އީގަލްސް ދެ ވަނަ އަށް އަރައި ތަފާތު ކުޑަކޮށްފި
އީގަލްސް ދެ ވަނަ އަށް އަރައި ތަފާތު ކުޑަކޮށްފި

ކްލަބް ވެލެންސިއާ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް އަލުން އަރައި، އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނާ ތިން ޕޮއިންޓް ގާތަށް ކްލަބް އީގަލްސް މިއަދު ޖެހިލައިފި އެވެ.

އެއް ވަނައިގައި 20 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު އީގަލްސް ދެ ވަނަ އަށް އެރީ 17 ޕޮއިންޓާ އެކު އެވެ. އިއްޔެ ވިކްޓަރީ ބަލިކޮށް ދެ ވަނަ މަގާމަށް އެރި ޓީސީ ސްޕޯޓްސް މިހާރު އޮތީ 14 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި 13 ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓަރީ އޮތްއިރު ވެލެންސިއާ އޮތީ 12 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

ގައުމީ ފުޓްބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން 8 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ ލީޑު ނަގައިފަ އެވެ. ކެޕްޓަން އަކްރަމް އަބްދުލްގަނީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޖެހީ ހަންސީ އަވީލޯ އެވެ.

ވެލެންސިއާގެ ލީޑު ފުޅާކުރަން އަކްރަމަށް 15 ވަނަ މިނެޓުގައި މުޅިން ހުސް ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ހަސަން އަދުހަމް (ސަޑޭ) ދިން ބޯޅަ، އޭރިއާ ތެރެއިން އަކްރަމަށް ހުސްކޮށް ލިބުނު އިރު އޭނާ ފޮނުވާލި ބޯޅަ އީގަލްސްގެ ސްރީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ މަތަކުރި އެވެ. ދެ ވަނަ ފަހަރަށް އަކްރަމް އަށް އެ ބޯޅަ ލިބި ގޯލަށް ޖަހަން އުޅުމުގެ ތެރޭ އޭނާ ވަނީ ވެއްޓިފަ އެވެ.

އީގަލްސް އިން އެއްވަރުކުރީ 18 ވަނަ މިނެޓުގައި ކެޕްޓަން އިމްރާން ނަޝީދު (އިންމަ) ޖެހި ލަނޑުންނެވެ. އަހުމަދު ރިޒްވާން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އިމްރާން ވެއްޓިގެންފައި ކަހަލަ ގޮތަކަށް ޖެހި ބޯޅަ ގޯލަށް ވަނީ މަޑުމަޑުން ގޮހެވެ. އެ ބޯޅަ ގޯލަށް އެތެރެވި ބާރުމިނަށް ބަލާއިރު އެ ބޯޅަ މަތަކުރަން ވެލެންސިއާ ކީޕަރު މުހައްމަދަށް ފައިސަލަށް ފުރުސަތު އޮތެވެ. އެކަމަކު އޭނާ އަށް ޑައިވްޖެހުނީ ނުބައި ފަޅިއަކަށެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅާއި ދެ ވަނަ ހާފުގެ ކުރީކޮޅު ދެ ޓީމަށް ވެސް މާ ރަނގަޅު ފުރުސަތެއް ނުލިބެ އެވެ. އީގަލްސް އިން ލީޑު ނެގީ 76 ވަނަ މިނެޓުގައި ރިޒްވާން ޖެހި ގޯލުންނެވެ. އޭނާ އަށް މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ގައުމީ ޓީމުގެ މިޑްފީލްޑަރު އިމްރާން ނަޝީދެވެ.

މެޗުގެ 83 ވަނަ މިނެޓުގައި އީގަލްސް އިން ލީޑު ފުޅާކުރުމާ ގާތަށް ދިޔަ އެވެ. އެކަމަކު މެސެޑޯނިއާގެ ފޯވާޑް ރިސްޓޭ ނައުމޯފް ނުރައްކާތެރި ހިލޭ ޖެހުން ވެލެންސިއާ ކީޕަރު ހުށިޔާރުކަމާ އެކު މަތަކުރި އެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް އީގަލްސް ކުޅުންތެރިއަކު ޖެހުމުން ވެސް ފައިސަލް ސަލާމަތްކުރި އެވެ.