ސޯނަމް ކަޕޫރް ބުނަނީ ކައިވެނި ކުރާނީ އިންޑިއާގައި ކަމަށް
ސޯނަމް ކަޕޫރް ބުނަނީ ކައިވެނި ކުރާނީ އިންޑިއާގައި ކަމަށް

މިހާރު ބެލެވޭ ގޮތުން ބޮލީވުޑުން ދެން އެންމެ އަވަހަށް އިއުލާނުކުރާނީ ބަތަލާ ސޯނަމް ކަޕޫރެވެ.

މީގެ ދުވަސްކޮޅެއް ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ސޯނަމާއި ނިއު ދިއްލީގެ ވިޔަފާރިވެރިޔާ އާނަންދު އަހޫޖާގެ ކައިވެނީގެ ހަފުލާ އޮންނަނީ ސްވިޓްޒަލެންޑްގެ ޖެނީވާގަ އެވެ. އަދި އެ ކައިވެނީގެ ހަރަކާތްތައް ކުރިއަށް ދާނީ މެއި މަހުގެ 11 އާއި 12 ގަ އެވެ. އެކަމަކު ރިޕޯޓްތައް މިހާރު ބުނަނީ ކައިވެނީގެ ހަފުލާ އޮންނާނީ އަންނަ މަހުގެ 7 ގައި މުމްބާއީގައި ކަމަށެވެ.

މި ކައިވެންޏަށް ސޯނަމާއި އާއިލާ އިން ތައްޔާރުވަމުން އައި ނަމަވެސް އެކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ހަފުލާގެ ތައްޔާރީތަކުގެ ތެރެއިން މަޝްހޫރު ކޮރިއޮގްރާފަރު ފަރާ ހާން އަންނަނީ ހަފުލާގެ ނެށުންތައް ތައްޔާރުކޮށް ދެމުން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ޔަގީންވާ ކަމަކީ ސޯނަމްގެ ކައިވެނީގެ ހަފުލާ އިން މުޅި ބޮލީވުޑް އެެއްކޮށްހެން ފެނިގެން ދާނެ ކަމެވެ.

ކައިވެނި ކުރަން އުޅޭކަން ކަށަވަރުކޮށް ނުދީ ސޯނަމް، 32، ބުނީ ގައުމުން ބޭރުގައި ބޮޑު ހަރަދެއްކޮށްގެން ކައިވެނީގެ ހަފުލާ ބޭއްވުމުގެ މާ ބޮޑު މާނައެއް ނެތެވެ. އޭނާ ބުނީ އެއީ ބޭކާރު ހަރަދުތައް ކަމަށެވެ.

"އެހެންވެ އަހަރެން ކައިވެނި ކުރަންޏާ އެކަން ކުރާނީ އަމިއްލަ ގައުމުގައި. އަހަރެން ގަބޫލެއް ނުކުރަން ބޮޑު ހަރަދެއްކޮށްކޮށްފައި ގައުމުން ބޭރުގައި ކައިވެނީގެ ހަފުލާ ބޭއްވުމަކީ މުހިއްމު ކަމެއް ކަމަކަށް،" މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ތިން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅު ބުންޏެވެ. "ބޭކާރު ހަރަދުތައް ކުރުމަކީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން."

ސޯނަމް ބުނި ގޮތުގައި ކައިވެންޏަކީ ބޮޑު ހަފުލާއަކުން ދައްކައިލާ ދައްކައިލުމަކަށް ވުރެ މުހިއްމު ގުޅުމެކެވެ. އެހެންވެ ދެއްކުންތެރި ކަމަކީ އޭނާ ބޭނުންވާ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

ސޯނަމް ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ ޖޫން މަހުގެ 1 ގައި ރިލީޒް ކުރާ "ވީރޭ ދީ ވެޑިން" އިންނެވެ. އަދި ޖޫން 29 ގައި ރިލީޒް ކުރާ ސަންޖޭ ދަތުގެ ބައޮޕިކުން ވެސް އޭނާ ފެނިގެން ދާނެ އެވެ.

އެ ފިލްމްގެ ޓްރެއިލާ މިއަދު ދައްކައިލާނެ އެވެ. ރާޖް ކުމާރް ހިރާނީ ޑައިރެކްޓްކޮށްފައިވާ ސަންޖޭގެ ބައޮޕިކަކީ ސަންޖޭ ލީލާ ބަންސާލީގެ "ސާވަރިޔާ" އިން 2007 ގައި ބޮލީވުޑަށް ނުކުތް ރަންބީރާއި ސޯނަމް އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ.