23 އެޕްރީލް 2018 - 21:47

އައްޑޫގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ޑައިވިން ރޮބަޓް ބޭނުން ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އައްޑޫގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނީ އުމުރުން 17 އަހަރުގެ އަލީ ފަހުމީ އާއި 14 އަހަރުގެ މަޔާމިން އަލީ އެވެ.
އެމްއެންޑީއެފުން ބުނީ އެ ދެ ކުދިން ހޯދުމަށް ސިފައިންގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށާއި އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ކުދިން ހޯދުމުގެ މަސައްކަތުގައި ޑައިވިން ރޮބަޓެއް ބޭނުން ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ފަހުމީ މޫދަށް އެރުނު އިރު ލައިގެން ހުރި ސޯޓް ވަނީ ފެނިފަ އެވެ. ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރާ ޓީމްގައި ހިމެނޭ ފުލުހުންގެ ބަޔަކަށް އެ ސޯޓު ފެނުނީ ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކާ ދިމާލު ފުއްޓަރު ފަރާތު ފަރުމަތިންނެވެ. އެއީ، ފަހުމީގެ ސޯޓުކަން އާއިލާ އިން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިންނާއި ހިތަދޫގެ ޑައިވަރުންނާއި ބައެއް އާންމުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ގަމުގައި އޮންނަ އިންޑިއާ ހެލިކޮޕްޓަރު ވެސް މި މަސައްކަތުގައި ބޭނުންކުރެ އެވެ.
ގެއްލުނު ދެ ކުދިންނާ އެކު މޫދަށް އެރި އުޅުނު 16 އަހަރުގެ އަލީ ރާއިފް ވަނީ ސަލާމަތް ކުރެވިފަ އެވެ. އޭނާ ސަލާމަތްކުރީ އައްޑޫގައި އުޅޭ އަޑު އިވުމުން މަހްރޫމް ވެފައިވާ އަދި ވާހަކަ ނުދެއްކޭ ބީރު މީހެކެވެ.