24 އެޕްރީލް 2018 - 06:11

ދެހާސް ހަތެއްގެ އޮސްކާގެ އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމަށް ވާދަކުރި ޑެންމާކްގެ ފިލްމް "އާފްޓާ ދަ ވެޑިން" ގެ ރިމެކިން އަށް ޖޫލިއަން މޯ އާއި މިޝެލް ވިލިއަމްސް ސޮއިކޮށްފި އެވެ.
"ވުލްވްސް" އާއި "ދަ ރިބައުންޑް" ފަދަ ފިލްމްތައް ގެނެސް ދިން ބާޓް ފްރޯންޑްލީ ޑައިރެކްޓް ކުރާ ފިލްމްގައި ޖޫލިއަން ފެނިގެން ދާނީ ވަރަށް ނުފޫޒު ގަދަ ވިޔަފާރިވެރިއެއްގެ ރޯލުންނެވެ. އަދި މިޝެލް ފެނިގެން ދާނީ ޔަތީމުހާނާއެއް ހިންގާ މީހެއްގެ ރޯލުންނެވެ.
"އާފްޓަ ދެ ވެޑިން" އަށް ވަރުގަދަ ދެ ބަތަލާއަކު ސޮއިކުރުމުން ފިލްމާ ދޭތެރޭ އުންމީދުތައް މިހާރު ވަރަށް ވެސް ބޮޑެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޖޫލިއަން، 57، އަކީ އޮސްކާ ވެސް ހޯދާފައިވާ ބަތަލާއެކެވެ. އަދި މިޝެލްއަކީ ހަތަރު ފަހަރެއްގެ މަތިން އޮސްކާ އަށް ނޮމިނޭޓްވެފައިވާ ބަތަލާއެކެވެ.
އެކަމަކު އެ ދެ ތަރިންނާ އެކު، ފިލްމްގައި ފެނިގެން ދާނީ ކޮން އެކްޓަރުންތަކެއް ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.
"އާފްޓަ ދަ ވެޑިން" ގެ ޕްރޮޑިއުސަރުންނަކީ "ޓާމިނޭޓް ސަލްވޭޝަން" ފަދަ ފިލްމްތައް ގެނެސް ދިން ޖޮއެލް މައިކަލްސް އާއި "ބްލެކް ބަޓަފްލައި" ގެ ޕްރޮޑިއުސަރު ސިލްވިއޯ މުރެގާލިއާ އެވެ.
މި ފިލްމްގެ ޝޫޓިން ކުރިއަށް އޮތް ބަހާރު މޫސުމުގައި ފަށަން ތާވަލުކޮށްފައިވާ އިރު، ފިލްމް ސިނަމާތަކަށް އަންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެެވެ.
ދެހާސް ހައެއްގައި ސުޒޭން ބިއާ ޑައިރެކްޓްކޮށް ގެނެސް ދިން "އާފްޓާ ދަ ވެޑިން" އަކީ ކްރިޓިކުންގެ ތައުރީފު ވެސް ވަރަށް ބޮޑަށް އޮހުނު ފިލްމެކެވެ. މީގެ ލީޑް ރޯލް ކުޅެފައި ވަނީ މެޑްސް މިކެލްސެން އާއި ސިސީ ބެބޭ ނެޑްސެން އެވެ.