ސައުދީ މީހަކު ތިން ދަރިން މަރާލާ އަނބިމީހާ އަށް ހަމަލާދީފި
ސައުދީ މީހަކު ތިން ދަރިން މަރާލާ އަނބިމީހާ އަށް ހަމަލާދީފި

މައްކާ (އެޕްރީލް 24) - ސައުދީ އަރަބިއާގެ މައްކާގެ އަލް މަލަވީ ޑިސްޓްރިކްޓްގައި މީހެއްގެ ތިން ދަރިންނަށް ހަމަލާދީ މަރާލުމަށް ފަހު އޭނާގެ އަނބިމީހާ އަށް ހަމަލާ ދީފި އެވެ.

އަނބިމީހާ ސަލާމަތް ކުރީ ހިސާބުގަނޑު މީހުން އެ ގެއަށް ގޮސްގެންނެވެ. ތިން ކުދިން މަރާލި ބައްޕަ ފަހުން ވަނީ ފުލުހުންނާ އަމިއްލަ އަށް ހަވާލުވެފަ އެވެ. އެ މީހާގެ ނަން ފުލުހުން އާއްމުކޮށްފައެއް ނުވެ އެވެ. ނަމަވެސް ބުނެފައި ވަނީ އެއީ 33 އަހަރުގެ ސެކިއުރިޓީ ގާޑެއް ކަމަށެވެ. އަދި އެއީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެ މީހާ ހަމަލާދީ މަރާލާފައި ވަނީ ދެ އަހާރާއި ހަތަރު އަހަރު އަދި ހަ އަހަރުގެ ކުދިންނެވެ.

ދަރިން މަރާލި މީހާ ފުލުހުންނަނަށް ބުނެފައި ވަނީ އޭނާގެ އަނބިމީހާ ޒުވާބު ކުރާވަރުން ތިން ރޭ ވަންދެން ނުނިދާ އުޅެން ޖެހުނު ކަމަށެވެ. އޭނާގެ އަންހެނުންނަކީ ނައިޖީރިއާ މީހެކެވެ. އަނބިމީހާ ޒުވާބު ކުރީ ދަރިންނަށް ޚަރަދު ކުރާވަރު މަދުވުމުން ކަމަށް އޭނާ ބުންޏެވެ. އަދި ދަރިން މަރާލީ އެހެންވެ ކަމަށް ވެސް ބުންޏެވެ.

އެ މީހާ ބުނެފައި ވަނީ އޭނާ އުޅުނީ ތިން ދަރިން މަރާލުމަށް ފަހު އަނބިމީހާ ވެސް މަރާލާ އެންމެ ފަހުން އޭނާ ވެސް ބްރިޖަކުން ފުންމާލާ އަމިއްލަ އަށް މަރުވާން ކަމަށެވެ. އަވަށްޓެރިން ބުނެފައި ވަނީ އެ މީހާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ނޫން ކަމަށެވެ. އަދި އެ މީހުން އެ ގެއަށް ދިޔައީ އަންހެނަކު އެހީ އަށް އެދި އާދޭސް ކުރާ އަޑު އިވުމުން ކަމަށް ވެސް އަވަށްޓެރިން ބުނެފައިވެ އެވެ.