތަކުގެ މައްޗަށް ރިއާޔަތްކޮށް، މައްސަލަ ބާތިލް ކުރުމުގެ ފުރުސަތު އަދި ވެސް އޮތް ކަމަށް ގާޒީ ވިދާޅުވި އެވެ.

މިރޭގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަން ލިބިވަޑައިގެންނެވި ފުރުސަތެއްގައި ކޮޅަށް ތެދުވެވަޑައިގެން ހުންނަވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެމަނިކުފާނާ މެދު އަމަލުކުރަނީ އެންޓި ޓޯޗާ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި ޖަލުގައި ހުންނަވާއިރު، މީހުންނާ މުވާސަލާތު ކުރުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، އެމަނިކުފާނު ހައްޔަރުކުރީ ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށް ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު، އެ ނުކުތާއާ ގުޅިގެން ގާޒީ އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެކަހެރި ކޮށްފައި ބަހައްޓަނީ ކްރިމިނަލް ކޯޓުން މީގެ ކުރިން ކުރި އަމުރެއްގެ ދަށުންނެވެ. އެކަމަކު، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން އެކަހެރިކޮށްފައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ގާޒީ އާދަމް އާރިފް ވިދާޅުވީ އުއްތަމަ ފަނޑިޔާރު ހައްޔަރު ކޮށްފައި ހުރީ ބަލަމުންދާ މައްސަލައާ ގުޅިގެން ނޫން ކަމަށާއި، އެއްވެސް މީހަކާ ވާހަކަފުޅު ނުދެއްކެވޭ ގޮތަށް އެކަހަރިކޮށް ބަހައްޓަން ކްރިމިނަލް ކޯޓުގެ ގާޒީ އަކު އަމުރު ކުރައްވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"[އުއްތަމަ ފަނޑިޔާރު] ބަންދު ކުރެވިފައި ވަނީ މި މައްސަލައަކު ނޫން. އެހެން މައްސަލަތަކެއް ވެސް އެބަހުރި. ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރީ،" ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ބާއްވާ އަޑުއެހުމެއްގައި އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ހުށަހަޅުއްވަން ބޭނުންފުޅުވާ ކަމެއް ހުށަހެޅުއްވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ބަންދުކޮށްފައި ހުންނަވާ މައްސަލަ އިސްތިއުނާފް ކުރުމުގެ މައްސަލަ ވެސް އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ އެކަހެރިކޮށްފައި ބަހައްޓަން ކޯޓުގެ ގާޒީއަކު އަމުރު ކުރެއްވި ނަމަ، އެއީ ގާނޫނާ ޚިލާފަށް ކުރައްވާ ކަމަކަށް ވެދާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އެ ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ވަކި ގޮތަކަށް ހުކުމްތައް ކުރުވަން މަސައްކަތް ކުރި މައްސަލައާ ގުޅިގެން އެ ބޭފުޅުން ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި ކަމަށް ބުނެ އެވެ. މި ދައުވާ އަށް ތިން ބޭފުޅުން ވެސް ވަނީ އިންކާރު ކުރައްވައިފަ އެވެ.