25 އެޕްރީލް 2018 - 12:08

ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ރައީސް އަބްދުﷲ ޔާމީން މިއަދު ދެއްވައިފި އެވެ.

އެ މަގާމުގެ ފަތްކޮޅު ދެއްވީ، އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެމްބަރުކަން 2009 އިން 2014 އަށް ކުރެއްވި ނަޝީދު ސަފީރަކަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފާސްކޮށްފަ އެވެ. ނަމަވެސް އެ މަގާމަށް އައްޔަން ކުރެއްވީ، މަޖިލީހުން ފާސްކުރިތާ އަހަރެއް ވާން ކައިރިވެފައި ވަނިކޮށެވެ.
އޭނާ ވަނީ ރާއްޖެ އާއި އިންޑޮނޭޝިއާ ގުޅިގެން އުފެއްދި ޖޮއިންޓް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއާމަން ކަން ވެސް ކުރައްވައިފަ އެވެ. އަދި މަޖިލީހުގެ ބައެއް ކޮމެޓީތަކުގައި ވެސް އޭނާ ބައިވެރިިވެވަޑައިގެންނެވި އެވެ.
ކުރިން އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ނަޝީދު ޑީއާރުޕީއާ ގުޅިވަޑައިގަތް ތަނާ އެ ޕާޓީގެ ލީޑަޝިޕް ބައެއް ބޭފުޅުން އެ ޕާޓީން ވަކިވުމުން ޑީއާރުޕީގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތީ ނަޝީދެވެ. އޭގެ ފަހުން މިއަދާ ހަމަ އަށް އެ މަގާމުގައި ހުންނެވީ ނަޝީދެވެ.
ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދަރުމަވަންތަ ސްކޫލުގެ ޓީޗަރު ކަން ކުރެއްވުމުގެ ކުރިން ނަޝީދު އެންމެ ފުރަތަމަ ވަޒީފާ އަދާ ކުރެއްވީ އެމްއެންޑީއެފްގަ އެވެ.
ނަޝީދު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް، އަދި އާޓްސް އެންޑް ލިންގުއިސްޓިކްސް ދާއިރާ އިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.