މަހުލޫފުގެ މައްސަލައަކުން ވަކީލް ނާޒިމް ސަސްޕެންޑްކޮށްފި
މަހުލޫފުގެ މައްސަލައަކުން ވަކީލް ނާޒިމް ސަސްޕެންޑްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ ވަކީލު، ނާޒިމް ސައްތާރަށް އެ މައްސަލާގައި ވަކާލާތު ނުކުރެވޭ ގޮތަށް ކްރިމިނަލް ކޯޓުން މިއަދު ސަސްޕެންޑްކޮށްފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް ސަސްޕެންޑްކޮށްފައި ވަނީ މަހުލޫފުގެ މައްޗަށް އުފުލާފައިވާ، ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާ އަކަށް ދިނުމުގެ ކުށުގެ ދައުވާގެ ދިފާއީ ވަކީލު ކަމުންނެވެ.

ގާޒީ އަލީ އާދަމް ސޮއިކުރައްވައި ނާޒިމަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެ މައްސަލާގެ ޝަރީއަތަށް ފަހު އިއްޔެ ނާޒިމްކޮށްފައިވާ ޓުވީޓެއްގެ ސަބަބުން އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފެދޭ ކަމަށެވެ. އަދި އެއީ އެ މައްސަލައަށް ނުފޫޒު ފޯރުވައި ކޯޓުގެ ހުރުމަތް ގެއްލޭގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ނާޒިމް ޓުވީޓުގައި ބުނެފައިވަނީ "މިއަދު އިނގުނީ މަދަނީ މިންގަނޑުން ދައުވާ ކޯޓަށް ބަލައިގަތުމަކީ އަމާ ހަނދާންކުރުން ކަން" ކަމަށެވެ.

އެ މައްސަލާގައި މަހްލޫފްގެ ވަކީލެއްގެ ގޮތުން ނާޒިމްގެ އިތުރުން މުހައްމަދު ހައްސާން ވެސް ވަކާލާތު ކުރައްވަ އެވެ.

މި އަހަރުގެ ޖެނުއަރީ 20 ގައި މަހުލޫފް ކުރެއްވި ޓްވީޓުގައި މަހުލޫފް ވަނީ މާފުށީ ޖަލުގައި ގައިދީން މަރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި މަހްލޫފްގެ ވަކީލް ނާޒިމް ވިދާޅުވީ މަދަނީ މިންގަނޑުން ބަލާއިރު، މަހުލޫފުގެ މައްޗަށްކުރާ ދައުވާ އަކީ ހަމަޖެހޭ ދައުވާއެއް ނޫން ކަމަށެވެ. އަދި މިއީ ގާނޫނުލްއުގޫބާތުގެ ތެރެއަށް ނުފެތޭ ދައުވާއެއް ކަމަށާއި މި ދައުވާ ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.