23 އެޕްރީލް 2018 - 13:11

ކޮންމެ ސްކޫލެއްގެ އެންމެ މޮޅު ދަރިވަރަށް ރައީސުލްޖުމްހޫރިއްޔާ ކުރިން ދެއްވަމުން އަންނަ އިނާމްގެ ބަދަލުގައި ހަނދާނީ ފިލައެއް ދެއްވާ ގޮތަށް ނިންމައިފި އެވެ.
ސާނަވީ އާއި މަތީ ސާނަވީ ތައުލީމުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދެވީ އިނާމެވެ. އެކަމަކު މިއަދުން ފެށިގެން އެ އިނާމު ދިނުން ހުއްޓާލައި، ހަނދާނީ ފިލައެއް ދެއްވަން ވަނީ ނިންމައިފަ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ރައީސްގެ ހަނދާނީ ފިލާ އެންމެ ފުރަތަމަ ދެއްވީ، ސީއެޗްއެސްއީ އިން މިިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރ. ރަސްގެތީމް، ރަސްވެލި، އައިޝަތު މަލްހާ އަށް ކަމަށެވެ.
އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، މަލްހާއާ ބައްދަލުކުރައްވައި ރައީސް އަބްދުﷲ ޔާމީން ވަނީ އޭނާ ހޯދި ކާމިޔާބީ އަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި ބޭރު ގައުމަކަށް ކިޔަވަންދިޔަ ކަމުގައި ވިއަސް ގައުމު ދެކެ ލޯބި ވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައި ވެ އެވެ.
ކޮންމެ ދާއިރާއަކުން ކުރިއަށް ދިޔަ ނަމަވެސް އުނގެނިފައިވާ ތައުލީމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ވެސް ރައީސް ވަނީ ނަސޭހަތްތެރިވެވަޑައިގަތެވެ.
މިއަދު ތައާރަފުކުރި ރައީސްގެ ހަނދާނީ ފިލާ، މީގެ ފަހުން ދަރިވަރުންނާ ހަވާލުކޮށްދޭނީ، ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި، އެ ޖަލްސާގެ ޝަރަފުވެރި މެހެމާނެވެ.