25 އެޕްރީލް 2018 - 06:07

އާދިއްތަ ދުވަހާ ގުޅޭ
ބުނާނެ އެއްޗެއް ނޭނގިގެން އަހަރެން ހިމޭނުން އަޑުއަހަން އޮތީ އެވެ. އޭނަ ހިތްހަމަޖައްސައިދިނުމުގެ ނިޔަތުގައި ދޮގު އުންމީދުތަކެއް އާކޮށެއް ނުދެވޭނެ އެވެ. ހިތުގެ އުދާސްގަނޑު ބޭރުވުމުން ނަސީބަކުން ސަބާ އަމިއްލަ އަށް ހަމައަކަށް އެޅުނެވެ. ރޭގެ ބާކީ ބައި އަހަރެމެން ހޭދަކޮށްލީ އިތުރަށް އެ މައުޟޫއަށް ވާހަކަދެއްކުމެއްނެތި އެވެ.
ދެ ދުވަސް ފަހުން އަހަރެންނާއި އަޔާން ކެއުމަކަށް ދިޔައީމެވެ. އަހަރެން އިނީ އަޔާން ދައްކަން އުޅޭ ވާހަކައެއް ނުފަށައިގެންނެވެ. އެކަމަކު އޭނަގެ ފުށުން އެފަދަ އެއްވެސް އިޝާރާތެއް ނުފެނުނެވެ. އެންމެފަހުން ނީނދެވިގެން ސުވާލު ކުރީމެވެ.
އަޔާން ސިކުނޑި އަށް ބާރުލައިފައި ވިސްނާލި އެވެ. އެކަމަކު ކުރިން އޭނަ ބުނަން އުޅުނު ވާހަކަ ހަނދާންވި ކަމަކަށް ނުވި އެވެ. އަހަންނަށް ވިސްނުނީ އަޔާން ގަސްތުގައި އަހަރެން ގެންނަން ދައްކާލި ބަހަނާއެއް ކަމުގަ އެވެ.
އަހަންނަށް އެއީ މާބޮޑު މައްސަލައަކަށް ނުވި އެވެ. އެކަމަކު އިތުބާރު ހޯދަން އުޅޭ މީހަކު އެވަރު ކުޑަ ކަމަކާއި ތެދުވެރިކަން އިޚުތިޔާރު ނުކުރުމުން ޝަކުވާ އުފެދުނެވެ.
ޒައިދުބެ އަށް އަހަރުމެން ދެ މީހުންގެ ގުޅުން އެނގުނު ދުވަހު އުފަލުން ފޮޅުނެވެ. އެކަމަކު ލީނާ ހުރީ މާ ހިތްހަމަޖެހިފައެއް ނޫނެވެ. އަޔާން އެއްފަރާތަކަށް ގެންގޮސްގެން ވާހަކަދައްކަނިކޮށް އަހަންނަށް އެތަނަށް ދެވުނެވެ.
ލީނާ އަހަރެން ދެކެ ވާ ލޯތްބާ މެދު އަހަރެން އެއްފަހަރު ވެސް ޝައްކެއް ނުކުރަމެވެ. އޭނަ ކުރާކަމެއް ވިއްޔާ ކުރާނީ އަހަރެންގެ ހެވަށް ވިސްނާފައިކަން ގަބޫލު ކުރެވެ އެވެ. ލީނާ އަޔާން ކައިރީ އޭނަގެ މަގުސަދާ ބެހޭގޮތުން އެހުމުން ނޭވާ ހިފަހައްޓާލައިގެން ހުރެވުނެވެ. އަޔާންގެ ބޭނުމަކީ ވަގުތީ އުފާތަކެއް ކަމުގައި ވަންޏާ ވަގުތުން އެކަން ހުއްޓާލުމަށް ލީނާ އެންގީ ދިން އިންޒާރެއްގެ ގޮތުގަ އެވެ.
އަޔާންގެ ޖަވާބު އަހާފައި އަހަރެން ހިތްހަމަޖެހުނެވެ.
"ލީނާ އަހަންނަށް އެނގޭ ލީނާ އަހަރެން ދެކެ ލޯބިވާވަރު އެކަމަކު އަހަރެންގެ ބޯއިފްރެންޑް ބިރުގަންނަވާލާފަ ފައްސާލަންތަ ތިއުޅެނީ؟" އެ މީހުން ފެންނަ ހިސާބަށް ނިކުންނަމުން އަހަރެން ޖޯކު ޖެހީމެވެ.
ލީނާ ހިނި އައިސްފައި ދެ ފަރާތަށް ބޯ ހޫރައިލި އެވެ. އަހަރެމެން އެކަނިކޮށްފައި ލީނާ ދިއުމާއެކު އަޔާން އަހަރެންގެ އަތުގައި ހިފައިލި އެވެ.
"ސޮރީ އެބައުޓް ހާ." އަހަރެން މާފަށް އެދުނީމެވެ.
ލީނާގެ ނިޔަތް ރަނގަޅަށް އެހާ ހަރުކަށިކޮށް ވާހަކަ ހުރުމުން އަޔާންއަށް އަސަރުކޮށްފާނެ އެވެ. އެކަމަކު އަޔާންގެ ފުށުން ފެނުނީ އޭގެ އިދިކޮޅެވެ. އޭނަ ހިނިއައިސްފައި މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރުވައިލި އެވެ.
ދެ މީހުން ވާހަކަދައްކަން ތިއްބާ އަޔާންގެ މަންމަ ގުޅި އެވެ. ވާހަކަދައްކަން ހުރެފައި އަޔާން ކުއްލިއަކަށް އަހަރެންގެ އަތަށް ފޯނު ދިނެވެ. ބިރުން އަހަރެންގެ މޭގަނޑު އަނގައަށް އައިކަހަލަ އެވެ. ދެކޮޅު ހެދުމުގެ ގޮތުން ދެ ފަރާތަށް ބޯހޫރަމުން އަޔާން އަށް ފޯނު އަނބުރާ ދިނީމެވެ. އޭރު އެކޮޅުން އަޔާން މަންމަ އަޔާން އަށް ގޮވާ އަޑު އިވެ އެވެ.
"މަންމާ. އަހަރެން ބުނީމެއްނު ކުއްޖަކާ ބައްދަލު ކުރުވަން ބޭނުން ވާހަކަ." އަޔާން އެންމެފަހުން ފޯނުގައި ހިފާފައި ބުނަން ފެށި އެވެ. އޭނަގެ ނަޒަރު ހުރީ އަހަންނަށެވެ.
އަހަރެންގެ ހާސްކަން ވީ އިތުރެވެ. އަވަހަށް އެތަނުން ދާން ހިނގައިގަތީމެވެ. އެކަމަކު އަޔާން މާ ހުޝިޔާރެވެ. ފަސްދިންތަނާ އަހަރެންގެ މުލައްދަނޑީގައި ހިފާފައި ހުއްޓުވައިފި އެވެ. ފޯނު ކަންފަތާއި ދުރުކޮށްލުމަށްފަހު ސްޕީކަރަށް ލައިފައި އަހަރެންގެ ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެން ހުރެ ފޯނަށް ޖަވާބު ދޭން ފެށި އެވެ.
"މަންމަ ގޮވާލަބަލަ ސާޖީ އަށް. އޭނަ މިތާ އެބަހުރި." އަޔާން ވާހަކަދެއްކިއިރު އެނޭވާގެ މީރުވަސް އަހަރެންގެ ނޭފަތުގައި ހަރުލި އެވެ.
ދެ މީހުންނަށް ތިބެވުނުލެއް ގާތްކަމުން އަހަރެން ހުރީ ހިތް އަވަސްވެފަ އެވެ.
އަޔާންގެ މަންމަ އަހަރެންނަށް ގޮވާލައި ހާލު އެހީ ދަންނަ މީހެއް ފަދައިންނެވެ. އެ އަޑުގައި ގާތްކަން ވި އެވެ. އަހަންނަށް މަޖުބޫރު ވެގެން ވާހަކަދެއްކީމެވެ. އަޔާންގެ މަންމަގެ ވާހަކައިން އެނގުނީ އަހަންނަކީ އާ މީހެއް ނޫންކަމެވެ.
ކައިވެނި ކުރަނީ ކޮން ދުވަހަކުންތޯ އެހުމުން އަހަރެން ސިހުނެވެ. ދޭނެ ޖަވާބެއް ނޭނގިގެން އަޔާންގެ މޫނަށް ބަލައިލެވުނެވެ.
"ސާޖީ ކައިވެންޏަށް އެއްބަސްވީހާ އަވަހަކަށް އިންނަން އަހަރެން މިހުރީ. މަންމަ ބުނެބަލަ ސާޖީ ކައިރީ އަހަންނާ އިންނާށޭ." އަޔާން ފަސޭހަކަމާ އެކު އެ ވާހަކަ ދެއްކިގޮތުން އެ ދެމެދުގައި އޮތް ގުޅުމުގެ ގާތްކަން ދޭހަވި އެވެ.
އެއާ ޚިލާފަށް އަހަރެން ހުރީ ލަދުގަނެފަ އެވެ. އަޔާން އެގޮތަށް ޖަވާބު ދިނީ ވެސް މަންމަ ހިތްހަމަޖައްސައިދޭންކަން އެނގުނެވެ.
"ކީއްކުރަން އެހެން ބުނީ؟ މަންމަ ދެން ހުންނާނީ އެއުންމީދުގަ ކަންނޭނގެ." ފޯނު ނިމުނުހާ އަވަހަކަށް އަހަރެން ޝަކުވާކުރީމެވެ.
"ކިހިނެއްވީ؟ އަހަންނާއި އިނުމުގެ ވިސްނުން ނެތީތަ؟" އަޔާން އެއް އަތުން އަހަރެންގެ މޫނުގައި ހިފަހައްޓާލިއިރު ސީރިއަސްކަން ވި އެވެ.
"އަޔާން ގޯސްކޮށް ތިވިސްނަނީ. އަހަރެން މިހެން މިބުނީ މަންމަ ދެރަވެދާނެތީ. ކިހިނެތް އެނގެނީ ވާނެގޮތެއް." އަހަރެން ދިން ޖަވާބުން އަޔާން މޮޅިވިކަން އެނގުނެވެ. އެކަމަކު އޭނަ ހިނިތުންވެލި އެވެ.
މަހެއް ވާން ހަފްތާއަކަށް ވެފައިވާއިރު އަޔާން މިހާރު ނިންމައިގެން ހުންނާނީ އަހަރެން އޭނައަށް އިތުބާރު ކުރަމޭ އިންނާނަމޭ ބުނެ އެ ސުވާލަށް ޖަވާބު ދޭނެ ކަމަށެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އަޔާންގެ ފުށުން ލޯއްބާއި އޯގާތެރިކަން ނޫން އެއްޗެއް އަހަރެން ނުދެކެމެވެ.
ޅަ ދުވަހު އޭނަ ކުރި ކުށަށް އޭނަ އަހަރެންގެ ކިބައިން މާފަށް އެދުނެވެ. އެކުށަށް އަހަރެން ހިތުގެ އަޑިން މާފުކޮށްފީމެވެ. އޭނައަށް އިތުބާރު ކުރެވެ އެވެ. އެކަމަކު އެ ވާހަކަ އަހަރެން ބުނާނީ އަޔާން ކަނޑައެޅި މުއްދަތު ހަމަވީމަ އެވެ.
ޖެހިގެން އަންނަ މަހުގެ އެއްވަނަ ދުވަހަކީ އަޔާންގެ އުފަންދުވަހެވެ. އަހަރެން ރާވައިފައި އޮތީ އެ ދުވަހު ކުރިން އޭނައަށް ސަޕްރައިޒް ޕާޓީއެއް ދިނުމަށެވެ. އަހަރެން ނިންމާފައިވާ ގޮތް އެ ޕާޓީގައި ހާމަކުރަން އަހަރެން ތައްޔާރުވީމެވެ.
ޕާޓީގެ ތައްޔާރީތަކުގައި އަހަންނާ އެންމެ އެހީވީ ސަބާ އާއި ލީނާ އެވެ. ޒައިދުބެ އުޅުނީ އަޔާން ގެއަށް ވަނަ ނުދީ އޭނަ ގޮވައިގެން ވިޔަފާރި ކުރުމުގަ އެވެ. ލީނާ ވިހަން ވާއިރަށް ހަމަނުކޮށް ހުރި އެއްޗެހި ހަމަކުރުމުގެ ބަހަނާ ގަ އެވެ.
"އައިމް ސޯ ހެޕީ ފޯ ޔޫ." ސަބާ އަހަރެން ހުއްޓުވާފައި އައިސް ބުނެލި އެވެ.
އެ މޫނުގައި ވީ ހިތާމަވެރި ހިނިތުންވުމެކެވެ. އަދުހަމް ނިކުތްތާ ގިނަ ދުވަހެއް ނުވެ އިތުރު މައްސަލައެއްގައި ކުޑަގޮޅިއަށް ލީ ވާހަކަ ސަބާ ބުންޏެވެ. އޭގެ ފަހުން ސަބާ ހިނިތުންވަނީ މަދުންނެވެ. އެކުވެރިޔާ އެހާ ހިތާމައިގައި އުޅެނިކޮށް އުފަލުގައި އުޅެން ވެސް އަހަރެން ބައެއްފަހަރު ފަސްޖެހެ އެވެ. އެކަމަކު އަދުހަމް ކަހަލަ މީހަކާ ސަބާ ގުޅޭކަށް ނޭދެމެވެ.
އޭނައަށް އެކަން ވިސްނަދޭން ފަށާއިރަށް ފަށަނީ ރޯށެވެ. އަހަރެންނަށް ޖެހެނީ އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓައިލާށެވެ.
އަހަރެމެން ބުނި ގަޑިއަށްވުރެ ފަސްވަރަކަށް މިނިޓް ކުރިން ގޭގެ ބެލްޖެހި އެވެ. އަހަންނަށް ބަލައިލެވުނީ ލީނާ އަށެވެ. ނަސީބަކުން ތައްޔާރީތައް ހުރީ ނިމިފަ އެވެ. ޒައިދުބެއަށް އެއްޗެހި ކިޔަމުން ލީނާ ގޮސް ދޮރު ހުޅުވި އެވެ.
ދޮރުންވަން އަޔާންއަށް ތަނުގެ ހާލަތު ފެނުމުން ފިޔަވަޅުތައް ހުއްޓުނެވެ. އެކަމަކު އެމޫނުގެ ނުތަނަވަސްކަން ފިލައިގެނެއް ނުދިޔަ އެވެ. އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. އަވަސްއަވަހަށް އައިސް އަޔާންގެ ކައިރިއަށް ހުއްޓެވުނެވެ.
"ސާޖީ އަހަރެން ދާން ޖެހިއްޖެ. މަންމަ ކުއްލިއަކަށް ވަރަށް ބަލިވެގެން ހޮސްޕިޓަލުގަ ވީ މިހާރު." އަޔާން އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާ ނުލާ ގޮސް ކޮޓަރިއަށް ވަނެވެ.
ނުނިމޭ