ޕޮގްބާ އަށް ރޮނާލްޑީނިއޯގެ މެސެޖެއް
ޕޮގްބާ އަށް ރޮނާލްޑީނިއޯގެ މެސެޖެއް

ލަންޑަން (އޭޕްރީލް 24) - ކާމިޔާބު ހޯދަން ބޭނުންނަމަ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ދޭ އިރުޝާދު ޕައުލް ޕޮގްބާ ގަބޫލުކުރަން ޖެހޭ ކަމަށް ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފި އެވެ.

މޮރީނިއޯ އާއި ޕޮގްބާއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، އެކަމާ ބެހޭގޮތުން ގިނަ ކުޅުންތެރިން އަންނަނީ ވާހަކަ ދައްކަމުންނެވެ. ގިނަ މެޗުތަކެއްގައި ޕޮގްބާ ބަދަލުކުރަމުން އަންނައިރު، ބައެއް މެޗުތަކުގައި އޭނާ އަށް ފުރުސަތު ވެސް ނުދެ އެވެ.

ޕޮގްބާ އަށް މިހާރު ދިމާވެފައިވާ ހާލަތަކީ ރޮނާލްޑީނިއޯ ވެސް އޭނާގެ ކެރިއަރުގައި ކުރިމަތިލާން ޖެހުނު ދުވަސްތަކެއް ކަމަށް ރޮނާލްޑީނިއޯ ވަނީ ބުނެފަ އެވެ.

"އެއީ 2003 ވަނަ އަހަރު އަހަރެން ޕީއެސްޖީގައި ހުރިއިރު އޭރު އެ ޓީމުގެ ކޯޗު ލުއިޒް ފެނާންޑޭޒް ވެސް އަހަންނާ އެހާ ގަޔާނުވޭ. އަހަރެން ބެންޗުގައި ވެސް ބޭންދި. އެކަމަކު އަހަރެން ދިޔައީ އޭނާ ބުނި ގޮތެއް ވިއްޔާ ހަދަމުން. އެއީ ކޯޗުންގެ ބަސް ޖެހޭ ގަބޫލުކުރަން،" ރޮނާލްޑީނިއޯ ކިޔައިދިނެވެ.

ރޮނާލްޑީނިއޯ ބުނީ އޭނާ އަށް ދިމާވި ކަންތަަކާ ޕޮގްބާއާ ތަފާތު ކަމަށެވެ.

"އަހަރެންނާ މައްސަލަ ޖެހުނު ކޯޗަކީ މޮރީނިއޯ ލެވެލެއް ނޫން. އެއީ ޕޮގްބާގެ ކަންތަކާ އަހަންނަށް ދިމާވި ކަންތަކާ ހުރި އެންމެ ބޮޑު ތަފާތު. މޮރީނިއޯ އަކީ ދުނިޔޭގެ ލެވެލްގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކޯޗެއް. ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެއް. ޕޮގްބާ އަށް އޮތީ މޮރީނިއޯ ދޭ އިރުޝާދުތަށް ގަބޫލުކުރުން،" ރޮނާލްޑީނިއޯ ބުންޏެވެ.

އޭނާ ބުނީ ޕޮގްބާގެ ކިބައިގައި ބެލޮންޑިއޯ ހޯދުމުގެ ފެންވަރު އެބަހުރި ކަމަށާއި އެހެން ނަމަވެސް އެ ލެވެލަށް ދެވޭނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިގެން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މި ސީޒަނުގެ ނިޔަލަށް މޮރީނިއޯ ބޭނުންވާ ކަންތައްތަކެއް ޕޮގްބާގެ ފަރާތުން ނުފެނިއްޖެނަމަ އޭނާ ވިއްކާލާން މޮރީނިއޯ ހުރީ ތައްޔާރަށެވެ.