23 އެޕްރީލް 2018 - 06:49

ޝާހްރުކް ހާން ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމަކީ އަދިތިޔާ ޗޯޕްޅާ ޑައިރެކްޓް ކުރި 1995 ގެ ފިލްމް "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭގޭ" އެވެ. އެ ފިލްމަށް ފަހު އެ ދެ މީހުން ވަނީ މޮހައްބަތޭން (2000) އަދި ރަބް ނެ ބަނާދީ ޖޯޅީ (2008) ގައި ވެސް މަސައްކަތްކޮށްފަ އެވެ.
މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރީމީހާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމް ބޭފިކްރޭ (2016) ގެނެސް ދިނީ ޒުވާން އެކްޓަރު ރަންވީރް ސިންގްއާ އެކުގަ އެވެ. ދެން ވެސް އަދިތިޔާ ހަދާނީ ރަންވީރް ލީޑް ރޯލް ކުޅޭނެ ފިލްމެއް ކަމަށް މި ދޭތެރެ އިން އަޑު ފެތުރުނަސް ޝާކްރުކް ވަނީ އަދީ ފިލްމެއް ހުށަހެޅިކަން ޔަގީންކޮށް ދީފަ އެވެ.
"އަދި ބުނެފައި އެބަ އޮތް މި އަހަރު އަހަރެންގެ ތާރީހުތަކުން ތިން މަސް ދުވަހު އޭނަ އަށް އަހަރެން ދޭން ޖެހޭނެ ކަމަށް. ވަރަށް ބޮޑު ފްރޮޖްކެޓެއް އަހަންނާ އެކު ޕްލޭން އެބަ ކުރަމޭ. އެއަށް ތައްޔާރު ވާން ވެސް ގާތްގަނޑަކަށް ދެ މަސް ދުވަސް ދުވަސް ނަގާނޭ،" އަންނަ ޑިސެމްބަރު 21 ގައި ރިލީޒް ކުރާ އާނަންދް އެލް ރާއީގެ "ޒީރޯ" ގެ މަސައްކަތް ކުރަމުން އަންނަ ޝާހްރުކް ބުންޏެވެ.
އޭނާ ބުނީ އަދިތިޔާއާ އެކު ފިލްމެއްގެ މަސައްކަތްކޮށްލަން ވަރަށް ބޭނުން ވެސް ވެފައި ހުރި ކަމަށެވެ. އެންމެ ފަހުން އެ ދެ މީހުން އެކުގައި މަސައްކަތް ކުރި ފަހުން މިއީ 10 ވަނަ އަހަރެވެ. އެކަމަކު އަދިތިޔާގެ ފިލްމް ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއް 2016 ގައި ވެސް ޝާހްރުކް ކުޅުނެވެ. އެއީ މަނީޝް ޝަރްމާ ޑައިރެކްޓް ކުރި "ފޭން" އެވެ.
ބޮލީވުޑްގެ އެކްޓަރުންނާއި ޑައިރެކްޓަރުންގެ ޖޯޑަށް ބަލާ އިރު، ޝާހްރުކާއި އަދީއަކީ ބެލުންތެރިން އެންމެ އިތުބާރު ކުރާ އެއް ޖޯޑެވެ. އަދި އެ ދެ މީހުން އެކުގައި މަސައްކަތް ކުރާ ފިލްމަކަށް ބެލުންތެރިން ވެސް މިހާރު ތިބީ ކެތްމަދުވެފަ އެވެ.
ނަމަވެސް މި އަހަރުގެ ތެރޭގައި އަދިތިޔާގެ ފަސް ވަނަ ޑައިރެކްޝަންގެ މަސައްކަތް ފަށާނެކަން އަދި ކަށަވަރެއް ނޫނެވެ. "ޒީރޯ" އަށް ފަހު ޝާކްރުކް "ސެލިއުޓް" އަށް ތައްޔާރު ވާން ފަށާނެ އެވެ. މިއީ އިންޑިއާގެ މަޝްހޫރު އެސްޓްރޮނޯޓް ރާކޭޝް ޝަރްމާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ބައޮޕިކެކެވެ.
ޝާހްރުކްގެ ދެ ފިލްމެއް މިދިޔަ އަހަރު ސިނަމާތަކަށް އަ އެވެ. އެއީ "ރައީސް" އާއި "ޖަބް ހެރީ މެޓް ސޭޖަލް" އެވެ.