25 އެޕްރީލް 2018 - 13:38

ހަތަރު މީހުންގެ ގުރޫޕަކުން މީހެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހުމަށް ފަހު، އޭނާގެ އަތުން މިލިއަނެއްހާ ރުފިޔާ މިއަދު ހެނދުނު ފޭރިގެންފި އެވެ.
ވެސްޓަން ޔުނިއަންގެ ގޮތްޕެއް ހިންގަމުން އަންނަ އެ މީހާ ބުނީ، ފަރީދީ މަގުގައި ހުންނަ ނޮވެލްޓީ ބުކްޝޮޕް ކުރިމަތީގައި އޮންނަ މާފަންނު ބެންތެޔޮ ގޯޅިން އޯކިޑް މަގަށް ނުކުންނަނިކޮށް ހެނދުނު 7:30 ހާއިރު ދެ މީހަކު ސައިކަލްގައި ކުރިމައްޗަށް އަރައި ފައިސާތަކުގައި ހިފި ތަނުން އެހެން ދެ މީހަކު ގޮސް އޭގެ ތެރެއިން އެކަކު މޫނަށް ޕެޕާ ސްޕެރޭ ޖެހި ކަމަށެވެ.
"ދެން ނޭނގޭ ވީ ގޮތެއް،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެކަން ދިމާވީ ޕާކްކޮށްފައި ހުރި ސައިކަލަށް އަރަން ދިޔަ މަގުމަތީގައި ކަމަށެވެ.
"ބަޔަކު ވަރަށް ބޮޑަށް ޕްލޭން ކޮށްގެން ކޮށްފައި އޮތް ކަމަށް ބެލެވެނީ،" އޭނާ ބުންޏެވެ.
މި ފައިސާ އަކީ، އޭނާ ބުނި ގޮތުގައި އޭނާ ޗާންދަނީމަގުގައި ހިންގާ ވެސްޓަން ޔުނިއަންގެ ގޮތްޕެއްގެ ފައިސާ އެވެ. އެ ތަން ކޮންމެ ދުވަހަކު މެންދުރު ފަހު ބަންދު ކުރުމުން އެ މަސައްކަތް ކުރަނީ ގޭގައި އޭނާގެ ގޭގައި ކަމަށް ބުންޏެވެ.
"މިއީ ރޭ ލިބުނު ފައިސާ. މީގެ ތެރޭގައި ހުންނާނެ ޑޮލަރާއި ސިންގަޕޫރު ޑޮލަރާއި ދިވެހި ފައިސާ ވެސް. ހުރިހާ ފައިސާއެއް އެއްކޮށްލީމަ މިލިއަން ރުފިޔާ މީގެ ތެރޭގައި އުޅޭނެ،" އޭނާ ބުންޏެވެ.
"އެ ފައިސާ މިއަދު ވެސްޓަން ޔުނިއަނަށް ގެންދިއުމުގެ މަގުމަތީގައި މިކަން މި ދިމާވީ."
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު އެކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލް (ކޭން ސޭޓު) ގެ މޫނަށް ވެސް ޕެޕާ ސްޕްރޭ ޖަހައި މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ ފައިސާ ވަނީ ފޭރިގެންފަ އެވެ. ހަމަލާ ދިން ވަގުތު ކޭން ސޭޓުގެ އަތުގައި ނުވަ ލައްކަ އާއި 1.1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ހުރި ކަމަށް ވެ އެވެ. އޭގެ ތެރޭގައި 26،000 ޑޮލަރު ހިމެނެ އެވެ.
ކޭން ސޭޓަށް ހަމަލަދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ނޭނގެ އެވެ.