ލަންކާގެ ކެބިނެޓަށް ގެންނަ ބަދަލާ ގުޅޭ ގޮތުން ސިރިސޭނާ އާއި ރަނިލް ބައްދަލު ކުރައްވަނީ
ލަންކާގެ ކެބިނެޓަށް ގެންނަ ބަދަލާ ގުޅޭ ގޮތުން ސިރިސޭނާ އާއި ރަނިލް ބައްދަލު ކުރައްވަނީ

ކޮލަމްބޯ (އެޕްރީލް 24) - ސްރީ ލަންކާގެ ކެބިނެޓަށް ގެންނަ ބަދަލާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ހަވީރު ބައްދަލު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ރަނިލްގެ ޔޫއެންޕީގެ ސެކްރެޓަރީ ޖެނެރަލް އަދި އެޑިއުކޭޝަން މިނިސްޓަރު އަކިލާ ވިރާޖް ކަރިޔަވަސަމް ވިދާޅުވީ ކެބިނެޓާ ގުޅޭ ފަހުގެ ނިންމުމާއި ސަރުކާރު ދެން ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން ސިރިސޭނާ އާއި ރަނިލްގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ޑިޕިއުޓީ މިނިސްޓަރު ޖޭ.ސީ އަލަތުގަމާ ވިދާޅުވީ ދާދި ފަހުން ދިމާވި މައްސަލތަކަށް ފަހު ޔޫއެންޕީ އާއި ސިރިސޭނާގެ އެސްއެލްއެފްޕީ މިހާރު ވަނީ އާ ކެބިނެޓަށް އުފައްދަން އެއްބަސްވެފައި ކަމަށާއި އާ ކެބިނެޓް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

ރަނިލްގެ އިތުބާރު ނެތް ކަމަށް ޕާލަމެންޓުގައި ދާދި ފަހުން ވޯޓު ދިން ސިރިސޭނާގެ އެސްއެލްއެފްޕީގެ 16 މިނިސްޓަރުން މިހާރު ވަނީ އިސްތިއުފާ ދީފަ އެވެ.

ލަންކާގައި ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސިރިސޭނާ އާއި ރަނިލްގެ ޕާޓީގެ މެދުގައި ވަނީ ވަރަށް ބޮޑަށް މައްސަލަތައް ޖެހިފަ އެވެ. އެ މައްސަލަތައް ހައްލު ކުރުމަށް ވަގުތު ހޯދުމުގެ ގޮތުން ސިރިސޭނާ ވަނީ މެއި މަހު 8 ވަނަ ދުވަހާ ހަމައަށް ޕާލަމެންޓް ސަސްޕެންޑްކޮށްފަ އެވެ.