މަރުވި ދަރިފުޅުގެ ހިތް އެހެން މީހެއްގެ ހަށިގަނޑުގައި
މަރުވި ދަރިފުޅުގެ ހިތް އެހެން މީހެއްގެ ހަށިގަނޑުގައި

ނޯތު ޑަކޯޓާގައި ދިރިއުޅޭ އަންހެނަކަށް، މަރުވެފައިވާ ފިރިހެން ދަރިފުޅުގެ ހިތުގެ އަޑު ފުރަތަމަ ފަހަރަށް އިވިއްޖެ އެވެ. އެއީ ދަރިފުޅު މަރުވުމުން އޭނާގެ ހިތް ހަދިޔާކުރި މީހާއާ ބައްދަލުވުމުންނެވެ.

މަރުވި ދަރިފުޅުގެ ހިތް އެހެން މީހެއްގެ ހަށިގަނޑުގައި
މަރުވި ދަރިފުޅުގެ ހިތް އެހެން މީހެއްގެ ހަށިގަނޑުގައި

ލިސާ ސްވެންސަން 64 އަހަރުގެ ޓެރީ ހޫޕާއާ ބައްދަލުވީ ލިސާގެ ދަރިފުޅު ލެވީ ޝޫޒްގެ ހިތް ހޫޕާގެ ހަށިގަނޑަށް ލައްވަން ކުރި އޮޕަރޭޝަނަށް ތިން އަހަރު ވީފަހުންނެވެ. މި ބައްދަލުކުރުން އޮތީ އެ ރަށުގައި ގައުމީ ފެންވަރެއްގައި ފާހަގަކުރާ، ގުނަވަން ހަދިޔާކުރުމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއްގެ ތެރެއިންނެވެ.

"އަހަރެންގެ ދަރިފުޅުގެ ހިތް އެމީހެއްގެ ހަށިގަނޑުގައިވާ މީހާއާ ބައްދަލުވާ ފަހަރު އަހަންނަށް ކުރެވޭނެ އިހްސާސް ވިސްނާލިން. ރޮވޭނީތޯ ނުވަތަ ކޮން ކަހަލަ އިހްސާސެއްތޯ ކުރެވޭނީ،" ލިސާ ބުންޏެވެ.

ނަމަވެސް ފުރަތަމަ ބައްދަލުވުމުގައި ލިސާ ތެދުވެ ހޫޕާގެ ގައިގައި ބައްދާލި އެވެ.

މި ބައްދަލުވުމުގެ ވީޑިއޯ އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ލިސާ ބުނީ ނުރުއިމަށާއި ރޮއެފި ނަމަ ބައްދަލުވުން ކުރިއަށް ނުގެންދެވޭނެކަން އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދިން ކަމަށެވެ.

ހޫޕާ ބައްދަލުވުމަށް އައީ ވެސް ލެވީގެ ފޮޓޯއެއް ޖަހާފައިވާ ޓީޝާޓެއް ލައިގެންނެވެ. އަދި ލެވީއަކީ އޭނާގެ ހީރޯ ކަމަށް ލިސާ ގާތު ބުންޏެވެ.

ލެވީގެ މަންމަ ގާތު ހޫޕާ ބުނީ ކޮންމެ ދުވަހަކުވެސް އޭނާ ލެވީގެ މަތިން ހަނދާން ކުރާ ކަމަށެވެ.
ލިސާ އޭބީސީ ނިއުސް އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި ހޫޕާއާ ބައްދަލުވެ އޭނާގެ ހަށިގަނޑުގައިވާ ލެވީގެ ހިތް ހިނގާ އަޑު އަހާލާނެ ފުރުސަތު ލިބުމުން ވަރަށް އާދަޔާޚިލާފު އިހްސާސްތަކެއް ކުރެވުނެވެ.

"ދަރިފުޅުގެ ހިތުގެ ސަބަބުން ޓެރީގެ ފުރާނަ ސަލާމަތްވި. އޭނާގެ ހަށިގަނޑުގައި ވަރުގަދަޔަށް އަދި ބާރަށް އެ ހިތް ހިނގާ އަޑު އިވުން ވީ ވަރަށް ރަނގަޅު ތަޖުރިބާއަކަށް. އަދި ދަރިފުޅުގެ މިޒާޖާއި ޝަޚްސިއްޔަތުގެ ކޮންމެވެސް މިންވަރެއް ޓެރީގެ ކިބައިގައި މިހާރު އެބަހުރިހެން ހީވޭ،" ލިސާ ބުނެފައިވެ އެވެ.

ލިސާ ބުނި ގޮތުގައި އޭނާއަށް ހީވީ އޭނާގެ ދަރިފުޅު ލެވީގެ އުމުރުން 64 އަހަރު ވެފައި ހުއްޓާ ފެނުނުހެންނެވެ. ލެވީގެ ހުރި މަޖާކަމާއި ސަކަ މިޒާޖު ޓެރީގެ ކިބައިގައި ވެސް ހުރީތީ ފެނުނު ކަމަށް ލިސާ ބުންޏެވެ.

ލެވީ ޝޫޒް 2012 ވަނަ އަހަރު އެކްސިޑެންޓެއްގައި މަރުވިއިރު އުމުރުން 18 އަހަރެވެ.
ލިސާ ބުނި ގޮތުގައި އޭނާގެ އާއިލާއިން އަބަދުވެސް ގުނަވަން ހަދިޔާކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަ އެވެ. އަދި ޚުދް ލެވީ ވެސް ގުނަވަންތައް އިންސާނިއްޔަތަށް ހަދިޔާކޮށްފައިވާކަން އޭނާއަށް އެނގެ އެވެ.

"ލެވީ ޑްރައިވިން ލައިސަންސް ނަގަން ދިއުމުން އެތަނުން އޭނާއާ ސުވާލުކުރި އޯގަން ޑޯނާއަކަށް ވާން ބޭނުންހޭ. އަހަރެން ބުނިން އޭނާގެ ބައްޕައަކީ ވެސް ޑޯނާ އެކޭ. އަހަންނަކީ ވެސް ޑޯނާ އެކޭ. އަދި ދެ ބޭބެ އަކީ ވެސް ޑޯނާ އިންނޭ. ލެވީ ވަގުތުން ބުނި މަންމާއޭ އަހަރެންގެ މި ރަނގަޅުކަން ކާކުހޭ ބޭނުން ނުވާނީ،" ލިސާ ކިޔައިދީފައި ވެއެވެ.

އެކްސިޑެންޓްގެ މާކުރިން ލެވީ ގުނަވަންތައް ހަދިޔާކޮށްފައިވާތީ ލިސާ އާއި އާއިލާއިން ވަނީ ހިތްހަމަޖެހިފަ އެވެ. ސަބަބަކީ ކުއްލިއަކަށް ލެވީ މަރުވެގެން އާއިލާއިން ލިބުނު ހިތާމައިގައި އެފަދަ ކަމެއް ވިސްނުމަށް އައިސްދާނެކަމަށް ގަބޫލުނުކުރެވޭތީ އެވެ.

"އޯގަންތައް ހަދިޔާކޮށްގެން 60 އަށް ވުރެ ގިނަ މީހުންނަށް ލެވީ ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. އަހަރެން ގަބޫލުކުރާ ގޮތުގައި އޯގަން ޑޮނޭޝަނަކީ އެއްވެސް އަމިއްލަ އެދުމެއްނެތި މީހަކަށް ދެވޭނެ އެންމެ އަގުހުރި ހަދިޔާ،" ލިސާ ބުނެފައިވެ އެވެ.