25 އެޕްރީލް 2018 - 09:34

އޭއެފްސީ ކަޕުގައި މޮޅުވުން މަޖުބޫރު މެޗެއްގައި މިއަދު އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް ރާއްޖޭގެ ނިއު ރޭޑިއަންޓް ނުކުންނައިރު، ބެންގަލޫރު ވަނީ މީގެ ކުރިން ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ހަތް މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ބޮޑަށް ދެކެވުނީ ވެސް އެ ވާހަކައެކެވެ. އެކަމަކު ނިއުގެ ވައިސް ކެޕްޓަން އަކްރަމް އަބްދުލްގަނީ ތަކުރާރުކޮށް ބުނީ އެ ޓީމަށް ތާރީހު ބަދަލުކުރެވިދާނެ ކަމަށެވެ. އޭނާ ހުރީ ވަރުގަދަ އަޒުމެއްގަ އެވެ.
"އަޅުގަނޑު ބެންގަލޫރު މެޗަށް ނުކުތުމުގެ ކުރިން ވެސް އެކޮޅުގައި ބުނިން އަނބުރާލެވިދާނެޔޭ ހިސްޓްރީ ބަދަލުކުރެވިދާނެޔޭ. (އެކަމަކު) ކަންދިމާކުރި ގޮތުން އެންމެ ފަހު ގަޑީގައި ބަލިވެގެން ދިޔައީ. އެންމެންނަށް ފެންނާނެ އެކޮޅުގައި އަޅުގަނޑުމެން ކުޅުނު ފުޓްބޯޅަ. މުޅިން ތަފާތު ބޯޅައެއް ކުޅުނީ. މުޅި މެޗު ޑޮމިނޭޓްކުރީ. ފަހު ގަޑީގައި އެންމެ ޕްލެޔަރެއްގެ ތަފާތު ފެނުނީ،" ބެންގަލޫރުގައި އެ ޓީމު އަތުން ފަހު ވަގުތު 1-0 އިން ބަލިވި މެޗަށް އިޝާރާތްކޮށް އަކްރަމް ބުންޏެވެ.
އަކްރަމް ބުނީ މިއަދުގެ މެޗަށް ނުކުންނާނީ އެ ހުރިހާ އެއްޗަކަށް ބަލައިގެން އެހުރިހާ ކަމަކަށް ތައްޔާރުވެގެން ރާއްޖޭގެ ދަނޑުގައި ރީތި ފުރިހަމަ ފުޓްބޯޅައެއް ކުޅެ ތާރީހު ބަދަލުކޮށްލަން ކަމަށެވެ.
"މާތްﷲ އިރާދަކުރެވިއްޔާ ދިވެހި ސަޕޯޓަރުންގެ ހިތްވަރާ އެކު (މިކަންކުރާނަން). އަޅުގަނޑުމެން އެދެން ހުރިހާ ސަޕޯޓަރުން އައިސް ސަޕޯޓްކޮށްދިނުމަށް. ކްލަބެއްގެ ގޮތުގައި ނުކުތަސް މި ނުކުންނަނީ ގައުމު ތަމްސީލްކުރަން. ހުރިހާ ބޭފުޅުން ވަޑައިގެން އަޅުގަނޑުމެންނަށް ސަޕޯޓްކޮށްދެއްވާ އިރާދަކުރެވިއްޔާ މެޗުން ހިސްޓްރީ ބަދަލުކޮށްގެން ފައިބާނީ،" ގައުމީ ޓީމުގެ ކެޕްޓަން ބުންޏެވެ.
މިއަދުގެ މެޗުގައި އަކްރަމްގެ ދިފާއީ ޕާޓްނަރު ޖޯޖް ގޮޓޯ އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެ އެވެ. އަކްރަމް ބުނީ އެންމެ ކުޅުންތެރިޔެއް މަދުވެގެން އޭގެ ގެއްލުމެއް ނުދައްކާނެ ކަމަށާއި އަނެއްކޮޅުން ދެން ކުޅެން ހުރި ހާރޫން އަމީރީއާ އެކު ގިނަ މެޗުތަކެއް ކުޅެފައިވާތީ އުނދަގުލެއް ނުވާނެ ކަމަށް އަކްރަމް ބުންޏެވެ.
"މިދިޔަ ޕްރެކްޓިސްތަކުގައި މިވަނީ ތައްޔާރުވެފައި ކޯޗުގެ އިރުޝާދާ އެކު. މި މެޗަށް ވާން ޖެހޭ ހުރިހާ ތައްޔާރީ ވެފައި މިއޮތީ. ދެން އޮތީ މާދަމާ (މިއަދު) މި ދަނޑަށް އަރައި މަސައްކަތްކުރުން. ކާމިޔާބު ދެއްވާނީﷲ. މާތް ﷲ އިރާދަކުރެވިއްޔާ މާދަމާގެ މެޗު ކާމިޔާބުކޮށްގެން ކުރިއަށް ދެވެން އޮތް ފުރުސަތުގެ ބޭނުން ހިފާނަން،" އަކްރަމް ބުންޏެވެ.
ބެންގަލޫރު މެޗުގައި ނިއު އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ހައި ޕްރެސިން ފުޓްބޯޅައެއް ކުޅުނުއިރު، އެ މެޗުގައި ވެސް އަދި ރާއްޖޭގެ ލީގު މެޗުތަކުގައި ވެސް ނިއު ކޮޅަށް ލަނޑު ވަދެފައި ހުރީ ކުރިއަށް ޖެހިގެން ކުޅުމުގެ ފައިދާ އިދިކޮޅު ޓީމުން ނަގައިގެން ކައުންޓާ އެޓޭކުގަ އެވެ. އަކްރަމް ބުނީ އެއީ ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭ ކަމެއް ކަމަށާއި މިދިޔަ ހަފުތާގެ ތަމްރީންތަކުގައި އެކަމަށް މަސައްކަތްކުރި ކަމަށެވެ.
"މާދަމާ (މިއަދު) އެންމެ ޗާންސެއް ވެސް (އިދިކޮޅު ޓީމަށް) ނުދީ ޑިފެންސް ސޮލިޑްކޮށްގެން ވަރަށް ރަނގަޅަށް ޖައްސައިގެން މަސައްކަތްކޮށްގެން ކުޅެން ޖެހޭނީ. ގޯލް ޖެހޭނެ. ޖެހޭނީ ފުރަތަމަ ކޮޅު ހިފަހައްޓަން،" އަކްރަމް ބުންޏެވެ. " އެ ދުވަހު ޕާސްކުރެވުނު. ބޯލް ޕޮޒިޝަން ކުރީގައި އުޅެނީ. ކުރިއަށް ގޮސްގޮސް ޗާންސެއް ކްރިއޭޓްނުކުރެވުނީ. (މިއަދު) އެކަންކޮށްފިއްޔާ އެނބުރޭނެ."
ނިއު އެންމެ ފަހުން ކުޅުނު އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 2-1 އިން ވަނީ ބަލިވެފަ އެވެ. އެއާ އެކު ރާއްޖޭގެ މުބާރާތްތަކުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ވަނީ ނިމިފަ އެވެ. އަކްރަމް ބުނީ އެ މެޗުން ބަލިވުމުން ދެރަވި ކަމަށާއި އެކަމަކު ހިތާމަފާޅުކުރީ ހަމައެކަނި އެ ދުވަހު ކަމަށެވެ.
"މެޗު ކާމިޔާބުކުރަން ހުރިހާ އެންމެންނަށް ކުރެވެގެން ހުރި މަސައްކަތެއް ކުރަން އިއްޔެގެ ޕްރެކްޓިހަށް ފަހު އަޒުމް ކަނޑައަޅައިފިން. މިކުރަން ކުރާނަން. އިރާދަކުރެވިއްޔާ މިކަންކޮށްގެން ފައިބާނީ،" އަކްރަމް އިތުބާރާ އެކު ބުންޏެވެ.
އޭއެފްސީ ކަޕުގެ ސެމީ ފައިނަލުން 2005 ވަނަ އަހަރު އަދި ކުއާޓާ ފައިނަލުން 2013 ވަނަ އަހަރު ޖާގަ ހޯދި ނިއު އަކީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ދިވެހި ހަމައެކަނި ޓީމެވެ. އަދި ނިއު އަކީ ބެންގަލޫރަށް ފަހު އޭއެފްސީ ކަޕުގައި ދެކުނު އޭޝިއާ އިން އެންމެ ކާމިޔާބު ޓީމެވެ.