21 ޖުލައި 2016 - 15:44

ރާއްޖޭގެ ސިޔާސީ މަސްރަހު ހަަމައަކަށް އަޅުވަން ބާއްވަން އުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ގޮތަކާ މެދު ރައީސް އަބްދުﷲ ޔާމީނާއި އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް ރާއްޖެ ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. މި މަޝްވަރާތައް ކުރި އަށް ގެންދެވެން އޮތީ ހުރިހާ ފަރާތްތައް އެއް ތަނެއްގައި ތިބުމުގެ ބަދަލުގައި އެކި ފަރާތްތަކާ ވަކިވަކިން ބައްދަލު ކޮށްގެންނެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ރައީސް ޔާމީނާއި ތަމްރަތު ވާހަކަ ދެއްކެވީ މަޝްވަރާތައް ކުރި އަށް ގެންދެވޭނެ ގޮތަކާ މެދު އެވެ.

"ސިޔާސީ މަޝްވަރާތަކަށް އދ. އިން ދެމުން ގެންދާ ހުއްޓުމެއް ނެތް އެއްބާރުލުމާއި އެހީތެރިކަމަށް ރައީސް ޔާމީން ޝުކުރު އަދާކުރެއްވި އެވެ،" ބަޔާނުގައިވެ އެވެ.
އެކަމަކު ރައީސް ޔާމީނާއި ތަމްރަތު ދެއްކެވި ވާހަކަތަކުގެ އިތުރު އެއްވެސް ތަފުސީލެއް ރައީސް އޮފީހަކުން ނުދެ އެވެ.
ތަމްރަތު ގެންދަވަނީ ސަރުކާރުގެ އިތުރުން އެހެން ބައެއް ފަރާތްތަކާ ވެސް ބައްދަލު ކުރައްވަމުންނެވެ. އެ ގޮތުން، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު ހިމެނިވަޑައިގަންނަވާ ސަރުކާރުގެ ވަފުދާ އިއްޔެ ބައްދަލު ކުރެއްވި އެވެ. އަދި ވެރިކަން ކުރާ ޕީޕީއެމްއާ ވެސް އިއްޔެ ބައްދަލު ކުރެއްވި އެވެ.
މި މަޝްވަރާތަކުގައި ބައިވެރި ނުވާން އިދިކޮޅު ފަރާތްތަކުން ވަނީ ނިންމާފަ އެވެ. އެހެންވެ، ތަމްރަތާ ވެސް އިދިކޮޅު ޕާޓީތަކުން ބައްދަލެއް ނުކުރެ އެވެ.
އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ޝަރުތަކީ ޖަލަށް ހުކުމްކޮށްފައިވާ އިދިކޮޅު ލީޑަރުން މިނިވަން ކުރުމެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައި ވާއިރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި ކުރީގެ ޑިފެންސް މިިނިސްޓަރު މުހައްމަދު ނާޒިމަށް 11 އަހަރުގެ ހުކުމެއް އިއްވާފައި ވާއިރު، އިއްތިހާދުގެ ތަރުޖަމާނު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވަނީ ހަތަރު މަހަށް ޖަލަށް ލާފަ އެވެ.
ލީޑަރުން މިނިވަން ކުރުމަކީ މަޝްވަރާގައި ބައިވެރިވާން އެމްޑީޕީ އާއި އަދާލަތުން ކުރި ޝަރުތެވެ. އެކަމަކު، ކުރިން އެ ޝަރުތަށް ސަރުކާރުން ދެކޮޅު ހެދި ނަމަވެސް އެ ފުރުސަތު މިހާރު އޮތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އިދިކޮޅު ލީޑަރުން މަޝްވަރާތަކަށް އެނބުރި ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.
އެމްޑީޕީ އާއި އަދާލަތުގެ އަނެއް ޝަރުތަކީ އެ ދެ ޕާޓީ ވެސް ހިމެނޭ ގޮތަށް އުފައްދާފައިވާ އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން މަޝްވަރާތަކުގައި ބައިވެރި ކުރުމެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ އިއްތިހާދު ކިޔާ ޕާޓީއެއް ނުދަންނަ ކަމަށާއި އެ މީހުން މަޝްވަރާތަކުގައި ބައިވެރި ނުކުރެވޭނެ ކަމަށެވެ.