އިންޑިއާގެ "ރޫހީ" ޓީޗަރު ރޭޕުގެ ކުށުގައި އުމުރަށް ޖަލަށް
އިންޑިއާގެ "ރޫހީ" ޓީޗަރު ރޭޕުގެ ކުށުގައި އުމުރަށް ޖަލަށް

ނިއު ދިއްލީ (އެޕްރީލް 25) - އިންޑިއާގައި އެތައް ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ރޫހީ ޓީޗަރު އަސަރަމް ބާޕޫގެ މައްޗަށް 16 އަހަރުގެ ކުއްޖަކު ރޭޕްކުރިކަން ސާބިތުވެ އޭނާ އުމުރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

އުތުރުގެ ޖޮދްޕޫރު ސިޓީގައި އުމުރުން 77 އަހަރުގެ ބާޕޫ ހިންގާ ދީނީ މަރުކަޒެއްގައި އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ 2013 ވަނަ އަހަރު ކަމަށް ކޯޓުން ބުނެ އެވެ. ޔޯގާ އާއި މެޑިޓޭޝަން ކިޔަވައިދިނުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ބާޕޫ ހިންގާ 400 އަށް ވުރެ ގިނަ ތަން ހުރެ އެވެ. އޭނާ އަށް ދުނިޔޭގެ އެކި ގައުމުތަކުން 40 މިލިއަނަށް ވުރެ ގިނަ މީހުން ތަބާވެ އެވެ. ބާޕޫގެ ދީނީ ތަގްރީރުތައް އަޑުއައްސަވަން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ކުރިން ވަޑައިގަންނަވާ ކަމަށްވެ އެވެ.

ބާޕޫގެ ރޭޕުގެ އެހެން މައްސަލައެއް ހުޅަނގުގެ ގުޖުރާތުގެ ކޯޓެއްގައި ވެސް ކުރިއަށް ދެ އެވެ.

ބާޕޫ އަށް ހުކުމް އިއްވުމުގެ ކުރިން ޖޮދްޕޫރުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެއީ އިންޑިއާގެ އެތައް ބަޔަކު އިހްތިރާމް ކުރާ މީހެއް ކަމަށްވާ ގުރްމީތު ރާމް ރާހިމްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވާ ކަމަށް މިދިޔަ އަހަރު ނިންމުމާ ގުޅިގެން ހަމަނުޖެހުންތައް ހިންގާފައިވާތީ އެވެ. އެ ހަމަނުޖެހުންތަކުގައި ވަނީ 23 މީހުން މަރުވެފަ އެވެ.

ދެމަފިރިއަކު ބުނެފައި ވަނީ ބާޕޫ ހިންގާ ރޫހީ ކްލާހަކަށް އެ މީހުންގެ އަންހެން ދަރިފުޅު ފޮނުވުމުން ބާޕޫ ވަނީ އެ ކުއްޖާ 2013 ވަނަ އަހަރު ރޭޕްކޮށްފައި ކަަމަށެވެ. ފުލުހުންނަށް މައްސަލަ ހުށަހެޅީ އެ ކުއްޖާގެ ބެލެނިވެރިންނެވެ. އަދި ބާޕޫ ހައްޔަރުކޮށްފައި ވަނީ 2013 ވަނަ އަހަރު އެވެ.