25 އެޕްރީލް 2018 - 06:13

ސޯނަމް ކަޕޫރާއި އަރްޖުން ކަޕޫރަކީ ދެބެންގެ ދެ ދަރިންނެވެ. އެހެން ވިޔަސް ކެރިއަރުގައި ކުރަން ޖެހޭ ހަނގުރާމައެއް ވިއްޔާ ކުރާނެ އެވެ.
މިހާރު މިވީ ގޮތަކީ އަންނަ ޑިސެމްބަރު މަހުގެ 7 ގައި ރިލީޒް ކުރަން ކުރިން ތާވަލުކޮށްފައި އޮތް އަރުޖުންގެ ނަމަސްތޭ އިންގްލެންޑް، ސޯނަމްގެ ފިލްމަކަށް ނަގާފައި އޮތް ތާރީހުގައި ރިލީޒް ކުރަން ނިންމުމެވެ.
ސޯނަމް އާއި އޭނާގެ ބައްޕަ އަނިލް ކަޕޫރް އެކުގައި ކުޅޭ ފުރަތަމަ ފިލްމް "އޭކް ލަޅްކީ ކޯ ދޭކާ ތޯ އެއިސާ ލަގާ" އަކީ އަންނަ އޮކްޓޯބަރު މަހުގެ 18 ގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމެކެވެ. ފިލްމްގެ ޝޫޓިން ފެށީ ވެސް ތާރީހު އިއުލާން ކުރުމަށް ފަހު އެވެ. މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ވިންދޫ ވިނޯދް ޗޯޕްޅާގެ ދަރިފުޅު ޝެލީ ޗޯޕްޅާ ޑައިރެކްޓް ކުރާ ފިލްމެކެވެ.
ވިޕުލް ޝާހް ޑައިރެކްޓް ކުރާ "ނަމަސްތޭ އިންގްލެންޑް" އަކީ އަރްޖުން އާއި ޕަރިނީތީ ޗޯޕްޅާ ލީޑް ރޯލް ކުޅޭ ފިލްމެކެވެ. މި ފިލްމް އޮކްޓޯބަރު 18 އަށް ތާވަލް ކުރިކަން ފިލްމްގެ އާ ޕޯސްޓަރާ އެކު ވަނީ އިއުލާންކޮށްފަ އެވެ. އޭގައި ބުނަނީ ފިލްމް ސިނަމާތަކަށް އަންނާނީ "ދުޝޭރާ" ބަންދުގައި ކަމަށެވެ. އެއީ ހިންދޫން އޮކްޓޯބަރު 18 އާއި 19 ގައި ފާހަގަކުރާ އީދެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ނަމަސްތޭ އިންގްލަންޑް "ރިލީޒްކުރާ ތާރީހު ބަދަލުކުރީ، އިންދަރް ކުމާރްގެ "ޓޯޓަލް ދަމާލް" އާ ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ނުދާންވެގެންނެވެ. އެ ފިލްމް ރިލީޒްކުރަން އޮތީ ޑިސެމްބަރު 7 ގަ އެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ އެ ފިލްމަކީ އަނެއްކާ ވެސް އަރުޖުންގެ ބޮޑުބޭބެ އަނިލް އުޅޭ ފިލްމެއް ކަމެވެ. އޭގެ އިތުރު ކާސްޓުންގެ ތެރޭގައި މަދޫރީ ޑިކްސިޓް، އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރްޝަދް ވަރްސީ އަދީ ޖާވިދް ޖެފްރީ ހިމެނެ އެވެ.
މިހާރު މިވީ ގޮތުން ސޯނަމްގެ "އޭކް ލަޅްކީ ކޯ ދޭކާ ތޯ އެއިސާ ލަގާ" އާއި އަރުޖުންގެ "ނަމަސްތޭ އިންގްލެންޑް" ގެ އިތުރުން އޮކްޓޯބަރު 19 ގައި އަޖޭގެ ފިލްމެއް ވެސް ބޮކްސް އޮފީހުގައި ހަނގުރާ ކުރާނެ އެވެ. އަޖޭގެ ފިލްމަކީ އަދި ނަން އިއުލާންކޮށްފައި ނުވާ ލަވް ރަންޖަންގެ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ތައްބޫ އާއި ރަކުލް ޕްރީތު ސިންގް ހިމެނެ އެވެ.