ކާއްޓާއި ދިއްގާދަނޑީގެ އެހީގައި ގޮއިދޫން ކުޅިވަރުގައި ކުރި ދަތުރު
ކާއްޓާއި ދިއްގާދަނޑީގެ އެހީގައި ގޮއިދޫން ކުޅިވަރުގައި ކުރި ދަތުރު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާ ބ. ގޮއިދޫގައި ބާއްވަން އެ ކޮމިޓީގެ އެކްސްކޯ އިން ނިންމީ އެ ރަށުން ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުންނެވެ. އެކަމަކު ޖަލްސާ ނިންމާލުމަށް ފަހު ކޮމިޓީގެ މެމްބަރުން ރަށުން ފުރައިގެންދިޔަ ދިޔައީ އެ ރަށުން ކުރަމުން އަންނަ މަސައްކަތަކީ ހަމައެކަނި މިފަދަ ޖަލްސާއެއް ބާއްވާލައިގެން އޭގެ އަގުވަޒަންކޮށްލެވޭނެ ކަމެއް ނޫނޭ ހިތާހިތުން ކިޔަމުންނެވެ. އެ ރަށުގެ ރައްޔިތުން ކުޅިވަރުގައި ކުރިއަށް ދިއުމަށް ކުރާ މަސައްކަތަކީ މުޅި ދިވެހި ކުޅިވަރު އާއިލާ އިން މިސާލަކަށް ނަގަން ޖެހޭ ފަދަ ހިތްވަރުގަދަ މަސައްކަތެކެވެ.

ކާއްޓާއި ދިއްގާދަނޑީގެ އެހީގައި ގޮއިދޫން ކުޅިވަރުގައި ކުރި ދަތުރު
ކާއްޓާއި ދިއްގާދަނޑީގެ އެހީގައި ގޮއިދޫން ކުޅިވަރުގައި ކުރި ދަތުރު

އެންމެ 798 މީހުން ދިރިއުޅޭ މި ރަށުން މިވަނީ އެތައް ކުޅިވަރުތަކެއްގައި ވާދަކޮށް އެތަކެއް ކާމިޔާބީތަކެއް ހޯދައިފަ އެވެ. މޫދާއި އެއްގަމުގައި ކުޅޭ ކުޅިވަރުތަކުން ފެށިގެން ރާއްޖޭގައި އެންމެ މަގުބޫލު ކުޅިވަރުތަކާއި އާއްމުވެފައިނުވާ ކުޅިވަރުތަކުގައި ވެސް ގޮއިދޫގެ ނަން ވިދަ އެވެ. އުފެދޭ ސުވާލަކީ، ވެރިކަންކުރާ މާލޭގައި ވެސް އެންމެ ރަނގަޅު ވަސީލަތްތަކެއް ނެތްއިރު އަމުދުން ކުޑަކުޑަ ރަށެއްގައި އެއްވެސް ކަހަލަ ވަސީލަތެއް ނެތި މި ކާމިޔާބީތައް ހޯދީ ކިހިނެއް ބާވަ އެވެ؟

ކާއްޓާއި ދިއްގާދަނޑީގެ އެހީގައި ގޮއިދޫން ކުޅިވަރުގައި ކުރި ދަތުރު
ކާއްޓާއި ދިއްގާދަނޑީގެ އެހީގައި ގޮއިދޫން ކުޅިވަރުގައި ކުރި ދަތުރު

މީގެ 17 އަހަރު ކުރިން 2001 ވަނަ އަހަރު ގައުމީ އެތްލެޓިކްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު ޖެވެލިން އަށް ތަމްރީން ހެދީ ދިއްގާގަހުގެ ދަނޑިންނެވެ. ޝޮޓްޕުޓް އުކުމަށް ފަރިތަކުރީ ރުކުގެ ކާށި ބޭނުންކޮށްގެންނެވެ. ހައި ޖަމްޕަށް ފަރިތަކުރާނެ ބެޑެއް ނެތަސް ހާހެއް ނުވި އެވެ. ގޮނޑުދޮށަށް ލައްވެފައ ހުރި މޫދުހުއިތައް ގޯނިގޯންޏަށް އަޅައިގެން ތުންފަހައިގެން މަތިމައްޗަށް ގޯނިތައް ޖެހުމަށް ފަހު މަތިން ސަތަރި އަޅައިގެން ބެޑެއް ތައްޔާރުކުރީ އެވެ.

މިއަދު އެ ހާލަތު ބަދަލުވެފައިވީ ނަމަވެސް އަދިވެސް ކާމިޔާބީ ހޯދުމަށް އެ ރަށުގެ ރައްޔިތުން އުފުލަން ޖެހޭ ތަކުލީފު ކުޑައެއް ނޫނެވެ. އިންޓަ ސްކޫލް މުބާރާތެއްގައި ވާދަކުރުމަށް މާލެ އައިސް ތިބުމާއި ކެއިންބުއިން ހަމަޖައްސަން ޖެހެނީ ދަތި އުނދަގުލުންނެވެ. ނިދާނެ ތަންމަތިން ފެށިގެން ބޯ ފެނާއި ކާނެ ތައްޔާރީ ކާނާގެ އިތުރުން ދޮންނަ މެޝިނާއި ކައްކާ އުނދުނާއި ތެލި ތަށި އަދި ފިނިކޮށްލަން ބޭނުންކުރާ ފަންކާ ވެސް ރަށުން ހިފައިގެން ގޮސް ތަނެއް ކުއްޔަށް ހިފައިގެން ތިބެނީ އެވެ.

"ނަމަވެސް ވޮލީގެ ތައްޓަށް ކުދިންގެ ހިތުގަ އޮންނަ ދަހިވެތިކަމާ ވޮލީއަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުގެ ސަބަބުން ޖާގައިގެ ދަތިކަމަކަށް، އުޅެންޖެހޭ ދަތި ހާލަކަށް ކުރިމަތިވާ ގޮންޖެހުންތަކަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ،" މިއީ އެ ރަށުގެ ބަހެވެ.

"އެ ކުދިން އެނބުރި އަންނަނީ ބޭނުންވާ ނަތީޖާ ހާސިލްކޮށްގެން އުފަލާ ހިތްހަމަޖެހުމާ އެކު އެއްވެސް ޝަކުވާއެއް ނެތި ތަށިތަކާ މެޑެލްތަކުން އަތް ފުރާލައިގެންނެވެ. އެބުރި ރަށަށް އަންނައިރު ރަށުގެ ރައްޔިތުންގެ ފަރާތުން އެ ދަރިވަރުންނަށް ކިޔާނެ އާދަޔާހިލާފު ހޫނު މަރުހާބާއާމެދު އުފަލުން ފޮޅިފައި ތިބެގެންނެވެ."

ކާށްޓާއި ކުރެދިދަނޑި ބޭނުންކޮށްގެން ހެދި ތަމްރީން ހަދަން ޖެހުނަސް މާޔޫސްކަމެއް ނެތްކަމުގެ ހެއްކަކީ 2001 ވަނަ އަހަރުގެ ކާމިޔާބީތައް ޖެހިގެން އައި އަހަރު ވެސް ދިފާއުކުރުމެވެ. އަދި އޭރުގެ ކުދިން ހޯދި އެ ކާމިޔާބީން ހިތްވަރު ލިބިގެން މިއަދު ވެސް ގޮއިދޫގެ ކުދިން އަންނަނީ އެފަދަ އެތައް ކާމިޔާބީތަކެއް ހޯދަމުންނެވެ. އެކި އެކި ކުޅިވަރުތަކުގަ އެވެ.

ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރު ފުޓްބޯޅައިގައި ބ. އަތޮޅު ޗެލެންޖުގެ ތަށި ތިން ފަހަރު ހޯދައިފި އެވެ. އަންހެނުނަށް ހާއްސަ ކުޅިވަރު، ބަށީގައި ވެސް ގޮއިދޫ އަކީ ފާހަގަކޮށްލަން ޖެހޭ ރަށެކެވެ. ބ. އަތޮޅު ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާއިރު އެ ރަށުގެ ބައެއް ކުޅުންތެރިންގެ ޑިމާންޑް ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ބޮޑެވެ. އެ ރަށު ފާތިމަތު މިލްނާ އަކީ 2016 ވަނަ އަހަރުގެ އެސްޓީއޯ ބަށި މުބާރާތުގެ ބަށި ރާނީ އެވެ. ހޭންޑްބޯޅައިގައި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް އެ ރަށުގެ ހަތަރު ކުދިން ވަނީ ކުޅެފަ އެވެ.

ބެޑްމިންޓަން ކުޅެން ބޭނުންވުމުން ހެޔޮއެދޭ ފަރާތްތަކުގެ އެހީ ހޯދައިގެން އަމިއްލަ އަށް އިންޑޯ ކޯޓެއް އަޅައިގެން ކުޅެން ފެށުމުގެ ނަތީޖާއަކީ އެ ކުޅިވަރުގައި ވެސް ރަށުގެ ނަން ވިދާލުމެވެ. ގައުމީ ސީނިއާ ބެޑްމިންޓަން ޓީމުގެ ކޯޗު އަދި ބެޑްމިންޓަން އެކަޑަމީއެއް ހިންގަމުން އަންނަ އަލީ ޝަރުމީލަކީ ބެޑްމިންޓަނުގައި އެ ރަށުގެ ފަހުރެކެވެ.

މީގެ 28 އަހަރު ކުރިން ފެށިގެން ވޮލީބޯޅައިގެ ޗާޓުން ގޮއިދޫގެ ނަން ފެންނަން ވަނީ ފަށައިފަ އެވެ. ގައުމީ މުބާރާތްތަކާއި ރިޒޯޓް މުބާރާތްތަކުގައި ގޮއިދޫގެ ކުޅުންތެރިން އަންނަނީ ވިދަމުންނެވެ. ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އިބްރާހިމް ފަލާހަކީ އޭގެ ތެރެއިން ކުޅުންތެރިޔެކެވެ. އަދި ދާދި ފަހުން ގައުމީ ސްކޮޑުން ވެސް ފުރުސަތު ލިބުނު އާދަމް ނިޒާރު (އެޑަމް) މިވަގުތު ވޮލީބޯޅައިގައި ގޮއިދޫގެ އެންމެ ބޮޑު އުއްމީދެވެ.

ވޮލީބޯޅައިގައި ގޮއިދޫ ސްކޫލަކީ މުޅި ރާއްޖޭގައި ވެސް ފާހަގަކުރެވޭ ސްކޫލެކެވެ. ސްކޫލް ޕްރިންސްޕަލް މުހައްމަދު ނިޒާމްގެ އިރުޝާދުގެ ދަށުން 2014 ވަނަ އަހަރުން ފެށިގެން މައިލޯ އިންޓަ ސްކޫލް ވޮލީ މުބާރާތުން މިހާތަނަށް ދެ ޖިންސުން 16 ތަށި އުފުލާލައިފައިވެ އެވެ. ނަތީޖާއަކީ ގައުމީ އަންހެން ވޮލީބޯޅަ ޓީމުން އެ ރަށުގެ ހަތަރު ކުދިންނަށް ފުރުސަތު ލިބުމެވެ.

މޫދު ކުޅިވަރުގައި ގޮއިދޫ އަދި އުޅެނީ މުޅިން އެހެން ހަރުފަތެއްގަ އެވެ. ވިންޑް ސާފިން އާއި ސެއިލިންގައި ގައުމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް އަދި 2011 ވަނަ އަހަރުގެ ސައުތު އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ކެޕްޓަންކަން ކުރި ނޫމާން އަބޫބަކުރަކީ އެ ރަށުގެ އުފެއްދުމެކެވެ. މީގެ އިތުރުން އެ ރަށުގެ އާދަމް އާޒިމް ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ.

މޫދު ކުޅިވަރުތަކަށް ގޮއިދޫގެ ޒުވާން ކުދިން ނެރުމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ގޮއިދޫ ވޯޓާ ސްޕޯޓްސްގެ ނަމުގައި މުހިއްމު ހަރަކާތެއް ހިންގާ މުހައްމަދު ސުޖާއު އާއި ހަސަން ނިޒާމަށެވެ.

މިއަދުގެ ގޮއިދޫގެ އެންމެ ބޮޑު ފަހުރަކީ ކައިޓްސާފިންގައި މުޅި ރާއްޖޭގައި މިހާރު މަޝްހޫރުކަން ހޯދާފައިވާ އުމުރުން 14 އަހަރުގެ ހަސަން މާހިރު (ހަންޓޭ) އެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން ބޭރުގައި ވެސް އޭނާ ވަނީ އެތައް ބަޔަކު ހައިރާންކޮށްލައިފަ އެވެ. ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ވާދަކުރާ ދިވެހި ޓީމްތަކާއި އަދި ރާއްޖޭގައި ބާއްވާ ކައިޓް ސާފިން މުބާރާތްތައް މިއަދު ޑޮމިނޭޓްކުރަނީ ހަންޓޭ ފަދަ އެ ރަށުގެ ކުދިންނެވެ. މިއަދު އެ ރަށުގައި 30 ކައިޓްސާފަރުން އެބަތިއްބެވެ.

މޫދު ކުޅިވަރުތަކަށް ވަށައިގެން އެއޮތީ ގުދުރަތީ ވަސީލަތެވެ. އެކަމަކު އެތުލެޓިކްސް ފަދައިން ބާސްކެޓްބޯޅަ އާއި ސްކޭޓްކުރަން ޝައުގުވެރިވާ ކުދިންނަށް ވަސީލަތެއް ނެތެވެ. މައްސަލައެއް ނެތެވެ. މަސްވެރިން މަސްކެނޑުމަށްޓަކައި ބަނދަރުގައި އަޅާފައިވާ ތަޅުންގަނޑުން މިވަގުތު ފުއްދާލަނީ އެވެ.

އެ ރަށުން ދިން ޕްރެޒެންޓޭޝަނުގައި ކިޔައިދިން މި ހުރިހާ ވާހަކަތަކެއް އަޑުއަހައިގެން އޮލިމްޕިކް ކޮމިޓީގެ މެމްބަރުންނާއި އެސޯސިއޭޝަންތަކުން ވެރިން އާޝޯހުވެފައި ތިބެ ޖަލްސާ އިން ނުކުތްއިރު، އެ އަޑު އިވުނު ވާހަކަތަކުގެ ހެކިތައް ދިމާލަށް ފެންނަން ހުއްޓެވެ. މެންދުރުގެ ގަދަ ހޫނުގައި ރަށުގެ ޒުވާނުންކޮޅެއް ވޮލީ ކުޅެނީ އެވެ. ފަރުވާލެއް ނެތެވެ. ގަޔަށް ހޫނުވިޔަސް ހިތަށް ފިނިކަން ލިބޭތާ އެވެ. ކުޅިވަރަކީ ދިވެހިންނާ ހިތާ ހިތުން ގުޅިފައިވާ ކަމެކެވެ.