25 އެޕްރީލް 2018 - 16:57

މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ކަންކަމަށް ލަފާދޭނެ ގައުމީ ކޮމެޓީއެއް އެކުލަވައިލަން ނިންމައި ސިޔާސީ ޕާޓީތަކަށާއި މުއައްސަސާތަކަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ދައުވަތު ފޮނުވައިިފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ސިިޔާސީ ޕާޓީތައް ހިމަނައިގެން 17 ފަރާތަކަށް، އެ ކޮމެޓީގައި ތަމްސީލް ކުރާނެ ބޭފުޅުންގެ ނަން ފޮނުވަން އަންގާފައި ވާނެ ކަމަށެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ކަންކަމަށް ލަފާދޭ ގައުމީ ކޮމެޓީގައި ހިމެނޭނީ ސިޔާސީ ހަ ޕާޓީގެ އިތުރުން ދައުލަތުގެ 10 މުއައްސަސާއަކާއި ޖަމިއްޔާތަކުގެ ފަރާތުން އެއް ބޭފުޅެކެވެ.
ކޮމެޓީގައި ހިމަނުއްވަން ބޭނުންވާ ބޭފުޅުންގެ ނަން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވަން ޖެހެ އެވެ.
"ނަންތައް ފޮނުވިހާ އަވަހަކަށް އަޅުގަނޑުމެން އިންތިޚާބަށް ލަފާދޭނެ ކޮމެޓީ އެކުލަވާލުމުގެ މަސައްކަތް ފަށާނަން" އަކްރަމް ވިދާޅުވި އެވެ.
އިންތިޚާބަށް ލަފާދޭ ކޮމެޓީ އަކީ، އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ކޮމެޓީއެކެވެ. ރިޔާސީ އިންތިޚާބާ ބެހޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް ލަފާ ދޭނީ އެ ކޮމެޓީންނެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކަމާ ގުޅޭ އެކި އިދާރާތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި ވޯޓާސް ލިސްޓު އެކުލަވައިލުމުގެ މަސައްކަތްތައް ހިމެނެ އެވެ. އެ މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އާއި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ)އާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.
ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އެކު ވެސް އިލެކްޝަންސް ކޮމިޝަނުން އަންނަނީ، ރިޔާސީ އިންތިޚާބާ ގުޅޭ މަޝްވަރާތައް ބާއްވަމުންނެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ. .