"ކޮކްޓެއިލް" އަކީ ކެރިއާ ބަދަލުކޮށްލި ފިލްމެއް: ދީޕިކާ ޕަދްކޯން
"ކޮކްޓެއިލް" އަކީ ކެރިއާ ބަދަލުކޮށްލި ފިލްމެއް: ދީޕިކާ ޕަދްކޯން

ދީޕިކާ ޕަދްކޯންގެ ފިލްމީ ކެރިއަރަށް ބަލައިފި ނަމަ އޭނާއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގެ ބޮންތި އަށް އެރި ބަތަލާއެއްކަން ސާބިތު ވާނެ އެވެ. ސޯނަމް ކަޕޫރާ، އެއް އަހަރެއްގައި 2007 ގައި ފިލްމް "އޯމް ޝާންމީ އޯމް" އިން ބޮލީވުޑަށް ނިިކުމެ، ދީޕިކާ މިހާރު ހުރި ހިސާބަށް ބަލާ އިރު، ސޯނަމަށް އޭނާއާ ގާތް ވެސް ނުކުރެވޭނެ އެވެ.

ފިލްމީ އާއިލާއަކާ އެއްވެސް ދިމާލަކުން ގުޅުމެއް ނެތް މި ބަތަލާއަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ އެވެ. އޭނާގެ ފިލްމްތަކުގެ ލިސްޓް ވެސް ވަރަށް ވަރުގަދަ އެވެ.

ދީޕިކާއަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން 100 ކްރޯޑް ކުލަބްގެ ފިލްމްތައް އެންމެ ގިނަ ބަތަލާ އެވެ. އޭގެ ތެރޭގައި މި އަހަރު ރިލީޒް ކުރި "ޕަދްމާވަތު"، "ބަޖިރާއޯ މަސްތާނީ"، "ރާމް-ލީލާ"، "ޔެ ޖަވާނީ ހޭ ދީވާނީ"، "ރޭސް 2"، "ޗެންނައި އެކްސްޕްރެސް" އަދި "ހެޕީ ނިއު އިޔާ" ހިމެނެ އެވެ.

މީގެ އިތުރުން ދީޕިކާއަކީ މިދިޔަ އަހަރު ހޮލީވުޑް ފިލްމް "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ކުޅެގެން މުޅި ދުނިޔެއިން ލިބުނު މަޝްހޫރުކަމާ އެކު، ޓައިމް މެގަޒިން އިން ހޮވި މި އަހަރުގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުން ޖާގަ ވެސް ހޯދާފައިވާ ބަތަލާއެކެވެ.

ކެރިއަރާ ބެހޭ ގޮތުން، 32 އަހަރުގެ ދީޕިކާ ބުނީ އޭނާގެ ފިލްމީ ކެރިއަރު ބަދަލުކޮށްލި ފިލްމަކީ 2012 ގައި ރިލީޒް ކުރި "ކޮކްޓެއިލް" ކަމަށެވެ. އެ ފިލްމްގައި އޭނާ ކުޅެފައި ވަނީ ވަރަށް ޖެހިލުން ކުޑަ، އެންމެ މި ޒަމާނުގެ އަންހެނެއްގެ ރޯލެވެ.

ދީޕިކާ ބުނި ގޮތުގައި "ކޮކްޓެއިލް" ކުޅުނީ އެއަށް އެއްބަސް ނުވާން ގާތް ބައެއް މީހުން ލަފާ ވެސް ދީފައި ވަނިކޮށެވެ. އަދި އެ ފިލްމްގައި ކުޅުނީ އަމިއްލަ ދިރިއުޅުމާ އެއްވެސް ވަރަކަށް ގުޅުމެއް ނެތް ކެރެކްޓާއެއް ކަމަށް ބުންޏެވެ.

"އެކަމަކު އަހަރެން ރިސްކެއްގެ ގޮތުގައި ބަލައި ކޮކްޓެއިލް ކުޅުނީމަ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ކެރެކްޓާއަކަށް އަހަރެން ކުޅުނު ވެރޯނިކާ ވެގެން ދިޔައީ. އޭގެ ސަބަބުން ވަރަށް ގިނަ ކަންކަން ބަދަލުކޮށްލި،" އޭނާ ބުންޏެވެ. "އަހަރެން ބުނާނީ އަހަންނަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ފިލްމަކީ ވެސް ކޮކްޓެއިލްއޭ."

ސައިފް އަލީ ހާނާއި ޑަޔާނާ ޕެންޓީ ވެސް ކާސްޓުންގެ ތެރޭގައި ހިމެނޭ ރޮމޭންޓިކް ކޮމެޑީ "ކޮކްޓެއިލް" އަކީ ހޯމީ އަދަޖާނިއާ ޑައިރެކްޓް ކުރި ފިލްމެކެވެ.