23 އެޕްރީލް 2018 - 06:51

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ ވަރަށް ޝައުގުވެރި ފިލްމްތަކެއް ކުރިއަށް އެބަ ހުއްޓެވެ. އަންނަ އަަހަރު ރިލީޒް ކުރާ މަލްޓި ކާސްޓް ފިލްމް "ކަލަންކް" އިއުލާން ކުރުމަށް ފަހު އަނެއްކާ ވެސް ކުރިއަށް މިއޮތީ ވަރަށް ހާއްސަ ފިލްމެއްގެ ވާހަކަ އެވެ.
މި ފިލްމަކީ ކަރީނާ ކަޕޫރާއި ސިދާތު މަލޫތުރާ ލީޑް ރޯލުން ފެނިގެން ދާނެ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ލޯބީގެ ފިލްމް ވަރަށް އަވަހަށް ކަރަން އިއުލާން ކުރާނެ އެވެ. މި ވާހަކަތައް މީޑިއާތަކުން ރިޕޯޓް ކުރަން ފެށުމާ އެކު، ގިނަ ބަޔަކު މިހާރު ބުނަމުން އަންނަނީ ކަރީނާ އާއި ސިދާތުގެ ޖޯޑު އެކުގައި ބަލައިލަން ވަރަށް ޝައުގުވެރި ވާނެ ކަމަށެވެ.
އެ ދެ ތަރިން އެކުގައި ކުޅޭ ފިލްމަކީ ކަރަންގެ ދަރްމާ އަށް "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ" އާއި ބަދްރީނާތު ކީ ދުލްހަނިޔާ" ޑައިރެކްޓްކޮށް ދިން ޝަޝަންކް ކައިތާންގެ އެސިސްޓަންޓް ޑައިރެކްޓަރު ރާޖް މެހެތާ ޑައިރެކްޓް ކުރާ ފިލްމެކެވެ. މި އަހަރު ރިލީޒް ކުރި ކަރަންގެ "ދަޅަކް" ގައި ވެސް ޝަޝަންކްއާ އެކު އެސިސްޓެންޓެއްގެ ގޮތުގައި ރާޖް މަސައްތަކޮށްފައިވެ އެވެ.
ކޮންމެއަކަސް މި ފިލްވެގެން ދާނީ ކަރީނާ، 37، އާއި ސިދާތު، 33، ފިލްމެއްގެ ލީޑް ރޯލުން އެކުގައި ފެންނަ ފުރަތަމަ ފަހަރަށެވެ. އެކަމަކު މީގެ ކުރިން ކަރަން ޕްރޮޑިއުސްކޮށް، ސިދާތު މުހިއްމު ރޯލެއް ކުޅުނު 2015 ގެ ފިލްމް "ބްރަދާޒް" ގައި ކަރީނާ ކުޅުނު އައިޓަމް ލަވައެއްގައި ދެ ތަރިންގެ ކެމިސްޓްރީ ކޮންމެވެސް ވަރަކަށް ދައްކައިލި އެވެ.
ކަރީނާ މީގެ ކުރިން ވެސް ވަނީ އޭނާއަށް ވުރެ ހަގު އެކްޓަރަކާ އެކު ފިލްމްތަކެއް ކުޅެފަ އެވެ. އެގޮތުން އިމްރާން ހާން، 35، އާ އެކު އޭނާ ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2012 ގެ "އޭކް މޭ އޯރް އޭކް ތޫ" އާއި 2013 ގެ "ގޯރީ ތެރެ ޕިޔާރް މޭ" އެވެ.
ކަރީނާއަކީ ކަރަންގެ އެންމެ ފެވަރިޓް އެއް ބަތަލާ އެވެ. އެހެންވެ ޒަމާންގަނޑަކަށް ފަހު ކަރީނާ ލައްވައި ފިލްމެއް ކުޅުވުން ކަރަން ހުރީ ވަރަށް ބޭނުންވެފަ އެވެ. އަންނަ ޖޫން 1 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ "ވީރޭ ދީ ވެޑިން" އަށް ފަހު، ކަރީނާ ކުޅޭނެ އެއްވެސް ފިލްމެއް އަދިއެއް ނެތެވެ. އެހެންވެ އެ ފިލްމަށް ފަހު، ކަރީނާ ދެން އެންމެ އަވަހަށް މަސައްކަތް ފަށާނެ ފިލްމަކީ ކަރަންގެ ފިލްމް ކަމަށް ބެލެވެ އެވެ.
"ވީރޭ ދީ ވެޑިން" އަކީ ތައިމޫރް ވިހޭ ފަހުން، ކަރީނާ ސްކްރީނަށް އެނބުރި އަންނަ ފުރަތަމަ ފިލްމް ވެސް މެ އެވެ. ސިދާތު އެންމެ ފަހުން ކުޅުނު ދަރްމާގެ ފިލްމަކީ 2016 ގައި ރިލީޒް ކުރި "ބާރް ބާރް ދޭކޯ" އެވެ.