އާސެނަލްގެ ކޯޗަކަށް އާޓެޓާ ގެންނަން ބާރުއަޅަނީ
އާސެނަލްގެ ކޯޗަކަށް އާޓެޓާ ގެންނަން ބާރުއަޅަނީ

ލަންޑަން (އޭޕްރީލް 24) - މި ސީޒަނަށް ފަހު އާސެނަލް ކޯޗުކަމުން އާސެން ވެންގާ ވަކިވާން ނިންމާފައިވާއިރު، އެ މަގާމަށް މިހާރު މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗަކަށް ހުރި މިކޭލް އާޓެޓާ ގެންނަން އާސެނަލްގެ ޗީފް އިވާން ގަޒީޑިސް އެ ޓީމުގެ ބޯޑަށް ބާރުއަޅަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބާވީސް އަހަރަށް ފަހު ވެންގާ އާސެނަލްގެ ކޯޗުކަމުން ދުރުވާން ނިންމި ނިންމުމާ އެކު ގިނަ ކޯޗުންތަކެއް އާސެނަލާ ހަވާލުވާން ޝައުގުވެރިކަން ފާޅުކުރި އެވެ. އޭގެ ތެރޭގައި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އާއި ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ހިމެނެ އެވެ.

އާސެނަލްގެ ބައެއް ބޯޑު މެމްބަރުން ވަނީ މިދިޔަ ހަފްތާ ބަންދުގައި ލުއިސް އެންރީކޭއާ ބައްދަލުކޮށްފަ އެވެ. އެ މެމްބަރުން ހުށަހެޅީ އެންރީކޭ އަށް ފަސް އަހަރުގެ އެއްބަސްވުމެއް ދޭ ގޮތަށެވެ. އެންރީކޭ އެ ގޮތަށް އެއްބަސްވި ނަމަވެސް އޭނާ ވެސް ޝަރުތެއް ހުށަހެޅި އެވެ. އެއީ އޭނާ ޓީމާ ހަވާލުވާތާ އަހަރެއްގެ ތެރޭގައި އޭނާ ބޭނުންވާ މީހެއް އެ ޓީމުގެ ސްޕޯޓްސް ޑައިރެކްޓަރުގެ މަގާމަށް ގެނައުމަށެވެ. އެހެން ނަމަވެސް އާސެނަލުން އެ ގޮތް ބޭނުމެއް ނުވި އެވެ.

ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ގަޒީޑިސް ވަނީ އާޓެޓާ އަކީ އެ ޓީމަށް އެންމެ އެކަށޭނެ ކޯޗުކަމަށް ބުނެފަ އެވެ. އަދި އޭނާއާ ޓީމު ހަވާލުކުރަން ބޯޑުގައި ވޯޓަށް އަހާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކުރިން ސްޕެއިނުގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅުނު އާޓެޓާ ވަނީ 2011 ވަނަ އަހަރު އާސެނަލަށް ބަދަލުވުމަށް ފަހު އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. ވެންގާގެ ކޯޗުކަމުގައި 100 އަށް ވުރެން ގިނަ މެޗު އާސެނަލަށް ކުޅެދިނުމަށް ފަހު އާޓެޓާ ރިޓަޔަކުރީ މީގެ ދެ އަހަރު ކުރިންނެވެ. އޭނާ ދެން ގުޅުނީ 2016 ވަނަ އަހަރު ސިޓީއާ ހަވާލުވި ސްޕެއިނުގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ޓީމާ އެވެ. އޭނާ ޓީމެއްގެ ހެޑްކޯޗުކަމާ ހަވާލުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ގާޑިއޯލާ ވަނީ މީގެ ކުރިން ބުނެފަ އެވެ.