25 އެޕްރީލް 2018 - 12:03

އިންޑިއާގެ ގަދަބާރު ބެންގަލޫރާ ދެކޮޅަށް އޭއެފްސީ ކަޕުގައި މިއަދު ހަވީރު މާލޭގައި ނިއު ރޭޑިއަންޓް ކުޅޭ މެޗަކީ ނިއު އަށް މަރުގެ މެޗެކެވެ. މިއަދު ނިއު ބަލިވެއްޖެ ނަމަ ދެ ވަނަ ބުރަށް ދިއުމުގެ ދޮރު އެ ޓީމަށް ވަރަށް ބޮޑަށް ބަންދުވާނެ އެވެ. މީގެ ދެ ހަފުތާ ކުރިން ރަށުން ބޭރުގައި ބެންގަލޫރު އަތުން 1-0 އިން ވީ ބަލި މިއަދު ނިއު އަށް އަނބުރާލެވިދާނެ ހެއްޔެވެ؟ ތާރީހު ބުނަނީ ނިއު އަށް އެކަން ކުރެވިދާނެ ކަމަށެވެ.

މާޒީ އަށް ބަލާއިރު ނިއު ވަނީ 1995 ވަނަ އަހަރު އިންޑިއާގެ އީސްޓް ބެންގޯލް އަދި 1996 ވަނަ އަހަރު ޖޭސީޓީ މިލްސް އަތުން ރަށުން ބޭރުގައި ބަލިވެފައިވަނިކޮށް މާލޭގައި މޮޅުވެ އޭޝިއާގެ ގަދަ އަށް ޓީމުގެ ތެރެއިން ޖާގަ ހޯދައިފަ އެވެ. ގައުމީ ޓީމަށް ސާފް ގޭމްސް އިން ރިހި މެޑަލް ހޯދައިދިން ކެޕްޓަން މުހައްމަދު ކަލީމުގެ ކޯޗުކަމުގެ ދަށުން އެ ދެ ފަހަރު ނިއު ހޯދި ކާމިޔާބީތަކާ އެކު އެ ޓީމުވީ އޭޝިއާގެ މުބާރާތެއްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ދެކުނު އޭޝިއާގެ ފުރަތަމަ ޓީމަށެވެ. އެ ފަހަރު ޓީމުގައި ހިމެނުނު ކުޅުންތެރިޔާ އަލީ އާޒިމްގެ ޗެއާމަންކަމުގެ ދަށުން 2005 ވަނަ އަހަރު އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ގޮސް ނިއު އިން އެހެން ހަރުފަތަކަށް އެރި އެވެ. އެކަމަކު އިންޑިއާގެ ގަދަބާރެއް ބަލިކޮށް ނިއު އަށް ދެ ވަނަ ބުރަށް ދެވިއްޖެ ނަމަ އެއީ ޔަގީނުން ވެސް ދިވެހި ފުޓްބޯޅަ އަށް ލިބޭނެ ބޮޑު ކާމިޔާބެކެވެ.
މިއަދު ނިއުއާ ދެކޮޅަށް ނުކުން ބެންގަލޫރު ޓީމުގެ ކެޕްޓަނަކީ އިންޑިއާގެ އިތުރުން ދެކުނު އޭޝިއާގައި ވެސް ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ސުނިލް ޗެތުރީ އެވެ. އޭރު ނިއުއާ ދެކޮޅަށް ނުކުތީ އެ ވަގުތު އިންޑިއާގެ އިތުރުން ދެކުނު އޭޝިއާގައި ވެސް ތިބި އެންމެ މޮޅު ދެ ފޯވާޑުންނެވެ. ބައިޗުން ބުޓިއާ އާއި އައި.އެމް ވިޖަޔަން އެވެ.
މީގެ 23 އަހަރު ކުރިން 1995 ވަނަ އަހަރުގެ އޭޝިއަން ކަޕްވިނާސް ކަޕުގެ ދެ ވަނަ ބުރުގައި ކަލްކަތާގައި ކުޅުނު ފުރަތަމަ ލެގުން އީސްޓް ބެންގޯލް އަތުން ނިއު ބަލިވީ 2-0 އިންނެވެ. އެ ނަތީޖާއާ އެކު ނިއު އަށް ފުރުސަތު ގެއްލުނީ ކަމަށް ބެލެވުނެވެ. އެކަމަކު ގަލޮޅު ދަނޑުގައި 3-0 އިން އީސްޓް ބެންގޯލް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރީ އެވެ.
އެކަމަކު ނިއު އަށް ހަގީގީ މަސައްކަތްކުރަން ޖެހުނީ ޖެހިގެން އައި އަހަރުގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ދެ ވަނަ ބުރުގައި އިންޑިއާގެ ޖޭސީޓީއާ ދެކޮޅަށް ކުޅުނުއިރެވެ. އެތަކެއް ހުރަސްތަކެއް އެ ފަހަރު ކުރިމަތިވި އެވެ. އެކަމަކު އެ ހުރިހާ ކަމަކާ ކުރިމަތިލައި ނިއު އިން ކުރި ހޯދުން ވެގެން ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ވެސް ކްލަބުން ހޯދި އެންމެ ފުރިހަމަ އެއް ކާމިޔާބަށެވެ.
އަލީ ޝަމީމް (ކޮޔަރޭ) ގެ ލަނޑާ އެކު ފުރަތަމަ ބުރުން ސްރީ ލަންކާގެ ޕެޓާ ޔުނައިޓެޑް އަތުން މޮޅުވެ ނިއު ދެ ވަނަ ބުރުން ފުރުސަތު ހޯދިއިރު ކުރިމަތިވި ހުރަހަކީ ދެ ވަނަ ބުރު ކުޅެން ދާނެ ފައިސާ ކްލަބުގައި ނެތުމެވެ. ހާލަތުގެ ގޮތުން ދެ ވަނަ ބުރަށް ދާން ނިއު ފުރަތަމަ ބޭނުމެއް ވެސް ނުވި އެވެ. އެކަމަކު ފަހުން އެކި ގޮތްގޮތުން އެހީ ހޯދައިގެން ޖޭސީޓީއާ ކުޅެން ނިއު ދިއްލީ އަށް ދިޔަ އެވެ.
މެޗު ކުޅެން އޮތް ދުވަހުގެ ކުރީ ދުވަހުގެ ފަތިހު ދިއްލީ އަށް ދިއުމުން އެންގީ ހޮޓާ ހަމަޖެހޭނީ މެންދުރު 12 ޖެހުމުން ކަމަށެވެ. އެންމެ ފަހުން އެ ދުވަހު މެންދުރުފަސް ވަންދެއް ތިބެން ޖެހުނީ ހަތަރު ފަސް ކުޅުންތެރިޔަކު ކޮޓަރިއަކަށް ލައިގެން ގެސްޓް ހައުސްއެއްގަ އެވެ. އެއާ އެކު ނިއު އިން އެދުނީ މެޗު ފަސްކޮށްދިނުމަށެވެ. މުޅި ރޭ ދަތުރުކޮށްފައި އައިސް ތިބޭނެ ތަނެއް ނެތި އެ ދުވަހު ޕްރެކްޓިސް ކުރެވެން ނޯންނާނެތީ އާއި ޕްރެކްޓިސްނުކޮށް މެޗު ކުޅެވެން ނެތުމުންނެވެ. އެކަމަކު ނިއު އިން ބޭނުންވާ ގޮތެއް ނުވި އެވެ. އިންޑިއާ ގައުމީ ޓީމުގެ ކޭމްޕަކަށް ޖޭސީޓީގެ ފަސް ކުޅުންތެރިޔަ ދާން އޮތުމުންނާއި ދިއްލީގައި އެ ދުވަސްވަރު އެގްޒިބިޝަނެއް އޮތުމުން ހޮޓާތަކުގެ ދަތިކަން ހުރުމުން މެޗު ފަސްކުރެވޭ ގޮތެއް ނުވި އެވެ.
"އެނޫން ގޮތެއް ނެތީމާ ކުޅެންތާ ޖެހޭނީ. އަޅުގަނޑުމެންނަށް އެހީވާނެ އެހެން ފަރާތެއް ނެތް،" ނިއުގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކު ވިދާޅުވެފައިވެ އެވެ.
އެ މެޗާ ކުރިމަތިލިއިރު ނިއުގެ އަނިޔާގެ މައްސަލަ އޮތީ އިންތިހާގަ އެވެ. ތަޖުރިބާކާރު ޑިފެންޑަރު ދޮންބިލެތް އަހުމަދު ހަލީމާއި ޒުވާން ޑިފެންޑަރު އަންވަރު އަލީގެ އިތުރުން ޖުމްލަކޮށް މުޅި ޑިފެންސް ލައިން އޮތީ ބަލި އެނދުގަ އެވެ. ކޯޗު ކަލީމަށް ޖެހުނީ އޭނާގެ ކޮއްކޮ އިބްރާހިމް ކަލީމް (އިބޫ ކަލީމް) އާއި އާޒިމް ފަދަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭށެވެ.
އެކަމަކު ޖެހިގެން އައި ދުވަހު ދިއްލީގެ އަމްބެޑްކާރު ސްޓޭޑިއަމުގައި ކުޅުނު މެޗު ފަށައިގެން 25 ވަނަ މިނެޓު ކުޅެވުނުތަނާ ދަނޑުގައި ފެންބޮޑުވެ ބަންގްލަދޭޝް ރެފްރީ އަށް ޖެހުނީ މެޗު ހުއްޓާލި އެވެ.
"އެއްވެސް ކުޅުންތެރިޔެއްގެ ބޫޓެއް ނުފެނޭ. ދަނޑު ހީވަނީ މޫދެއް ހެން،" ނިއުގެ ކޯޗު ކަލީމް ބުނެފައިވެ އެވެ.
އެ މެޗު އަލުން ކުޅުނީ ޖެހިގެން އައި ދުވަހު ދިއްލީގެ ޖަވާހަރްނާލް ނެހުރޫ ސްޓޭޑިއަމުގަ އެވެ. ޖޭސީޓީން 1-0 އިން މެޗު ކާމިޔާބުކުރިއިރު ތަފާތު ދެއްކީ ބުޓިއާ އެވެ. ގޯލް ކުރިމައްޗަށް ހުރަސްވި ބޯޅައެއް ބުޓިއާ ވެއްޓިގެންފައި ބޮލުން ފޮނުވާލުމުން ގޯލްކީޕަރު މުހައްމަދު އަސްލަމް އަތުގައި ޖެހިފައި ދޫވީ އެވެ. އެ ވަގުތު ކުޅުންތެރިންތަކެއް ބޮނޑިވެގެން އުޅެނިކޮށް، ވެއްޓިފައި އޮތް ބުޓިއާ އަށް އެ ބޯޅަ އަލުން ލިބުނެވެ. ރަނގަޅަށް ނުތެދުވެވި އޮތް ބުޓިއާ ވަނީ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
އެ މެޗުން ބަލިވި ނަމަވެސް ނިއުގެ ކޯޗު ކަލީމް ހުރީ އުއްމީދުގަ އެވެ. އޭނާ ބުނީ އެ ނަތީޖާގެ ސަބަބުން މާލޭގައި މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމަށް ކުރެވޭ އުއްމީދު އާވެއްޖެ ކަމަށެވެ.
"މާލޭގައި، އަހަރެމެންގެ ދަނޑުގައި، ހުރިހާ ދިވެހިންގެ ކުރިމަތީގައި ކުޅެފިއްޔާ އެ މީހުން ބަލިކޮށްލެވޭނެހެން ހީވަނީ،" ކަލީމް ބުންޏެވެ.
ކަންވީ އެހެންނެވެ. އަހުމަދު އިރުފާން ނެގި ހުރަހެއް 74 ވަނަ މިނެޓުގައި ނިހާން ނަސީރު އެއް ފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލި އެގްރިގޭޓުން ނަތީޖާ ހަމަހަމަކުރި އެވެ. އޭގެ ކުރީ އަހަރު އިންޑިއާ އަށް ސާފް ގޭމްސް އިން ރަން މެޑަލް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ބުޓިއާ އާއި ވިޖަޔަން އަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ. އެގޮތުގައި އޮވެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރެން ރަން ގޯލަށް ކުޅެން ޖެހުނެވެ. ނިއު އިން ލަހެއް ފަހެއް ނުކުރި އެވެ. ފުރަތަމަ މިނެޓުގެ ތެރޭގައި ކެޕްޓަން ދޮންބިލެތް ހަލީމް ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅައަކުން ކޮންގޯގެ ފޯވާޑް ޕެޓްރިކް ޗިކާޔާ ޖެހި ލަނޑާ އެކު ނިއު އަށް އެގްރިގެޓުން 2-1 އިން ކުރި ލިބި މެޗު ނިމިގެން ދިޔަ އެވެ. އެއީ ބެލެވޭ ގޮތުގައި ދުނިޔޭގައި ވެސް ޖެހި އެންމެ އަވަސް ރަން ގޯލެވެ.
އެ މެޗުގެ ކުރިން ނިއުގެ ކޯޗު ކަލީމް ދެއްކި ވާހަކަ މިއަދުގެ މެޗުގެ ކުރިން ނިއުގެ މިހާރުގެ ކޯޗު އޮސްކާ ބްރުޒޮން އާއި ވައިސް ކެޕްޓަން އަކްރަމް އަބްދުލްގަނީ ތަކުރާރުކޮށްފި އެވެ. ފުރަތަމަ ލެގުން ބަލިވި ނަމަވެސް މޮޅަށް ކުޅުނު ވާހަކައެވެ. އަދި އަމިއްލަ ދަނޑުގައި ކުޅޭއިރު މޮޅުވެވޭނެ ވާހަކަ އެވެ. ދެން އޮތީ މެޗަށް ފަހު ކަލީމް ބުނި ވާހަކަ މިއަދުގެ މެޗަށް ފަހު ނިއުގެ ކޯޗަށް ތަކުރާރުކުރެވިދާނެތޯ ބެލުމެވެ.
"ހުރިހާ ކަމެއް ވެސް ދިޔައީ ހިތްއެދުނު ގޮތަށް،" އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ޓީމު ބަލިކުރުމަށް ފަހު ކޯޗު ކަލީމް ބުންޏެވެ.