22 ޖުލައި 2016 - 16:57

ރިޔާޒް (ޖުލައި 22) - ސައުދީ އަރަބިއާގައި ސައިކަލް ދުއްވަމުން ޕޮކެމޮން ގޯ ގޭމް ކުޅެފި ނަމަ 300 ރިޔާލުން ޖޫރިމަނާ ކުރާނެ ކަމަށް އެ ގައުމުގެ ޓްރެފިކް ޑިޕާޓްމަންޓުން ބުނެފި އެވެ.
އީސްޓަން ޕްރޮވިންސްގެ ޓްރެފިކް ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް މޭޖާ ޖެނެރަލް އަބްދުﷲ އަލް ޒަހުރާނީ ވިދާޅުވީ ސައިކަލް ދުއްވަމުން ޕޮކެމޮން ކުޅުމަކީ ޑްރައިވަރަށާއި އެހެން މީހުންގެ ސަލާމަތަށް ވެސް ނުރައްކާ ހުރި ކަމެއް ކަމަށެވެ. އަދި އެއީ ޓްރެފިކް ގަވާއިދާ ޚިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕޮކެމޮން ގޯ ރަސްމީކޮށް އަަދި ސައުދީގައި ލޯންޗެއް ނުކުރެ އެވެ. ނަމަވެސް އެ ގައުމުގެ ވަރަށް ގިނަ މީހުން މި ގޭމް ޑައުންލޯޑްކޮށްގެން މިހާރު ކުޅެ އެވެ.
މީގެ ދެ ހަފުތާ ކުރިން ލޯންޗު ކުރި ޕޮކެމޮން ކުޅެމުން ވެހިކަލް ދުއްވުމުން ބައެއް ގައުމުތަކުގައި ވަނީ އެކްސިޑެންޓްތައް ހިނގައިފަ އެވެ.
ސައުދީގެ ހަޔާ ކޮމިޓީ ފޯ ސައެންޓިފިކް ރީސާޗް އެންޑް އިސްލާމިކް ލޯ އިން 2001 ވަނަ އަހަރު ވަނީ ޖަޕާނުގެ ނިންޓެންޑޯ ކުންފުނީގެ ޕޮކެމޮން ކުޅުން ހުއްދަ ނޫން ކަމަށް ބުނެ ފަތުވާއެއް ނެރެފަ އެވެ. ނަމަވެސް އެ ކޮމިޓީން ބުނަމުން ދަނީ އެ ފަހަރުގެ ފަތުވާ މިހާރު މުތާލިއާ ކުރަމުންދާ ކަމަށެވެ.
ޔުނައިޓެޑް އަރަބި އެމިރޭޓްސް އާއި ކުވޭތުގައި ވެސް ވަނީ ޕޮކެމޮން ކުޅުމަކީ ނުރައްކަލެއް ކަމަށް ބުނެ އިންޒާރު ދީފަ އެވެ. ކުވޭތުގެ އަމީރުގެ ގަނޑުވަރާއި މިސްކިތްތަކާއި ތެޔޮ ނަގާ ތަންތަނާ އަދި އަސްކަރީ މަރުކަޒުތައް ހިމެނޭ ސަރަހައްދުގައި ޕޮކެމޮން ގޭމް ކުޅުން ކުވޭތުގެ ދާޚިލީ ވުޒާރާ އިން ވަނީ މަނާކޮށްފަ އެވެ.