ބެންގަލޫރު ޓީމުގެ ހުރުމާއި ޕްރެކްޓިސް ވެސް ތުލުސްދޫގައި
ބެންގަލޫރު ޓީމުގެ ހުރުމާއި ޕްރެކްޓިސް ވެސް ތުލުސްދޫގައި

އޭއެފްސީ ކަޕުގައި މާދަމާ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން ރާއްޖެ އައިސް ތިބި އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމުގެ އެކޮމަޑޭޝަން ކ. ތުލުސްދޫގައި ނިއު އިން ހަމަޖައްސާފައިވާއިރު އެ ޓީމުގެ ފަރިތަކުރުންތައް ވެސް މިއަދު އޮންނާނީ އެ ރަށުގަ އެވެ.

މިއީ އޭއެފްސީ ކަޕުގެ މެޗެއް ކުޅެން ރާއްޖެ އައިސް އެއްވެސް ޓީމަކުން މީހުން ދިރިއުޅޭ ރަށެއްގައި ތިބޭ ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން ނިއު އިން ދެ ފަހަރެއްގެ މަތިން ދެ ޓީމަކަށް ރިޒޯޓަކުން އެކޮމަޑޭޝަން ހަމަޖައްސައިދިނެވެ.

އެނގިފައިވާ ބެންގަލޫރުގެ އެކޮމަޑޭޝަން ނިއު އަށް މާލޭގައި ހަމަނުޖެއްސުނީ އެ އަދަދަށް ކޮޓަރި މިވަގުތު އެއް ތަނަކުން ލިބެން ނެތުމުންނެވެ. މާލޭގައި ނޫން ކަމުގައިވީ ނަމަވެސް ބެންގަލޫރު ޓީމުން ތިބީ އެތަނުގެ އެކޮމަޑޭޝާނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށްވެ އެވެ. މާލެން ފުރައިގެން ސްޕީޑް ލޯންޗެއްގައި ތިރީހަކަށް މިނެޓުން ދެވޭ ތުލުސްދޫގައި ބެންގަލޫރުން ތިބޭ ސީޒަން ޕެރެޑައިޒް އަކީ ރާއްޖޭގައި ހުރި އެންމެ ހިތްގައިމު އަދި އެންމެ ބޮޑު އެއް ގެސްޓް ހައުސް އެވެ. ޕްރެކްޓިސްކުރަން ބަލާއިރު އެތަނުގައި ވިނަދަނޑެއް އޮވެ އެވެ.

އާއްމުކޮށް ކޮންމެ ޓީމަކުން ވެސް މެޗުގެ ކުރީ ދުވަހު ތަމްރީންތައް ބާއްވާނީ މެޗު ކުޅޭ ދަނޑުގަ އެވެ. މިއަދު އެ ޓީމުން ގަލޮޅު ދަނޑުގައި ބާއްވާ ޕްރެކްޓިސް ނެތުމުން ނޫސްވެރިން ހީކުރީ އެ ޓީމުން ޕްރެކްޓިސް ކެންސަލްކުރީ ކަމަށެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުން ކްލަބުގެ މީޑިއާ މެނޭޖަރު ކުނާލް މަޖްގައޮންކަރު ބުނީ "ޓީމުން ތިބޭ ތަނުގައި ޕްރެކްޓިސް އޮންނާނެ" ކަމަށެވެ.

މެޗުގެ ކުރީ ދުވަހު ޕްރެކްޓިސް މެޗު ކުޅޭ ދަނޑުގައި ބާއްވަނީ އެ ދަނޑަށް ކުޅުންތެރިން ފަރިތަވެލުމަށެވެ. އެކަމަކު ބެންގަލޫރުން މިދިޔަ ދެ އަހަރެއްހާ ދުވަހު މާލޭގައި ހަތަރު ފަހަރު ކުޅެފައިވާތީ މި ފަހަރު ގަލޮޅު ދަނޑުގައި ފަރިތަނުކުރިޔަސް މައްސަލައަކަށް ވެދާނެ ކަމަށް ނުބެލެވެ އެވެ. އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި ދާދި ފަހުން ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ވެސް އެ ޓީމުން މާލޭގައި ކުޅުނެވެ.

"އަހަރެމެން ވަރަށް ގިނައިން މިތަނުގައި ކުޅެންތާ،" އެކަމާ ބެހޭގޮތުން ސުވާލުލުރުމުން މީޑިއާ މެނޭޖަރު ކުނާލް ބުންޏެވެ. "ޕްރެކްޓިސް އޮންނާނެ. ކޯޗު ވަނީ ޕްލޭންތައް ހަދައިފައި. ގަލޮޅު ދަނޑުގައި ނޯންނަކަން ހަމައެކަނި،" އޭނާ ބުންޏެވެ.