އަތޮޅު ތެރޭގެ ކޯޓުތަކަށް ގިނަ އަދަދަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފި
އަތޮޅު ތެރޭގެ ކޯޓުތަކަށް ގިނަ އަދަދަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފި

އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް 90 މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ އިއުލާން ކޮށްފި އެވެ.

މިއީ ފަހުގެ ތާރީޚެއްގައި އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މެޖިސްޓްރޭޓުން ހޯދަން އިއުލާން ކުރި ފުރަތަމަ ފަހަރެވެ. ޖޭއެސްސީގެ އިއުލާންގައި ވާ ގޮތުން މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ބޭނުން ވަނީ އެކި އަތޮޅުތަކުގެ އެކި ކޯޓުތަކަށެވެ.

އިއުލާންގައި ވާ ގޮތުން މެޖިސްޓްރޭޓުންގެ އިތުރުން ބައެއް ކޯޓުތަކަށް އިސް މެޖިސްޓްރޭޓުން ވެސް ބޭނުންވެ އެވެ. މެޖިސްޓްރޭޓް ކަމުގެ ތައުލީމީ ޝަރުތަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ޑިޕްލޮމާއެއް އޮތުމާ އެކު ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު މަސައްކަތް ކޮށްފައި ވުން ނުވަތަ ޑިގްރީއަކާ އެކު ވަކީލު ކަމުގައި ދެ އަހަރު ހޭދަ ކޮށްފައިވުމެވެ.

މެޖިސްޓްރޭޓް ކަމަށް ޝަރުތު ހަމަވާ ބޭފުޅުން އައްޔަން ކުރާނީ އެ އިއުލާން ގައި ބަޔާން ކޮށްފައިވާ ގޮތުން ކޯޓުތަކުގެ ތެރެއިން ޖޭއެސްސީން ކަނޑައަޅާ ކޯޓަކަށެވެ.

އިސް މެޖިސްޓްރޭޓުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 25،600ރ. ލިބޭއިރު، މެޖިސްޓްރޭޓުންގެ މުސާރަ އާއި އިނާޔަތަލީ މަހަކު 23،000ރ. އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެ އެވެ.