22 ޖުލައި 2016 - 08:42

ފިލްމީ ތަރި ދީޕިކާ ޕަދުކޯން އޭނާ ކުޅުނު ހޮލީވުޑް ޕްރޮޖެކްޓް "3 އެކްސް ރިޓާން އޮފް ޒެންޑާ ކޭޖް" ނިންމާފައި އިންޑިއާ އަށް ދިޔައިއްސުރެ އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ތަފާތު ވާހަކަތައް ދަނީ ފެތުރެމުންނެވެ.
އެއްބަޔަކު ބުނަނީ ދީޕިކާ އާއި އޭނާގެ މިހާރުގެ ލޯބިވެރިޔާ ކަމަށް ވާހަކަ ދެކެވޭ ފިލްމު އެކްޓަރު ރަންވީރު ސިންގް އާ އެންގޭޖްވެފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ކަމަށެވެ.
ނަމަވެސް ދީޕިކާ ބުނި ގޮތުގައި މިއީ ހަމަ އަރުވައިގެން އުޅޭ އަޑު ތަކެކެވެ. ކައިރި މުސްތަގްބަލެއްގައި އޭނާ ކައިވެންޏެއް ކުރަން ޚިޔާލެއްވެސް ނުކުރެ އެވެ.
ޑިޒައިނާ މަނިޝް މަލްހޯތުރާގެ އިންޑިޔާ ކޯޗާ ވީކްގެ ޝޯސްޓޮޕާ އެއްގެ ގޮތުގައި އެކްޓަރު ފަވާދު ޚާން އާއެކު ރޭ ރޭމްޕުގައި ހިނގާލުމަށްފަހު ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނީ މިއީ މި އެ ވާހަކަ ސާފުކޮށްދޭން އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކޭ ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި މި ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދޭންޖެހޭ ވަގުތު އަތުވެއްޖެ. ކައިރި މުސްތަގްބަލެއްގައި ކައިވެންޏެއް ކުރާކަށް ނުވިސްނަން. އަހަރެން ބަނޑުބޮޑެއް ވެސް ނޫން. އެންގޭޖެއް ވެސް ނުވަން. އަދި ކައިވެންޏެއް ވެސް ނުކުރަން. އަދި އެހާ އަވަހަކަށް ކައިވެންޏެއް ކުރާކަށް ގަސްދެއް ވެސް ނުކުރަން،" ދީޕިކާ ބުނެފައި ވެއެވެ.
ދީޕިކާ އާ ރައްޓެހިވެގެން އުޅޭކަން މީހުންނަށް ދައްކަން ރަންވީރު މަސައްކަތް ކުރިޔަސް ދީޕިކާ އެހާވަރުން އުޅޭކަން މީހުންނަށް އަންގާކަށް ނޫޅެ އެވެ.
ނަމަވެސް ދާދިފަހުން ސްޕެއިންގެ މެޑްރިޑްގައި އޮތް އައިފާ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ދީޕިކާ އާއި ރަންވީރު އުޅުނު ގޮތުން އެ ދެ މީހުން ސިއްރުން އެންގޭޖްވީ ކަމަށް ވާހަކަތައް ފެތުރޭގޮތް ވީ އެވެ.
ނަމަވެސް "ތަމާޝާ"ގެ ބަތަލާ ބުނަނީ އޭނާ އާއި ރަންވީރު އޭ ކިޔައިގެން އިވޭ އަޑުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
ދީޕިކާގެ ފިލްމީ މަސައްކަތަށް ބަލާއިރު އޭނަގެ ދެންމެ އެންމެ އަވަހަށް ރިލީޒްވާނީ ވިން ޑީސަލް އާއެކު އޭނާ ކުޅުނު ހޮލީވުޑް ފިލްމު "3 އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް" އެވެ. މި ފިލްމުގެ ފުރަތަމަ ޓްރެއިލާ މިހާރު ލޯންޗުކޮށްފައިވާއިރު މި ޓްރެއިލާއިން ދީޕިކާ ފެންނަނީ ވަރަށް ކުޑަކޮށެވެ. މިކަމާ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދީޕިކާ އަށް ދަނީ މަލާމާތް ކުރަމުންނެވެ.
މިކަމަށް ވެސް ދީޕިކާ ޖަވާބު ދިނެވެ. އޭނާ ބުނީ އަދި އެންމެ ޓްރެއިލާ އެއް ބަލާފައި ކޮމެންޓް ނުކޮށް ކުރިއަށް އަންނަން ހުރި ޓްރެއިލާތަކަށް އިންތިޒާރު ކުރުމަށެވެ
ބޮލީވުޑް ފިލްމަކަށް ދީޕިކާ ދެން އެންމެ އަވަހަށް ކުޅެން ހަމަޖެހިފައިވަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ބާޖީރާއޯ މަސްތާނީ" އެވެ. ދެ ބަތަލުން އުޅޭ މި ފިލްމުގެ އެއްވެސް ބަތަލެއް އަދި ފައިނަލް ނުވެ އެވެ.