ވަރުން އާއި ކެޓްރީނާ އާމްދަނީގެ ފަރަގު ވަރަށް ބޮޑު
ވަރުން އާއި ކެޓްރީނާ އާމްދަނީގެ ފަރަގު ވަރަށް ބޮޑު

ބޮލީވުޑްގައި ބަތަލާއިންނަށް ވުރެ ބޮޑު އާމްދަނީއެއް ބަތަލުންނަށް ލިބޭ ވާހަކައަކީ އަބަދުވެސް ހޫނު ބަހުސެކެވެ. މި ފަހަކަށް އައިސް އެ ތަފާތުކުރުން ކުޑަކުރުގެ ވާހަކަތައް، އިތުރުވެ، ބަތަލާއިން އެ މީހުންނަށް ހައްގުވާ މިންވަރު ހޯދަން ވަކާލާތު ކުރުން ވެސް ކުރިއަށް ވުރެ ބޮޑެވެ.

އެކަމަކު ދާދި ފަހުން ޓީ-ސީރީޒުން އިއުލާން ކުރި، ވަރުން ދަވަން އާއި ކެޓްރީނާ ކައިފްގެ ޑާންސް ފިލްމްގެ ވާހަކަތަކާ އެކު، އެންމެ ބޮޑަށް ދެކެވެނީ ދެ ތަރިންނަށް ފިލްމުން ލިބޭ އާމްދަނީގެ ފަރަގުގެ ވާހަކަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ ފިލްމް ވަރުން ކުޅެދެނީ 35 ކްރޯޑް ރުޕީސްއަށެވެ. އެކަމަކު އެހެން ރިޕޯޓްތައް ބުނަނީ ފިލްމުން އޭނާ އަށް ޔަގީނުން ވެސް 15-20 ކްރޯޑް ރުޕީސްއާ ދެމެދުގެ އަގެއް ލިބޭނެ ކަމަށެވެ.

ވަރުން ވަނީ އޭނާ ފިލްމް ކުޅެދޭ އަގު 2016 ގައި ވެސް ބޮޑުކޮށްފަ އެވެ. އޭރު ފިލްމަކުން އޭނާ ޗާޖް ކުރަމުން އައީ 8 ލައްކަ ރުޕީސް ކަަމަށް ވިޔަސް، ފަހުން ވަނީ 13 ކްރޯޑަށް ބޮޑުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވަރުންއާ އެކު ކުޅޭ ފިލްމުން ކެޓްރީނާ އަށް ލިބެނީ 7 ކްރޯޑް ރުޕީސް އެވެ. އެއީ ވަރުންގެ އާމްދަނީ އަށް ބަލާ އިރު، މާ ބޮޑަށް ވެސް ދަށް އަދަދެކެވެ. އެކަމަކު ފިލްމްގައި ދެ ތަރިން ވެސް ފެނިގެން ދާނީ އެއްވަރުގެ ރޯލްތަކަކުންކަން ރެމޯ ވަނީ ކަށަވަރުކޮށް ދީފަ އެވެ.

ކެޓްރީނާ އާއި ވަރުންގެ އާމްދަނީގައި މި ފަހަރު މި ހުރި ބޮޑު ފަރަގާ އެކު، އަނެއްކާ ވެސް އާމްދަނީ ހަމަހަމަ ކުރުމުގެ ބަހުސް ގަދަވާނެ ކަމަށް ބެލެވެ އެވެ. އަނެއްކޮޅުން ކެޓްރީނާއަކީ ވަރުން އަށް ވުރެ، މާ ސީނިއާ ބަތަލާއެއް ވެސް މެ އެވެ.

އެއާ އެކު ވެސް ފާހަގަ ކުރަން ޖެހެނީ ވަރުންއަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ "ބެންކަބަލް" ޒުވާން އެއް ތަރި ކަމެވެ. އޭނާ ހިމަނައިގެން ފިލްމެއް ހަދައިފި ނަމަ ބޮޑު ހިޓަކަށް ވާނެ ކަމުގެ ޔަގީންކަން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް އަބަދު ވެސް އޮވެ އެވެ. އެހެންވެ ވަރުންގެ އަށް ބޮޑު އަގެއް ހުށަހެޅުމަކީ ގިނަ ޕްރޮޑިއުސަރުން ޖެހިލުންވާ ކަމެއް ނޫނެވެ.