ގެނބުނު ކުއްޖާ ސަލާމަތް ކޮށްދިން ހަސަނަށް ހަނދާނީ ލިޔުމެއް ދީފި
ގެނބުނު ކުއްޖާ ސަލާމަތް ކޮށްދިން ހަސަނަށް ހަނދާނީ ލިޔުމެއް ދީފި

މިދިޔަ ހޮނިހިރު ދުވަހު މޫދަށް އެރި އުޅެނިކޮށް އައްޑޫ ހިތަދޫ ފުށްޓަރު ފަރާތަށް ގެނބުނު ތިން ކުދިންގެ ތެރެއިން އަލީ ރާއިފް ސަލާމަތް ކުރި ހިތަދޫ ބްލޫ ރޫމް ހަސަން ހުސައިންގެ އަގު އައްޑޫ ސިޓީ ކައުންސިލުން ވަޒަންކޮށް އޭނާ އަށް މިއަދު ހަނދާނީ ލިޔުމެއް ދީފި އެވެ.

ގެނބުނު ކުއްޖާ ސަލާމަތް ކޮށްދިން ހަސަނަށް ހަނދާނީ ލިޔުމެއް ދީފި
ގެނބުނު ކުއްޖާ ސަލާމަތް ކޮށްދިން ހަސަނަށް ހަނދާނީ ލިޔުމެއް ދީފި

ކައުންސލުން އޭނާގެ އަގު ވަޒަން ކުރީ އިންސާނިއްޔަތަށް ޓަކައި ކޮށްދިން މަސައްކަތުގެ ތެރެއިން މީހެއްގެ ފުރާނަ ސަލާމަތްކޮށްދޭން ކުރި ހިތްވަރު ވެސް ފާހަގަކޮށެވެ. ހަސަނަކީ ވާހަކަ ނުދެއްކޭ މަންމަން މީހެކެވެ.

އޭނާ ދެއްކި ހިތްވަރު ފާހަގަކޮށް، ކައުންސިލުން ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

ރާއިފް އާދީއްތަ ދުވަހު "މިހާރު" އަށް ކިޔައިދިން ގޮތުގައި އޭނާއާ އެކު މޫދަށް އެރިގެން ގެނބިގެން ހޯދަމުން އަންނަ ހިތަދޫ ޓޮޕާޒް މަޔާމީން އަލީ، 14، އާއި އެ އަވަށު ޗަނބޭލީގޭ އަލީ ފަހުމީ، 15، ބޮޑު ރާޅަކާ އެކު ގެނބުނުތަނާ ކަހަލަ ގޮތަކަށް ހަސަނު މޫދަށް އެރި އެ ކުއްޖާ ސަލާމަތް ކުރަން މަސައްކަތް ކުރި އެވެ.

އެކަމަކު ދެވަނަ ރާޅެއް އެ ކުދިންގެ ގަޔަށް ބިންދައިލުމާ އެކު މަޔާމީން އާއި ފަހުމީ ބޭރަށް ދަމައިގަތުމުން ސަލާމަތް ކުރެވޭނެ ފުރުސަތު ނުލިބުނީ އެވެ. ހަސަނާ އެންމެ ގާތުގައި އަތުޖެހޭ ހިސާބުގައި އޮތީ ރާއިފް ކަމަށްވުމުން، އޭނާ ވަނީ ރާއިފްގެ އަތުގައި ހިފައި ދަމައިގެން ގެންގޮސް އެއްގަމަށް އަރުވައިފަ އެވެ.

އޭރު ރާއިފް، 16، އޮތީ ވަރަށް ބޮޑަށް ލޮނު ބޮވި ހާލު ދެރަވެފަ އެވެ.

އޭނާގެ މަންމަ ހައްވާ ޒާހިރާ ބުނީ ދަރިފުޅު ފުރާނަ ސަލާމަތް ކުރި ހަސަނަށް އާއިލާ އިން ހިތުގެ އަޑިން ޝުކުރު އަދާ ކަމަށެވެ.

"ހަސަނަކީ ދަންނަ މީހެއް ނޫން. އެކަމަކު އޭނަގެ ސަބަބުން ދަރިފުޅު ފުރާނަ ސަލާމަތްވީތީ ހަމްދުކޮށް ޝުކުރު ކުރަން،" އޭނާ ބުންޏެވެ.

ފަހުމީގެ ކޮއްކޮ އަހުމަދު ރާހިން ބުނި ގޮތުގައި ބޭބެ ގެނބުނުކަން އާއިލާގެ މީހުންނަށް އެނގުނީ ވެސް ހަސަނު އެ ގެއަށް ގޮސް އެ ވާހަކަ ބުނުމުންނެވެ.

ހޮނިހިރު ދުވަހު ހަސަނު ދެއްކި ހިތްވަރަށް ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑީއާގައި ވެސް ތައުރީފު ކުރަމުންނެވެ.

މަޔާމީން އާއި ފަހުމީ ހޯދުމުގެ މަސައްކަތް ސާޗިން ޓީމުން އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.