ވަންޕްލަސް 6 އެނައުންސްކުރުން މޭ 17 ގައި
ވަންޕްލަސް 6 އެނައުންސްކުރުން މޭ 17 ގައި

ވަންޕްލަސް 6 އަތަށް އަރަން ދެން ގިނަ ދުވަހެއް ނުވާނެ އެވެ. ވަންޕްލަސް ޗައިނާ ވެބްސައިޓްގައި ދައުވަތު އާންމުކޮށްފި އެވެ. ވަންޕްލަސް 6 ތައާރުފުކޮށް، ފުރަތަމަ ވިޔަފާރި އާންމުކުރާ ގައުމަށް ވެސް ވާނީ ޗައިނާ އެވެ. ވަންޕްލަސް އަކީ ޗައިނާ ކުންފުންޏެކެވެ.

ވަންޕްލަސް ފޯނުތައް އާންމުކުރުމުގައި މީހުން ސަމާލުކުރުވަން އެ ކުންފުނިން މަސައްކަތްކުރެ އެވެ. އެ ގޮތުގައި ކުރިއާލައި ނޫސް އޭޖެންސީތަކަށް އަދި ހޮވާލެވޭ ނޫސްވެރިންނަށް ދައުވަތު ފޮނުވަ އެވެ. ހަފުލާ އަށް އާންމުކޮށް ވަންނަން އެދޭ މީހުންނަށް ޓިކެޓް ވިއްކުން އަދި ދެނެހުރި ކަމެއް ނޫން ކަމަށް ހީވާ ގޮތަށް އިޝްތިހާރު ބެނާތައް ދެމުން ހިމެނެ އެވެ.

ވަންޕްލަސް 6ގެ ސިފަތަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ބަލާއިރު، އައިފޯން 10ގެ ސިފަޖެހިފައިވާ ކަމަށް ބުނެވެ އެވެ. އެ ގޮތުން އެންމެ ބޮޑަށް ފާހަގަކުރަނީ އައިފޯން 10ގެ ސްކްރީން މަތީގައި ކޮޅުގައި އިންނަ ހުސްތަން ނުވަތަ "ނޮޗް ޑިޒައިން" އެވެ. ބަލައިލަން ހުތުރު ނަމަވެސް، ބާރުގަދަ އެންޑްރޮއިޑް ފޯނުތަކަށް ވެސް ނޮޗް ޑިޒައިން ވަނީ ވާރުތަކޮށްފަ އެވެ.

ވަންޕްލަސް 6 ވިއްކަން ހަމަޖައްސާފައި ވަނީ ކިހާ ވަރަކަށް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް، ޑިސްޕްލޭގައި 6.2 އިންޗި އިންނާނެ ކަމަށް ބުނެވެ އެވެ. ބާރުގަދަ ބެޓެރީއެއް އަޅުވާނެ ކަމަށް ވެސް ބުނެވެ އެވެ. މިއީ ވަންޕްލަސް އާއިލާ އަށް ތައާރުފުކުރާ "ވޯޓާޕްރޫފް" ފުރަތަމަ ފޯނެވެ. ވަންޕްލަސް 5ޓީ އަކީ ވެސް ފެންނަ ނުވަންނަ ފޯނަކަށް ހަދަން އެ ކުންފުނިން ބޭނުންވި ނަމަވެސް، އެކަން އެ ގޮތަށް ކޮށްފައި ނުވާ ކަމަށް ވެ އެވެ.

ވަންޕްލަސް ފޯނުތައް އުފެއްދުމަށް ބޭނުންކުރާ ބައިތައް ތަފާތުވަމުންދާ ވަރަކަށް ފޯނުތަކުގެ އަގުތައް ބޮޑުވަންދާތީ ވަފާތެރިން ނުތަނަވަސްވާކަން ފޯރަމްތަކުން އެނގެ އެވެ. އެ މީހުން ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، ވަންޕްލަސް ފޯނުތަކުގެ އަގު ހެޔޮ މޮޑެލެއް ނެރެން އެ މީހުން ވަރަށް ބޮޑަށް އެދެ އެވެ.