އީރާނުގެ ކަނޑުގެ ސިފައިންގެ ބާރު އެމެރިކާ އަށް ވަޒަން ކުރެވިފައެއް ނުވޭ
އީރާނުގެ ކަނޑުގެ ސިފައިންގެ ބާރު އެމެރިކާ އަށް ވަޒަން ކުރެވިފައެއް ނުވޭ

ތެހެރާން (އެޕްރީލް 23) - އީރާނުގެ ކަނޑުގެ ސިފައިންގެ ބާރު އެމެރިކާ އަަށް ވަޒަން ކުރެވިފައި ވެސް ނުވާނެ ކަމަށް ރިވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ރިއާ އެޑްމިރަލް އަލީ ފަދަވީ ވިދާޅުވެއްޖެ އެވެ.

"އީރާނުގެ ކަނޑުގެ ސިފައިންގެ ބާރާ ބެހޭ ގޮތުން އެމެރިކާ އަށް ލިބިފައި ވަނީ ވަރަށް މަދު މައުލޫމާތެއް. އީރާނުގެ ކަނޑުގެ ސިފައިންގެ ހަގީގީ ބާރު އެމެރިކާ އަށް އެނގޭނީ އެ ގައުމުގެ މަނަވަރެއް ފައްތާލުމުން،" ފަދާވީ ވިދާޅުވި އެވެ.

މިދިޔަ މާޗު މަހު ފަދަވީ ވިދާޅުވެފައި ވަނީ އީރާނުގެ ލަޝްކަރު ނުވަތަ ކަނޑުގެ ސިފައިންނަށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް އުދުވާނެއް ނާކާމިޔާބު ކޮށްލެވޭނެ ކަމަށެވެ. ފަދަވީ އަދި ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އީރާނުގެ ކަނޑުގެ ސިފައިން ވެސް ވަރަށް އަވަހަށް ހަރަކާތްތެރިވާން ފަށާނެ ކަމަށެވެ.

"އީރާނުގެ ކަނޑުގެ ސިފައިންގެ ގާބިލްކަން ހުރި މިންވަރަށް ބަލާ އެންމެ ބޮޑު ދުޝްމިން ވެސް ބަލިކޮށްލެވޭނެ. އެމެރިކާ އިން ވެސް ގަބޫލް ކުރަން ޖެހޭނެ އީރާނުގެ ކަނޑުގެ ސިފައިން ވަނީ އެކަތި ގަނޑަކަށްވެފައިކަން. އީރާނުގެ ކަނޑުގެ ސިފައިން ހަރަކާތްތެރި ވާނީ އެންމެ ކޮމާންޑެއްގެ ދަށުން،" އޭނާ ވިދާޅުވި އެވެ.

ޖެނުއަރީ 2016 ގައި ވަނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ދެ ޕެޓްރޯލް ބޯޓު އީރާނުގެ އައްސޭރީގެ ސަރަހައްދުން ހިފަހައްޓައިފަ އެވެ. އީރާނުން އެ ދުވަސްވަރު ބުނެފައި ވަނީ އެ ގައުމުގެ ދެ ބޯޓުގެ ފަޅުވެރިން ދޫކޮށްލީ އީރާނުގެ ސަރަހައްދަށް ވަދެވުނީ އެ މީހުންނަށް ނޭނގި ކަމަށް ބުނުމާ އަދި އެ މީހުން މައާފަށް އެދުމުން ކަމަށެވެ.