23 އެޕްރީލް 2018 - 09:55

ލަންޑަން (އޭޕްރީލް 23) - ޕީއެފްއޭ އިން ހޮވާ އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހަށް ލިބިއްޖެ އެވެ.
މި ސީޒަނުގައި ރޯމާ ދޫކޮށް ލިވަޕޫލަށް ބަދަލުވުމަށް ފަހު ސަލާހު ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި 33 މެޗުން 31 ލަނޑު ޖަހައިފަ އެވެ. އަދި މިއާ އެކު އޭނާ ވަނީ 38 މެޗުގެ ސީޒަނަކު އެންމެ ގިނަ ލަނޑު ޖަހައިގެން އެލަން ޝިއަަރާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލުއިސް ސުއަރޭޒް ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. އަދި ލީގުގައި ބާކީ ތިން މެޗު އޮތްއިރު އެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ވެސް ސަލާހަށް އެބައޮތެވެ.
ސަލާހު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ އާއި ލެރޯއީ ސާނޭ އަދި ޑޭވިޑް ސިލްވާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާއާ ވާދަކޮށެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީ ސާނޭ އެވެ.
"ވަރަށް ބޮޑަށް ފަހުރުވެރިވޭ. އެއީ މިއީ ކުޅުންތެރިންގެ ވޯޓުން ދޭ އެވޯޑަކަށްވީމަ،" އެވޯޑް ލިބުމުން ދިން އިންޓަވިއުއެއްގައި ސަލާހު ބުންޏެވެ.
"އަހަންނަށް ޗެލްސީގައި އެންމެ ރަނގަޅަށް ފުރުސަތެއް ނުލިބުނު. އެހެންވެ އެނބުރި އައިސް އަހަރެން ބޭނުންވި ފުޓްބޯޅައިގައި އަހަރެންގެ ހުނަރު ސާބިތުކޮށްދޭން. އެކަން ހާސިލްކުރެވިއްޖެ،" ސަލާހު ބުންޏެވެ.
ރޯމާ ދޫކޮށް ލިވަޕޫލާ ގުޅުމަށް ފަހު ސަލާހު ވަނީ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަރަބި ގައުމުތަކުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހިމެނެ އެވެ. އޭގެ އިތުރުން ސަލާހު ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ އެކި މަސް މަހު ހޮވި މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރު ހާސިލްކޮށްފަ އެވެ.
އުމުރުން 25 އަހަރުގެ ސަލާހު ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 41 ގޯލު ޖަހައިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ސަލާހު އަންނަނީ ޗެމްޕިއަންސް ލީގުގައި ވެސް ލިވަޕޫލަށް ތަފާތު ދައްކަމުންނެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މާދަމާރޭ ލިވަޕޫލް އަމިއްލަ ދަނޑުގައި ކުޅޭނީ ސަލާހުގެ ކުރީގެ ކްލަބް ރޯމާއާ ދެކޮޅަށެވެ.