23 އެޕްރީލް 2018 - 17:48

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.
އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނާއި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމެވެ.
އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ ފަހުކޮޅު ސުޕްރީމް ކޯޓުން ނިިންމާލާފައިވާއިރު، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރަން ހުށަހެޅި މައްސަލަ ބިނާކޮށްފައި ވަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކަންކަން މަޖިލީހުން ފާސްކުރަން ބޭނުންވާ ކޯރަމް ކަމަށް ވާ 43 މެމްބަރުން ހާޒިރުވެ ނެތީސް އެ ގާނޫނު ފާސްކުރަން ވޯޓަށް އަހާފައި ވާތީ އެވެ. އެހެންވެ ތިން މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ގާނޫނަށް ވޯޓަށް އެހީ ގާނޫނުއަސާސީއާ ޚިލާފަށެވެ.
އެ ކަމަށް ދައުލަތުން ދޭ ރައްދަކީ އެ ގާނޫނު ފާސްކުރަން ވޯޓަށް އަހާއިރު 43 މެމްބަރުން ހާޒިރުވެ ތިބެން ނުޖެހޭ ކަމަށެވެ. އަދި އެ ގާނޫނަށް ވޯޓަށް އަހާއިރު 43 މެމްބަރުން ހާޒިރު ތިބެންޖެހޭ ކަމަށް ބަހުސްގެ ބޭނުމަށް ބެލިކަމުގައި ވިޔަސް، ދައުލަތުން ދެކޭ ގޮތުގައި 43 މެމްބަރުން ނެތީސް އެ ގާނޫނަށް ވޯޓަށް އެހީ ރަނގަޅަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނަނީ ގަސްދުގައި ބައެއް މެމްބަރުން އެދުވަހުގެ ޖަލްސާއަށް ހާޒިރު ނުވެ ތިބުމެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ އިތުރުން، ކުށް ސާބިތުވާ ފަނޑިޔާރުން އޮޓަމެޓިކުން މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ވެސް އެ ތިން މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް އޮތީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ވެސް މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.