އިންޑޮނީޝިއާ ޕާލަމެންޓުގެ ކުރީގެ ރައީސް 15 އަހަރަށް ޖަލަށް
އިންޑޮނީޝިއާ ޕާލަމެންޓުގެ ކުރީގެ ރައީސް 15 އަހަރަށް ޖަލަށް

ޖަކާޓާ (އެޕްރީލް 24) - އިންޑޮނީޝިއާގެ ޕާލަމެންޓުގެ ކުރީގެ ރައީސްގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ 15 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.

ގޮލްކަރު ޕާޓީގެ ޗެއާމަންކަން ވެސް ކުރައްވާފައިވާ ސެޓިޔަ ނޮވަންޓޯ އަކީ އެ ގައުމުގައި ސިޔާސީ ގޮތުން އެންމެ ނުފޫޒްގަދަ އެއް ފަރާތެވެ. ސަރުކާރުން 2011 އިން 2012 އަށް ކުރިއަށް ގެންދިޔަ 440 މިލިއަން ޑޮލަރުގެ އިލެކްޓްރޯނިކް އައިޑީ ކާޑު މަޝްރޫއުގެ ތިންބައި ކުޅަ އެއްބަޔަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެކަމުގައި ވަނީ 80 އޮފިޝަލުން ބައިވެރިވެފަ އެވެ.

ޖަކާޓާ ކޮރަޕްޝަން ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ނިންމާފައި ވަނީ އައިކާޑް ހެއްދުމުގެ މަޝްރޫއުން ހިންގި ކޮރަޕްޝަނުގައި ނޮވަންޓޯ ބައިވެރިވެފައިވާކަން ޝައްކެއް ނެތް މިންވަރަށް ޔަގީން ކުރެވޭ ކަމަށެވެ. ފަނޑިޔާރު ވަނީ 500 މިލިއަން ރުޕިއާ (36،000 ޑޮލަރު) އިން ނޮވަންޓޯ ޖޫރިމަނާކޮށް، ހުކުމް ތަންފީޒްކޮށް ނިމުމުން ފަސް އަހަރު ފަހުން ނޫނީ ސިޔާސީ މަގާމެއް އަދާ ނުކުރެވޭ ގޮތަށް އަމުރުކޮށްފަ އެވެ.

ނޮވަންޓޯ ވިދާޅުވީ މައްސަލަ އިސްތިއުނާފް ކުރުމާ މެދު އޭނާ ފަހުން ގޮތެއް ނިންމާނެ ކަމަށެވެ.

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލުން މިދިޔަ އަހަރު ނެރުނު 180 ގައުމުގެ ކޮރަޕްޝަން އިންޑެކްސްގައި އިންޑޮނީޝިއާ އުޅެނީ 96 ވަނައިގަ އެވެ.