24 އެޕްރީލް 2018 - 12:27

ގައުމަށް ހަމަޖެހުން އޮތީ ޝަރުއީ ނިޒާމް މިނިވަންވެ، ކޯޓުތަކުން އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު ހުކުމްތައް ކޮށްގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ރޭ ވިދާޅުވެއްޖެ އެވެ.
ބަންދުގައި ތިބި ސިޔާސީ ލީޑަރުންގެ ފޮޓޯ ހިމަނައިގެން އިދިކޮޅު ޕާޓީތަކުން ހަދާފައިވާ ބިލްބޯޑު އެމްޑީޕީ އޮފީހުގައި ބެހެއްޓުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި އަލީ ހުސައިން ވިދާޅުވީ ޖަލުތަކުގައި ސިޔާސީ ބޭފުޅުން ބަންދުކޮށްފައި ތިބީ އެ ބޭފުޅުންގެ ކުށެއް އޮވެގެން ނޫން ކަމަށެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ބަންދުކޮށް، ތަހުގީގާއި ޝަރީއަތްތައް ވެސް ހިންގަމުން ދަނީ ބޭއިންސާފުން ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ރޭ ވެސް ތަކުރާރު ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެތައް ބަޔަކު އަނިޔާ އާއި ބޭއިންސާފުގެ ތެރޭގައި ތިބި އިރު، އެކަމުން އަރައިގަނެ އިންސާފު ލިބޭނީ ކޯޓުތަކުން ވެސް މިނިވަންކަމާ އެކު އިންސާފަށް ހުކުމްކޮށްގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަން ފާހަގަ ކުރައްވައި ވިދާޅުވީ އެ މައްސަލައިގައި ވެސް އިންސާފު ނުލިބި ލަސްވުމަކީ ބޭއިންސާފެކެވެ. އިންސާފު ނުލިބި ލަސްވާ ކޮންމެ ދުވަހަކީ، ބޭއިންސާފުން ޖަލަށް ލާފައިވާ ކުރީގެ ރައީސުންނާއި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމުންނަށް ވެސް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވި އެވެ.
"އަނިޔާ އިން ސަލާމަތް ކުރަން، ރާއްޖޭގެ ކޯޓުތަކަށް ހުށަހަޅާފައިވާ ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި މައްސަލަތައް އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު އަވަހަށް ނިމެން އެބަ ޖެހޭ،" އަލީ ހުސައިން ވިދާޅުވި އެވެ.
ގައުމުގައި ހަމަޖެހުމާއި އަމާންކަމާއި ހަމަހަމަކަން ގާއިމް ކުރެވޭނީ، އޭނާ ވިދާޅުވި ގޮތުގައި، ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގައި އިންސާފު ލިބިގެންނެވެ. ރައްޔިތުން ތިބީ، އެ މައްސަލަތައް ނިމި، އިންސާފުވެރި ހުކުމްތަކެއްގެ އުއްމީދުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް އުފައްދާފައިވާ އިދިކޮޅު ޕާޓީތަކުގެ ކޯލިޝަންގެ އިސް ބޭފުޅުންތަކެއް މިހާރު ތިއްބެވީ ޖަލު ބަންދުގައި ނުވަތަ އެކި ހުކުމްތަކުގަ އެވެ. އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ކުރި އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މި ބޭފުޅުންގެ މައްޗަށް ކުރަނީ ރިޝްވަތު ދީގެންނާއި ރިޝްވަތު ހުށަހަޅައިގެން ސަރުކާރު ވައްޓާލަން އުޅުމެވެ. މީގެ ތެރެއިން ގިނަ ބޭފުޅުންނަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.