ރާއްޖޭގައި އާދަޔާޚިލާފު ބޮޑު، ކަންނެއްޔެއް ބާނައިފި
ރާއްޖޭގައި އާދަޔާޚިލާފު ބޮޑު، ކަންނެއްޔެއް ބާނައިފި

ރާއްޖޭގައި އާދަޔާޚިލާފު ބޮޑު، ކަންނެއްޔެއް މިދިޔަ ހަފުތާގައި ބާނައިފި އެވެ. ބަރުދަނުގައި 231 ކިލޯ ހުރި އެ ކަންނެއްޔަކީ ރާއްޖޭގެ ރެކޯޑަކަށް ވެދާނެ ކަމަށް ބައެއް މަސްވެރިން ލަފާ ކުރެ އެވެ.

ރާއްޖޭގައި އާދަޔާޚިލާފު ބޮޑު، ކަންނެއްޔެއް ބާނައިފި
ރާއްޖޭގައި އާދަޔާޚިލާފު ބޮޑު، ކަންނެއްޔެއް ބާނައިފި

މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި، ރާއްޖޭގައި އާންމުކޮށް ބާނަނީ 80 ކިލޯ އިން ދަށުގެ ކަންނެއްޔެވެ.

އާއްމުކޮށް ނުފެންނަ ވަރުގެ ބޮޑު، ރީނދޫ އުރަހަ ކަންނެލި ބޭނީ ރާއްޖޭގައި ލޭނު އެޅުމުގެ މަސައްކަތް ކުރާ ބޯޓަކުންނެވެ. އެ ބޯޓުގައި ތިބި ޓައިވާނުގެ މީހުން ކަންނެލި ބޭނީ، ރާއްޖޭގެ ހުޅަނގު ދެކުނުން 260 މޭލު ބޭރުން ކަމަށް އެ ބޯޓުގެ ފަޅުވެރިއަކު ބުންޏެވެ.

އެ މަސް ކިރުވީ ރާއްޖެ އިން ބޭރަށް މަސް ބޭރުކުރާ "އޯޝަން ހަންޓާ" އަށެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި 231 ކިލޯ ހުރި ކަންނެލީގެ ކޮލެޓީ ވެސް ރަނގަޅެވެ. މަހުގެ ކޮލެޓީ "އޭ ގްރޭޑް"ގައި ހުރިއިރު އެ މަސް މިހާރު ވަނީ ޖަޕާނަށް އެކްސްޕޯޓްކޮށްފަ އެވެ.

އެއީ، ރާއްޖޭގައި ބޭނި އާދަޔާޚިލާފު ކަންނެއްޔަކަށް ވި ނަމަވެސް އޭގެ މައުލޫމާތު ފިޝަރީޒް މިނިސްޓްރީއާ ހިއްސާކޮށްފައެއް ނުވެ އެވެ.

މެރިން ރިސާޗު ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު ޝިހާމް ވިދާޅުވީ އެ ބަރުދަނުގެ ރީނދޫ އުރަހަ ކަންނެއްޏެއް މީގެ ކުރިން ރާއްޖޭގައި ބޭނިކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ރާއްޖެއިން ބޭރަށް ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓްކުރާ އެންސިސް ކުންފުނީގެ އިސް އޮފިޝަލަކު ވެސް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި އެ ބަރުދަނުގެ ރީނދޫ އުރަހަ ކަންނެއްޏެއް ބާނާފައި ނުވާ ކަމަށެވެ. އަދި އެއީ ދުނިޔޭގެ ނިސްބަތުންވެސް ރެކޯޑެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.