މައްކާ-މަދީނާ ހައިވޭގެ އެކްސިޑެންޓެއްގައި ހަތަރު އުމްރާވެރިއަކު މަރުވެއްޖެ
މައްކާ-މަދީނާ ހައިވޭގެ އެކްސިޑެންޓެއްގައި ހަތަރު އުމްރާވެރިއަކު މަރުވެއްޖެ

މައްކާ (އެޕްރީލް 23) - މައްކާ އިން މަދީނާ އަށް ދަތުރުކުރި އިނގިރޭސި ވިލާތުގެ ހަތަރު އުމްރާވެރިން މަރުވެފައިވާ ކަމަށް އެ މީހުންގެ ދަތުރު އިންތިޒާމް ކުރި ޓްރޭވަލް އެޖެންސީން ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ހާޝިމް ޓްރޭވަލް އިން ބުނީ އުމްރާވެރިން ދަތުރުކުރި ބަސް ޖެހިފައި ވަނީ ތެޔޮ ޓޭންކަރެއްގައި ކަމަށެވެ. އެކްސިޑެންޓްވުމާ އެކު ރޯވި އަލިފާން ބަހުގައި ވެސް ހިފި ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ. މަރުވެފައި ވަނީ ބްލެކްބާން އަށް ނިސްބަތްވާ 70 އަހަރުގެ ބޭގަން ހުސައިން ކިޔާ މީހަކާއި އުމުރުން ދުވަސްވީ މީހަކާއި މަންމައަކާ އަދި އޭނާގެ ކުޑަ ފިރިހެން ދަރިފުޅެވެ. ހާޝިމް ޓްރޭވަލް އިން ބުނީ މަރުވި ހަތަރު މީހުންގެ އިތުރުން 12 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. އޭގެ ތެރޭން ހަ މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ.

އެކްސިޑެންޓްވި ބަހުން 18 މީހުން ދަތުރުކުރި އެވެ. އެކްސިޑެންޓް ހިނގާފައި ވަނީ އަލް ޚަލާސް ޓައުނާ ކައިރީގަ އެވެ.

ކައުންސިލް އޮފް ބްރިޓިޝް ހާޖީސް އިން ބުނީ މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ރިޔާޒުގައި ހުންނަ އިނގިރޭސި ވިލާތުގެ އެމްބަސީން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.