26 އެޕްރީލް 2018 - 06:19

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަޖޫ ޖަހާ މީހުންނަށް މި ފަހަރު އަނެއްކާ ވެސް އާ ކަމެކެވެ. އޭނާއާ ވައްތަރު މީހަކު ސްޕެއިނުން ފެނިގެން، އެ ވާހަކަ ސޯޝަލް މީޑިއާގައި މިހާރު ވަރަށް ގަދަ އެވެ. އެކަމަކު ސްޕެއިނުން ފެނުނު، ޓްރަމްޕާ ވައްތަރު މީހާއަކީ އަންހެނެކެވެ.
އެއީ ސްޕެއިންގެ ލަ ކޮރޫނާގައި ދަނޑުވެރިކަން ކުރާ ޑޮލޯރެސް ލެއިޒް އެންޓެލޯ އެވެ. އޭނާ މަސައްކަތް ކުރާ ދަނޑުގައި އުދެއްޔެއް ކޮނޑަށް ލައިގެން ހުއްޓައި ނަގާފައިވާ ފޮޓޯއެއް އިސްޓަގްރާމްގައި ދައުރުވާން ފެށުމުން، ގިނަ ބަޔަކު ވަނީ ޓްރަމްޕާ ވަރަށް ވައްތަރު ކަމަށް ބުނެފަ އެވެ. ހާއްސަކޮށް، މޫނުގެ ބައްޓަން ހުރި ގޮތާއި ބޮލުގެ އިސްތަށިގަނޑު ވަރަށް އެއްގޮތެވެ.
އެކަމަކު އެންޓެލޯ އުދަލި ކޮނޑަށްލައިގެން ހުރި ގޮތުން ބައެއް މީހުން ބުނެފައި ވަނީ ޓްރަމްޕް ގޮލްފް މެޗެއްގެ ތެރޭގައި އުޅޭ ގޮތަށް ވައްތަރު ކަމަށެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ އެއް ގައުމުގެ ރައީސާ އެންޓެލޯއާ ވައްތަރުކަމުން އެންމެން މިހާރު އެ ވާހަކަ ދައްކާތީ މީޑިއާއަކަށް އޭނާ ބުނީ ޓްރަމްޕާ ވައްތަރީގެ އިސްތަށިގަނޑުގައި ހުރި ކުލައިގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.
މިހާރު ގިނަ ބަޔަކު އެންޓެލޯ ސިފަ ކުރަނީ "ކޮސްޓަ ޑާ މޯޓްގެ ޓްރަމްޕް" ގެ ގޮތުގަ އެވެ. ކޮސްޓައަކީ އެންޓެލޯ ދިރިއުޅޭ ކޮރޫނާގެ ޕްރޮވިންސެކެވެ.
ޓްރަމްޕާ ވައްތަރުކަމުން އެތައް ބައެއްގެ ސަމާލުކަން މިހާރު އެންޓެލޯ އަށް ލިބުނަސް، އޭނާ ހުރީ އެކަމަކާ މާ އުފަލަކުންނެއް ނޫނެވެ. އަދި އާދައިގެ މަތިން އޭނާގެ ކަމަކީ ދަނޑުހެއްދުމެވެ. އެހެން ކަމަކަށް ސަމާލުކަން ދެވޭ ވަރެއް ނޫނެވެ.