ގުރައިދޫގައި ފުލުހުން ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ
ގުރައިދޫގައި ފުލުހުން ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން، މި އަހަރުގެ ކުޑަކުދިންގެ ދުވަސް ކ. ގުރައިދޫގައި ފާހަގަކުރަން މިއަދު ހަމަޖައްސައިފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ކުޑަކުދިންގެ ދުވަސް ފާހަގަކުރަން އަންނަ މަހުގެ 10-11 އަށް ގުރައިދޫގައި ހާއްސަ ހަރަކާތްތަކެއް ހިންގަން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި ބެލެނިވެރިންނަށް މައުލޫމާތު ދިނުމާއި ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބޭއްވުމާއި ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރުން ހިމެނެ އެވެ.

ކުޑަކުދިންނަށް އަޅާލާ މުޖުތަމައެއް ގާއިމްކުރަން ހާއްސަ މެސެޖުތައް ދިނުމަށް ރަށުގައި ބިލްބޯޑު ބަހައްޓަން ހަމަޖައްސާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހަރަކާތުގައި، އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ދަ ރޮބޯ މޭން އާއި މަޝްހޫރު ފަންނާނުން ހިމެނެ އެވެ.

މިދިޔަ އަހަރު ފުލުހުން ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފައިވަނީ އއ. މަތިވެރީގަ އެވެ.