ސިފައިންނަކީ ގައުމު ވިއްކާލާނެ ބައެއް ނޫން: ޝިޔާމް
ސިފައިންނަކީ ގައުމު ވިއްކާލާނެ ބައެއް ނޫން: ޝިޔާމް

ދިވެހިންގެ ތެރެއިން ބައެއް މީހުން ރާއްޖޭގައި "ޕްރައިސް ޓެގެއް" އަޅުވައިގެން އުޅުނަސް ދިވެހި ސިފައިންނަކީ އެކަމަށް ދީލާލާނެ ބައެއް ނޫން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ޗީފް ޝިޔާމް ވިދާޅުވީ، ސިފައިން އަބަދު ވެސް މަސައްކަތް ކުރާނީ ގައުމުގެ ހެވާއި ލާބައަށްޓަކައި ކަމަށެވެ. އަދި ވިދާޅުވީ ސިފައިންގެ ޚިދުމަތަށް ގައުމު ގޮވާލާ ހިނދެއްގައި ފަހަތަށް ޖެހޭނެ ބަޔަކަށް ސިފައިން ނުވާނެ ކަމަށެވެ.

ޝިޔާމް ވަނީ، ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާ އެކު ސިފައިން އަބަދު ވެސް ތިބޭނެ ކަމުގެ ޔަގީންކަން ވެސް އަރުވައިފަ އެވެ.

"އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ މި ލޯބިވާ ގައުމުގައި ބައެެއް މީހުން ޕްރައިސް ޓެގެއް އަޅުވައިގެން އުޅުނު ކަމުގައި ވިޔަސް އެކަން ގަބޫލުކޮށް އެކަމަށް ދީލާލާނެ ބައެއް ނޫނޭ. އަޅުގަނޑުމެންގެ މި މުއައްސަސާގައި ހިމެނޭ ހުރިހާ ސިފައިންނަކީ ވެސް ޖެނެރަލް އޮފިސަރުން ފެށިގެން އެންމެ އާދައިގެ ރޭންކުގެ މީހުންނާ ހަމައަށް ވެސް އަބަދުވެސް ދައްކައި ދެމުން ދަނީ މި މިސާލު،" ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޗީފް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، ހިތްވަރުގަދަ މީހުންނަކީ އެ މީހަކު އެ ކުރިމަތިލާ ކަމަކުން ލިބިދާނެ ނުރައްކަލާއި ގެއްލުން އެނގި ހުރެ، އެކަމަކު ވާޖިބުވާ ކަމަކަށްޓަކައި ގައުމަށްޓަކައި ނުކުންނަ މީހުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބަސް އަހަންވީ، ބަސް ގަބޫލު ކުރަންވީ ފަރާތެއް ނޭނގޭ ހިސާބަށް މިހާރު ކަންތައް ވަނީ ގޮސްފަ އެވެ. އަމިއްލަ އެދުމާއި އަމިއްލަ ފައިދާއަށްޓަކައި ގައުމުގައި "ޕްރައިސް ޓެގެއް" ޖަހާފައި ދޫކުރަން ތައްޔާރަށް ތިބި މީހުން ބޮޑުތަކުރުފާނާއި އަލިރަސްގެފާނުގެ ޒަމާނެކޭ އެއްގޮތަށް މިއަދު ވެސް ދިވެހިންގެ ތެރޭގައި އެބަތިބި ކަމަށް ޝިޔާމް ވިދާޅުވި އެވެ.