24 އެޕްރީލް 2018 - 23:27

ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިހާބެއް ބާއްވަން އޮތް އެންމެ ބޮޑު ހުރަހަކީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެމަނިކުފާނު މަގާމުން ދުރުކޮށްގެން ނޫނީ ރިޔާސީ އިންތިހާބު މިނިވަން ނުވާނެ ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.
އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ އެންމެ ބޮޑު އެއް އަމާޒަކީ، ރައްޔިތުންނަށް މިނިވަން އިންތިހާބަކަށް ހުރި ހުރަސްތައް ނައްތާލުން ކަމަށެވެ. އެގޮތުން، އިންތިހާބުގެ ކުރިން ރައީސް ޔާމީން މަގާމުން ދުރު ކުރަން ޖެހޭ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ އެއް އަމާޒަކީ އަޅުގަނޑުމެން ހުރިހާ ލީޑަރުން ހިފައި ހައްޔަރުކޮށް، ބަންދުކުރުމަށް ފަހު ވެރިކަމަށް ދިއުން. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިންތިހާބަކަށް ދާނީ ރައީސް ޔާމީން ވެރިކަމުން ދުރުކޮށް، ހިފައި ހައްޔަރުކުރުމަށް ފަހުގައި،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދެއް ނެތް ކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވަ އެވެ. އިންތިހާބުގެ ކުރިން، ރައީސް ޔާމީނާއި އިދިކޮޅުން ވެސް ޚިޔާލު ހޯދުމުގެ ޕޯލްތައް ނަގަމުން އަންނަ ކަމަށާއި އެ ޕޯލްތަކުގައި 65 ޕަސެންޓް ރައްޔިތުން ތިބީ އިދިކޮޅުގައި ކަން ސާފުވާ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރެވި އިދިކޮޅު ފަރާތްތައް ބައިބައިވެފައިވާ ކަމަށް ބުނެ ޕީޕީއެމުން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމުން، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާނީ އިދިކޮޅު ޕާޓީތަކުގެ އެއް ކެންޑިޑޭޓުގެ ނަމާ އެކުގައި ކަމަށް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އިންތިޚާބުގެ ފުރަތަމަ ބުރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށެވެ. އަދި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ. އަދި ޕާޓީތަކުން އިންތިޚާބުގައި ވާދަކުރަނީ ވަކިވަކިންތޯ ނުވަތަ ނެރޭނީ ކޯލިޝަން ކެންޑިޑޭޓެއްތޯ ވެސް އަދި ނުނިންމަ އެވެ.