ޝާހިދު ކަޕޫރް ބޮކްސިން ތަޅާ މީހެއްގެ ރޯލަށް
ޝާހިދު ކަޕޫރް ބޮކްސިން ތަޅާ މީހެއްގެ ރޯލަށް

މި އަހަރު ރިލީޒް ކުރި "ޕަދްމާވަތު" އަށް ފަހު، ޝާހިދު ކަޕޫރް މިހާރު އަންނަނީ ޝްރީ ނާރަން ސިންގްގެ "ބައްޓީ ގުލް މީޓަރު ޗާލޫ" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމަކީ އިންޑިއާގައި ކަރަންޓް ބިލް ބޮޑުވާ މައްސަލައަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމްގެ މަސައްކަތް ނިންމުމަށް ފަހު، ޝާހިދު ދެން އަރާނީ ބޮކްސިން ރިންގަށެވެ. ބޮކްސިން ތަޅާ މީހެއްގެ ވާހަކަ އަށް ބިނާކޮށް ޑައިރެކްޓަރު ރާޖާ މެނަން ހަދާ ފިލްމަށް އޭނާ ސޮއިކޮށްފައިވާ ކަމަށް ޑީއެންއޭ އިން ބުންޏެވެ.

ރާޖާއަކީ އަކްޝޭ ކުމާރްގެ "އެއާލިފްޓް" އާއި ސައިފް އަލީ ހާންގެ "ޝެފް" ގެނެސް ދިން ޑައިރެކްޓަރެވެ. ރިޕޯޓްތައް ބުނާ ގޮތުން ބޮކްސިން ފިލްމް ރާޖާ، ޝާހިދަށް ނެރޭޓްކޮށް ދިނުމުން އެއަށް ގަޔާވިލެއް ބޮޑުކަމުން އޭނާ ވަނީ ވަގުތުން ފިލްމަށް އެއްބަސްވެފަ އެވެ.

ޝާހިދު މިހާތަނަށް ކުޅިވަރަކަށް ހާއްސަ ފިލްމެއް ކުޅެފައި ނުވާތީ މިއީ އަނެއްކާ ވެސް އޭނާ ތަފާތު ރޯލެއް ކުޅެން ލިބޭ ފިލްމަކަށް ވާނެ އެވެ. އަނެއްކޮޅުން ރާކޭޝް އޯމް ޕްރަކާޝް އަލަށް މަސައްކަތް ފަށާ ކުޅިވަރު ފިލްމަށް ވެސް ޝާހިދު ސޮއިކޮށްފައިވާ ކަމަށްވެ އެވެ. އެ ފިލްމަކީ ކަބައްޑީ ނުވަތަ ބައިބަލާ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ރާކޭޝްއަކީ އިންޑިއާގެ ކުރީގެ މަޝްހޫރު އެތުލީޓެއް ކަމަށްވާ މިލްކާ ސިންގްގެ ރޯލް ފިލްމް ބާގް މިލްކާ ބާގް" (2013) ގައި ފަރްހާން އަހްތަރު ލައްވައި ކުޅުވައިގެން، އޭނާ އަށް ނެޝަނަލް އެވޯޑް ވެސް ހޯދައި ދީފައިވާ ޑައިރެކްޓަރެކެވެ. ރާކޭޝް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝްވަރްދަން ކަޕޫރް ބޮލީވުޑަށް ތައާރަފުކޮށް ދިން 2016 ގެ ފިލްމް "މިރްޒިޔާ" އެވެ.

ރާޖާ އާއި ރާކޭޝްގެ ފިލްމަށް ޝާހިދު ސޮއި ކުރިކަން އަދި ކަށަވަރުކޮށް ނުދިން ނަމަވެސް، ކްރިއާޖް އެންޓަޓައިމަންޓުން ހަދާ "ވޯ ކޯންތީ" ރިމެކިންގެ ލީޑް ރޯލް ވެސް ޝާހިދަށް ހުށަހަޅާފައިވާ ކަމަށް އަޑުތައް އަރާފައިވެ އެވެ.

ޝްރަދާ ކަޕޫރާއި ޔަމީ ގޯތަމާ އެކު ޝާހިދު ފެނިގެންދާ "ބައްޓީ ގުލް މީޓަރު ޗާލޫ" ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ މި އަހަރުގެ އޮގަސްޓް 31 ގަ އެވެ. މި ފިލްމްވެގެން ދާނީ ހައިދަރް (2014) އަށް ފަހު، ޝާހިދާއި ޝްރަދާ އެކުގައި ކުޅޭ ދެވަނަ ފިލްމަށެވެ. އަދި ޔަމީއާ އެކު ކުޅޭ ފުރަތަމަ ފިލްމަށެވެ.