ބިން ލާދިންގެ ކުރީގެ ބޮޑީގާޑެއް ޖަރުމަނުގެ ވެލްފެއާގެ އެހީގައި
ބިން ލާދިންގެ ކުރީގެ ބޮޑީގާޑެއް ޖަރުމަނުގެ ވެލްފެއާގެ އެހީގައި

ބާލިން (އެޕްރީލް 25) - އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ ބޮޑީގާޑަކަށް އެއްދުވަސްވަރެއްގައި މަސައްކަތް ކުރި ޓިއުނީޝިއާ މީހަކަށް ޖަރުމަނުގެ ވެލްފެއާ އެހީގެ ގޮތުގައި މަހަކު 2،200 ޑޮލރު ދެމުން އެބަދެ އެވެ.

ޖަރުމަނުގެ ސަރަހައްދީ ސަރުކާރަކުން މި މައުލޫމާތު އާއްމުކޮށްފައި ވަނީ ކަނާތު ފިޔައިގެ ޕާޓީ އޯލްޓަނޭޓިވް ފޯ ޖާމަނީ (އޭއެފްޑީ) އިން އެ މީހާއާ ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ. އޭނާގެ ނަމެއްގެ ގޮތުގައި ހާމަކޮށްފައި ވަނީ ސާމީ އޭ. އެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި އެ މީހާގެ ފުރިހަމަ ނަން ޖަރުމަނުގެ މީޑިއާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ހަނގުރާމަވެރި އެއްވެސް ޖަމާއަތަކާ ގުޅުން ނޯންނަ ކަމަށް ސާމީ އޭ. ބުނެ އެވެ. އޭނާ ޓިއުނީޝިއާ އަށް ނުފޮނުވައި ބަހައްޓާފައި ވަނީ ވެސް އެ ގައުމުގައި އޭނާ އަށް ދެރައެއް ދީފާނެތީ އެވެ.

އެމެރިކާ އަށް 2001 ވަނަ އަހަރު ޓެރަރިސްޓް ހަމަލާ ދިނީ ބިން ލާދިންގެ އަލްގައިދާ ޖަމާއަތުންނެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާގައި މަތިންދާ ބޯޓު ގޮއްވާލި ތިން ޕައިލެޓުން ނިސްބަތް ވަނީ ޖަރުމަނުގެ ހަމްބާގުގައި ގާއިމްކޮށްފައިވާ އަލްގައިދާގެ މަރުކަޒުތަކަށެވެ. ބިން ލާދިން ފިލައިގެން އުޅެނިކޮށް އެމެރިކާގެ ޚާއްސަ ސިފައިން ހަމަލާދީ އޭނާ މަރާލީ 2011 ވަނަ އަހަރު ޕާކިސްތާނުންނެވެ.

ޖަރުމަނުގައި ޓެރަރިޒަމާ ދެކޮޅަށް 2005 ގައި ކުރިއަށް ގެންދިޔަ ތަހުގީގުތަކުގައި ގިނަ ބަޔކު ވަނީ ސާމީ އޭ. 2000 ގެ އަހަރުތަކުގައި ބިން ލާދިންގެ ބޮޑީގާޑެއްގެ ގޮތުގައި އަފްޣާނިސްތާނުގައި މަސައްކަތް ކޮށްފައި ކަމަށް ބުނެފަ އެވެ. އެކަމަކު ސާމީ އޭ. އެކަން ދޮގު ކުރެ އެވެ. އަލް ގައިދާއާ ގުޅުން އޮތްތޯ ބަލަން ސާމީ އޭ. ގެ މައްޗަށް 2006 ގައި ވަނީ ތަހުގީގު ހިންގައިފަ އެވެ. އެކަމަކު އޭނާގެ މައްޗަށް ދައުވާ އުފުލައިފައެއް ނުވެ އެވެ.

ސާމީ އޭ. ޖަރުމަނުގައި ދިރިއުޅެނީ އެ ގައުމުގެ މީހަކާ ކައިވެނިކޮށްގެންނެވެ. އެހެންވެ އޭނާ އަށް ޖަރުމަނުން ވަނީ ވަގުތީ ރެސިޑެންސް ހުއްދައެއް 1999 ވަނަ އަހަރު ދީފަ އެވެ. ޖަރުމަނުން ހިމާޔަތް ހޯދަން އޭނާ ހުށަހެޅި ނަމަވެސް 2007 ވަނީ އެ ހުއްދަ ނުދޭން ނިންމައިފަ އެވެ. ސަބަބަކީ އޭނާ އަކީ ނުރައްކާ މީހެއް ކަމަށް ލިސްޓްކޮށްފައިވާތީ އެވެ. ކޮންމެ ދުވަހަކު ވެސް ޕޮލިސް ސްޓޭޝަނަށް އޭނާ ރިޕޯޓް ކުރަން ޖެހެ އެވެ.